ފެބްރުއަރީ މަހު މާލެ އަތޮޅުން ގްރީން ޓެކުހަށް 23 މިލިއަން ރުފިޔާ

ފަތުރުވެރިން ރާއްޖެއައިސް ވީއައިއޭގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރުގެ ފެބްރުއަރީ މަހު މާލެ އަތޮޅުން ގްރީން ޓެކުހުގެ ގޮތުގައި 23 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ހިސާބުތައް ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ 2021 ވަނަ އަހަރުގެ ގްރީން ޓެކްސް ރިޕޯޓު ދައްކާ ގޮތުން ފެބްރުއަރީ މަހު ގްރީން ޓެކުހުގެ ގޮތުގައި ޖުމްލަ 63.5 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

އޭގެ ތެރޭ ހިމެނެނީ ރިސޯޓު،ގެސްޓުހައުސް، ހޮޓެލްތަކުން ލިބުނު 62.6 މިލިއަން ރުފިޔާ އާއި ލިވަބޯޑު، ވެސެލްތަކުން ލިބުނު 879،022 ރުފިޔާ އެވެ.

މާލެ އަތޮޅަށް ފަހު ދެން އެންމެ ގިނަ އަދަދެއް ގްރީން ޓެކުހުން ދެއްކީ ރ. އަތޮޅުންނެވެ. އެ އަތޮޅުން 6.6 މިލިއަން ރުފިޔާ ދައްކާފައިވާ އިރު އދ. އަތޮޅުން 5.7 މިލިއަން ރުފިޔާ، ދ. އަތޮޅުން 5.5 މިލިއަން ރުފިޔާ އަދި ބ. އަތޮޅުން ފަސް މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ފެބްރުއަރީ މަހު ގްރީން ފަންޑުން 58 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު ފަންޑުގެ ބެލެންސްގައި މަސް ނިމުނު އިރު 859 މިލިއަން ރުފިޔާ ހުރި ކަމަށް ހިސާބުތައް ދައްކަ އެވެ.

އެ ފަންޑުން ހަރަދު ކުރަނީ ތިމާވެށި ހިމާޔަތް ކުރުމާއި ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތަކަށެވެ.

އެގޮތުން ފެނާއި ނަރުދަމާ ގާއިމް ކުރުމަށާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކަށް އަދި ވޭސްޓް މެނޭޖުމެންޓުގެ މަޝްރޫއުތަކަށް އެ ފަންޑުން ހަރަދު ކުރެ އެވެ.

ގްރީން ޓެކްސްގެ ގޮތުގައި ރިސޯޓަކުގައި ތިބޭ ފަތުރުވެރިންގެ އަތުން ރެއަކާ ދުވާލަށް ހަ ޑޮލަރު ނަގަން ފެށީ 2015 ވަނަ އަހަރުން ފެށިގެން އެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިން އަތުން ރެއަކާ ދުވާލަށް ތިން ޑޮލަރު ނަގަން ފެށީ، 2016 އިން ފެށިގެން އެވެ.

comment ކޮމެންޓް