ވަކި މީހަކު ވެރިކަމުގެ ހަވާސާގައި ހުންނަން ޖެހޭތީ ނިޒާމު ބަދަލެއް ނުކުރެވޭނެ: ރައީސް ވަހީދު

ރައީސް ނަޝީދު އާއި ރައީސް ވަހީދު --

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރާނީ ވަކި މީހަކު ވެރިކަމުގެ ހަވާސާގައި ހުންނަން ޖެހޭތީ ނޫންކަމަށް، ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ރައީސް ވަހީދު މިހެން ވިދާޅުވީ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކޮށް، ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވާފައިވާތީ އެވެ.

މަޖިލިސް ރައީސްގެ މެސެޖުގައި ވިދާޅުވެފައި ވަނީ ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމުގެ މަޝްވަރާތައް ކުރައްވަން ބޭނުންފުޅުވާ ކަމަށާއި، ހަވާސާގައި ހުންނަވަން ބޭނުންފުޅުނުވާ ކަމަށެވެ. އަދި އެމަނިކުފާނު ގައުމު ހިންގަން ބޭނުންފުޅުވާ ކަމަށާއި ބޮޑުވަޒީރަށްވެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

"ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރާނީ ވަކި މީހަކު ވެރިކަމުގެ ހަވާސާގައި ހުންނަން ޖެހޭތީއެއް ނޫން. އެ ބަދަލަކީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ކަމަށް ފެނުނީމަ،" ރައީސް ވަހީދު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ މެސެޖުގައި ހުށަހެޅުއްވީ، 2023ގައި ރިޔާސީ އިންތިހާބު ނުބާއްވައި، އަންނަ އަހަރު ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލު ކުރާށެވެ. އަދި ސަރުކާރު އުވާލާށެވެ.

އެމަނިކުފާނު ހުށަހެޅުއްވީ، މަޖިލީހުގެ މިހާރުގެ ދައުރު ނިމި މަޖިލިސް އިންތިހާބު ބާއްވަންދެން މަޖިލީހުން ގައުމު ހިންގާ ގޮތަށެވެ. އަދި އަލަށް އިންތިހާބު ކުރާ މަަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ގޮތަށްވެސް ހަމަޖެއްސުމަށް ހުށަހެޅުއްވި އެވެ.

ނަމަވެސް މިއީ ރައްޔިތުންގެ ވޯޓުން ނޫނީ ނުކުރެވޭނެ ކަމެއްކަން ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ.

މަރަދޫ ދާއިރާގެ މެމްބަރު، އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވީ ވެރިކަމުގެ ނިޒާމު އުވާލައި، އެހެން ނިޒާމަކަށް ފުރޮޅާލުމުގެ ބާރު އޮތީ ހަމަ އެކަނި ރައްޔިތުންނަށް ކަމަށެވެ.

"އެއީ ރައްޔިތުންގެ ވޯޓަކުން ނިންމާފައި އޮތް [ނިޒާމަކަށް] ވީމާ ނިޒާމު ބަދަލުކުރެވޭނީ ރައްޔިތުންގެ ވޯޓަކަށް ގޮސްގެން. އެއީ ރައީސް އަކަށް، ރައްޔިތުންގެ މަޖިލިސް އަކަށް ވެސް ނިންމޭނެ ކަމެއް ނޫން،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރީ އެކަކަށް ދައުލަތުގެ އެތައް ވަޒީފާއެއް އޮތުން ރަނގަޅު ކަމަށް ނުފެނިގެން ކަމަށެވެ.

"އެހެން ގޮތަކަށް ދަންނަވާނަމަ އެއް ބޭފުޅަކު އެތައް ވަޒީފާއެއްގައި ހުރުމުން އެފިޝަންސީ ގެއްލި، އެތައް ދަތިތަކާ ކުރިމަތިލާން ޖެހުމުގެ ހިތްދަތިކަން ރައްޔިތުންނަށް އިހްސާސް ވެގެން. އަނެއްކާ ވެސް ނޫ ގާނޫނުއަސާސީއަށް ރުޖޫއަވާ ވާހަކަ މި ދެއްކެނީ،" ޝަރީފް ވިދާޅުވި އެވެ.

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ ރައްޔިތުން ކޮށްފައިވާ ހުކުމެއް ބާތިލު ކުރެވޭނީ އަނެެއްކާވެސް ރައްޔިތުންގެ ގާތުގައި އަހައިގެން ކަމަށެވެ.

ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވެސް ވިދާޅުވީ ވެރިކަމުގެ ނިޒާމު ކަނޑައަޅާފައިވަނީ ރައްޔިތުންގެ ވޯޓަކުން ކަމަށާއި އެ ނިންމުން ބަދަލުކުރެވޭނީވެސް ރައްޔިތުންނަށް ކަމަށެވެ.

ގާނޫނު އަސާސީގައި ބުނެފައި ވަނީ ދިވެހިދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި އަދި އެ ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމުގެ ދައުރަކީ ފަސް އަހަރު ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާނީ ސީދާ ރައްޔިތުންގެ ސިއްރު ވޯޓަކުން ކަމަށް ގާނޫނުއަސާސީގައި ވަނީ ބަޔާންކޮށްފަ އެވެ.

ގާނޫނުއަސާސީގެ 261 ވަނަ މާއްދާގައި ބުނެފައި ވަނީ ގާނޫނުއަސާސީ އަށް އިސްލާހެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަގުލަބިއްޔަތުން ފާސްކުރާ ގާނޫނަކުން ކަމަށެވެ. އަދި 262 ވަނަ މާއްދާގެ (ހ)ގައި ބުނެފައި ވަނީ ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ގާނޫނަކަށް ވާނީ ރައީސުލްޖުމްހޫރިއްޔާ އެ ބިލެއް ތަސްދީގު ކުރުމުން ކަމަށެވެ.

އެ މާއްދާގައި އެހެން އޮތް ނަމަވެސް، ގާނޫނުއަސާސީ ގެ އަންނަނިވި މާއްދާތަކަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އެއްވެސް ބިލެއް ރައީސް ތަސްދީގު ކުރަންވާނީ އެ އިސްލާހެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއްގައި، އެ އިސްލާހެއް ގެނައުމަށް، ވޯޓުދިން މީހުންގެ އަގުލަބިއްޔަތު ލިބިއްޖެ ނަމަ އެކަންޏެވެ.

1. "އަސާސީ ހައްގުތަކާއި މިނިވަންކަން" މި ބާބުގައި ހިމެނޭ އެއްވެސް މާއްދާއެއް
2. ރައްޔިތުންގެ މަޖިލީހުގެ އުމުރު
3. ރިޔާސަތުގެ ދައުރު އަދި ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާ ގޮތް

އެ އިސްލާހެއް ގެނައުމަށް، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި ވޯޓުދިން މީހުންގެ އަގުލަބިއްޔަތު ނުލިބިއްޖެނަމަ އެ ބިލެއް ބާތިލްވާނެ ކަމަށް ގާނޫނުއަސާސީގައި ބުނެ އެވެ.

ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމާ ގުޅޭ ވޯޓެއް 2007 ވަނަ އަހަރު ނެގި އެވެ. އެ ވޯޓުގައި ދިވެހި ރައްޔިތުން ނިންމާފައި ވަނީ ރިޔާސީ ނިޒާމަކުން ވެރިކަން ހިންގުމަށެވެ.

ނަމަވެސް 2008 ވަނަ އަހަރު އަމަލުކުރަން ފެށި ފެހި ގާނޫނުއަސާސީ ބިނާވެގެން އައީ ބަރުލަމާނީ ސިފައިގައި ކަމަށާއި، ވެރިކަން ހިންގަން އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް މަޖިލިސް ރައީސް އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

comment ކޮމެންޓް