އިތުރު ރުފިޔާ ޗާޕް ކުރަން ދީފައި އޮތް ހުއްދަ އަހަރަކަށް ދަންމާލަން އެދިއްޖެ

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު -- ސަން ފޮޓޯ: ފަޔާޒު މޫސާ

ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑުރޯ ކުރަން ނުވަތަ އިތުރު ރުފިޔާ ޗާޕް ކުރެވޭ ގޮތަށް ދީފައި އޮތް ހުއްދަ އިތުރު އެއް އަހަރަށް ދަންމާލުމަށް ފިނޭންސް މިނިސްޓްރީ އިން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ކޮވިޑް19އާ ގުޅިގެން ކުރިމަތިވި އިގްތިސާދީ އަދި މާލީ ލޮޅުމާ ގުޅިގެން ދައުލަތުގެ ހަރަދުތައް ހަމަޖައްސައި ހިދުމަތް ދިނުމުގެ ކަށަވަރުކަން ދިނުމަށް ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ގާނޫނުގެ ބައެއް މާއްދާތަކަށް އަމަލު ކުރުން ފަސްކުރުމަށް ކަނޑައަޅާފައިވާ މުއްދަތު އިތުރު ކުރުމަށް އެދޭ ކަމަށެވެ.

ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ގާނޫނުގެ 36 ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލީހަށް ލިބޭ ބާރުގެ ދަށުން އެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ) އަށް އަމަލު ކުރުން މިދިޔަ އަހަރުގެ އޭޕްރީލް 26 ވަނަ ދުވަހުން ފެށިގެން އެއް އަހަރަށް ވަނީ ސަސްޕެންޑްކޮށްފަ އެވެ.

އެ މާއްދާގެ (ހ) ގައި ބުނެފައިވަނީ މަރުކަޒީ ބޭންކުން ދައުލަތަށް ދަރަންޏަށް ފައިސާ ނެގޭނީ 91 ދުވަހުގެ ތެރޭގައި އެފައިސާ ދައްކާ ހަލާސްކުރާ ގޮތަށް ކަމަށެވެ. އަދި އެގޮތަށް ފައިސާ ނެގޭނީވެސް ވޭތުވެދިޔަ ތިން އަހަރުގެ ސަރުކާރުގެ އެވްރެޖް އާމްދަނީގެ އެއް ޕަސެންޓަށްވުރެ އިތުރު ނުވާ ގޮތަށް ކަމަށްވެސް އެ މާއްދާގައި ވަނީ ބުނެފަ އެވެ.

އެ މާއްދާއަށް އަމަލުކުރުން ފަސްކޮސްފި ނަމަ ވަކި މުއްދަތެއް ނެތް ގޮތަށް މަރުކަޒީ ބޭންކުން ދައުލަތަށް ދަރަންޏަށް ފައިސާ ނެގޭނެ އެވެ. އަދި ދަރަންޏަށް ފައިސާ ނަގާއިރު ލިމިޓެއް ނެތި ދަރަންޏަށް ފައިސާ ނެގޭނެ ކަމަށްވެސް ބެލެވެ އެވެ.

އޭގެ އިތުރުން 32 ވަނަ މާއްދާގެ (ރ) ގައި ބުނެފައިވަނީ ދައުލަތުން ދަރަންޏަށް ފައިސާ ނަގަން ވާނީ ގައުމީ ތަރައްގީގެ މަޝްރޫއުތަކާއި އުފެއްދުންތެރިކަން އިތުރުކުރެވޭނެ ވަސީލަތްތައް ހޯދުމަށް އެކަނި ކަމަށެވެ. ޖެނުއަރީ1، 2016 އިން ފެށިގެން ދައުލަތުގެ ދަރަނި އަދާކުރުމަށް ދަރަންޏަށް ފައިސާ ނަގައިގެން ނުވާނެ ކަމަށް އެ މާއްދާގައި ބުނެފައިވެ އެވެ.

އެ މާއްދާގެ (ބ) ގައި ބުނެފައިވަނީ ދައުލަތުގެ ކޭޝް ފްލޯ މެނޭޖް ކުރުމުގެ ބޭނުމަށް ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމުގެ ބޭނުމަށްޓަކައި ގިނަވެގެން 14 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް މަރުކަޒީ ބޭންކުން ދައުލަތަށް ފައިސާ ނެގޭނެ ކަމަށެވެ.

މިިނިސްޓަރު އަމީރުގެ ސިޓީގައި ވިދާޅުވެފައި ވަނީ އިގްތިސާދީ ގޮތުން ރާއްޖެ ފުން ވަޅުގަނޑަކަށް ވެއްޓުނު އިރު، ވިޔަފާރިތަކަށާއި އާންމު ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދެވުނު ކަމަށާއި ކޮވިޑާ ގުޅިގެން ކުރަންޖެހުނު ސިއްހީ ހޭދަތަކާއި ރައްކާތެރިކަމަށް ކުރަންޖެހުނު ހަރަދުތައް ހަމަޖައްސަން ފުރުސަތު ލިބިގެން ދިޔަ ކަމަށެވެ.

އެ އިސްތިސްނާތަކަށް އަހަރެއްވާން ކައިރިވެފައިވާއިރު، އަދި އިގްތިސޯދީ އެ ފުން ވަޅުގަނޑުން އަރައިގަނެވިފައި ނުވާ ކަމަށާއިކޮވިޑުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދީ އަދި މާލީ ހާލަތަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އަމީރުގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.

މިނިސްޓަރުގެ ސިޓީގައި ފާހަގަކުރައްވާފައިވާގޮތުގައި މި ހުސްވި 2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ރާއްޖޭގެ އިގުތިސޯދީ ކުރިއެރުން އެހެން އަހަރުތަކާ އަޅާ ބަލާއިރު ވަނީ ދަށްވެފައެވެ. އަދި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައވިވެސް އިގުތިސޯދީ ކުރިއެރުން ދަށްވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ވަނީ ފާހަގަ ކުރައްވައިފައެވެ.

މީގެެ އިތުރުން މިނިސްޓަރު ފާހަގަކުރައްވާފައިވާގޮތުން، ކޮވިޑުގެ ކުރިއާ އަޅާބަލާއިރު ވަޒީފާ ނެތް މީހުންގެ ނިސްބަތް ނުވަތަ އަން އެމްޕްލޯއިމެންޓް ރޭޓުވެސް ވަނީ އިތުރުވެފައެވެ. އަދި ވިޔަފާރިތަކުގެ ސޭލްސް ނުވަތަ ވިކުރާ އަށްވެސް އޭގެ ނޭދެވޭ އަސަރަު ކޮށްފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

"އަދި ކޮވިޑު19ގެ ބަލިމަދުކަމާ ގުޅިގެން އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވަލައިފައެއްވެސް ނުވެ އެވެ. އެހެންކަމުން ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 36 ވަނަ މާއްދާގެ ދަށުން ލިބިދޭ އިސްތިސްނާ ހާލަތުން އަދި އަރައިގަނެވިފަިއ ނުވެ އެވެ."

މިނިސްޓަރުގެ ސިޓީގައި ވިދާޅުވީ ޕެންޑެމިކް ހާލަތުގައި ދެމިއޮތުމުގެ ސަބަބުން އެ މާއްދާގެ (ހ)ގައި ބަޔާންކުރާ ގުދުރަތީ ކާރިސާއެއް އޮތްކަމަށާއި މިދިޔަ ހަތަރު ކުއާޓަރުގައި ރާއްޖޭގެ އުފެއްދުންތެރިކަން ދަށްވެފައިވުމާއި، އަންއެމްޕްލޮއިމެންޓު ރޭޓު މަތީގައި ހުރުމާއި ބޭރު ފައިސާގެ އާމްދަނީ ދަށްވެފައިވުމާއެކު ރާއްޖޭގެ ބެލެންސް އޮފް ޕޭމެންޓަށް ލޮޅުން އައިސްފައި ވުމާއެކު އެ މާއްދާގެ (ށ)ގައި ބަޔާންކުރާ އިގުތިސޯދީ ބޮޑު ހީނަރުކަމެއް ދިމާވެފައިވާ ކަމަށެވެ.

މި ދަނޑިވަޅުގައި، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ބައެއް ފިސްކަލް ހަމަތަކަށް އަމަލުކުރުމަކީ ރާއްޖޭގެ މާލީ ހަލަތު ތަންދޭ ކަމެއް ނޫން ކަމަށާއި މިވަގުތު އާންމު ހާލަތަށް ރުޖޫއަވާން މަސައްކަތް ކޮށްފިނަމަ، ރާއްޖޭގެ އިގްތިސޯދަށް ދައުލަތް މެދުވެރިކޮށް ދެމުން އަންނަ ސަޕޯޓައި ދައުލަތުގެ ކޭޝްފްލޯ މެނޭޖު ކުރުމަށާއި ދައުލަތް ހިންގުމަށް ގޮންޖެހުން ކުރިމަތިވާނެ ކަމަށް އެ ސިޓީގައި ވަނީ ވިދާޅުވެފައެވެ.

އަމީރުގެ ސިޓީގައި އެދިވަޑައިގެންފައިވަނީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ) އަށް އަމަލުކުރުން ސަސްޕެންޑުކުރުމަށް ދީފައިވާ ހުއްދަ 2021 އޭޕްރީލް 26އިން ފެށިގެން އިތުރު އަހަރަކަށް އިތުރުކޮށްދިނުމަށެވެ.

މިދިޔަ އަހަރުގެ ތެރޭގައި އެމްއެމްއޭ އިން ވަނީ ދަުަލތް ހިންގުމަށް ބޭނުންވާ 4.4 ބިލިއަން ރުފިޔާގެ އޯވާ ޑްރާފްޓެއްވެސް ދޫކޮށްފައެވެ.

comment ކޮމެންޓް