ގިނަމީހުންނަކީ ތަފާތު އުކުޅުތަކެއް ބޭނުންކޮށްގެން ބަރުދަން ލުއިކުރެވުނު ކަމުގައިވިޔަސް ބަނޑު ހިނދުމަކަށް މާބޮޑު ބަދަލުތަކެއް އަންނަ ބައެއްނޫނެކެވެ. އަގުބޮޑު ކޮފީއާއި ތަފާތު ފަތްޕިލާވެއްޔާއި ސަޕްލިމެންޓާއި ބަނޑު ހިންދާ ސައިންވެސް ގިނަފަހަރު އެދެވޭވަރަށް ބަނޑު ނުހިނދޭތަން އާދެއެވެ. ހަގީގަތުގައިވެސް މިއީ އެންމެންވެސް ވަރަށް މާޔޫސްވާކަމެކެވެ.
ހަށިގަނޑުގެ އެހެނިހެން ގުނަވަންތައް ހިކޭފަދައިން ބަނޑު ނުހިނދެނީ ކީއްބެވާބާއޭ މިއީ ވަރަށް ގިނަމީހުންގެ ސުވާލަކަށްވަނީ ވެފައެވެ. ދިރިއުޅުމުގެ ވައްޓަފާޅިއަށް ނަޒަރު ހިންގާލާއިރު މީގެ ޖަވާބު ވަރަށްވެސް ސާފެވެ. އެގޮތުން ނިދާހޭލާ ވަގުތާއި، ކެއުމުގައި ބޭނުންކުރާ އެއްޗިއްސާއި، ސްޓްރެސް އެއީ މިކަމަށް ބާރުދޭ މަދުކަންތައްތަކެވެ. ނަމަވެސް މިކަންތައްތައް ރަނގަޅު ގޮތަކަށް ބަދަލުކޮށް، ބަރާބަރަށް ކަސްރަތުކޮށް، ކެއުމަށް އެކަށީގެންވާ ދުޅަހެޔޮ ބަދަލެއް ގެނައުމުން ބަނޑު ހިންދުމަކީ އުނދަގޫ ކަމަކަށް ނުވާނެއެވެ. އެގޮތުން ކެއުމަށް އެންމެ ރަނގަޅީ ކޮން ވައްތަރުތަކެއްތޯ ނުވަތަ ބަނޑުހިންދުމަށް އެންމެ މުޖައްރިބު ގޮތަކީކޮބައިތޯމިއީ އުފެދޭ ސުވާލެކެވެ.
އަހަރުމެން ދިވެހީންގެ ތެރެއިން ބައެއް މީހުންނަކީ މިހަރަކައް އައިސް އެމީހުން އުޅެންޖެހިފައިވާ ގޮތުންނާއި އަދި މިނޫންވެސް ސަބަބުތަކާހުރެ ބޭރުން ކެއުމަށް އާދަވެފައިވާ ބައެކެވެ. ނަމަވެސް މިއީ މީގެކުރިން ދިވެހިން ދުށްގޮތެއްނޫނެވެ. ތަހުޒީބުގެ އަވައިގައިޖެހި މިއަދު ވިލާތު ކެއުންތައް އައިސް މިދަނީ އަހަރެމެންގެ ތެރޭގައި ރަސްކަންކުރަމުންނެވެ. ތަފާތު ސްޕެގެޓީއާއި ބާގަރ، މޮޅެތި ތަންތަނުން އަޖުމަ ނުބަލަނީކަމުގަ ވާނަމަ އެވީ "ވަރަށް ދަށުމީހަކަ"ށެވެ.
ހަގީގަތުގައި ބަނޑު ހިންދުމަށް ހުރަސް އަޅާއެންމެ ބޮޑު އެކައްޗަކީ މިދެންނެވި ބޭރުން ކެވޭ ކެއުމެވެ. ސަބަބުތަކެއް ނެތިއެއް ވެސް ނޫނެކެވެ. އާންމުގޮތެއްގައި ބަންދުކުރެވިފައިވާ ކެއުންތައް ނުވަތަ ތަންތަނުން މިކެވޭ ކެއުމަކީ ބަލާބެލުމަށް ކިތަންމެރީތިކޮށް އަތުރާލެވިފައިވީ ރީތިކެއުން ތަކެއްގެ ގޮތުގައި ތައްޔާރުކޮށްފައިވާ އެއްޗަކަށް ވީނަމަވެސް ގިނަފަހަރު އެތައްޔާރުކުރުމަށް ބޭނުންކުރެވޭ އެއްޗެއް ނޭގެއެވެ. ބޭނުންކޮށްފައިވާ މިންވަރެއްނޭގެއެވެ.
އިންސާނާގެ ހަށިގަނޑު އުފެދިފައިވާ ގޮތުން އެކި މީހުންނަށް ކާއެއްޗެހި ބޭނުންވާނީ އެކި މިންވަރަށެވެ. ގިނަފަހަރު އެއްވެސް ލިމިޓެއްނެތިވެ ހަށިގަނޑަށް ބޭނުންނުވާ މިންވަރަށް ކާއެއްޗެހި ނޭނގި ނަމަވެސް ކެވުން މިއީ ތިމާގެ ބަރުދަން އަތްނުފޯރާހިސާބަށް ދާން މެދުވެރިވާ މައިގަނޑު ސަބަބެވެ. ނަމަވެސް ކެއުން ވަކި ހުދޫދެއްގެ ތެރޭގައި ބަހައްޓައި، ހަށިގަނޑަށް ބޭނުންވާ މިންވަރު އަންދާޒާ ކުރުމަށްފަހު ކެއުމުގެ ސަބަބުން ތިމާ ލޮޑުނުވާވަރަށް ކެއުން ކުރިއަށްގެންދެވޭނަމަ ތިމާ ފުރިހަމަސިއްޙަތަކަށް އެކަށޭނަ މިންވަރަކަށް ހަށިގަނޑު ބައްޓަން ވެގެން ދާނެކަން ކަށަވަރެވެ. އެގޮތުން ކެއުމުގައި ލޮނު އަދި ތެޔޮ ބޭނުންކުރުމުގައި ވީހާވެސްމަދުން ބޭނުންކުރުން އެދެވިގެންވެއެވެ.
ބަނޑު ހިންދުމަށް ދެން ކުރެވިދާނެ އެންމެ ރަނގަޅުކަމަކީ ކެއުމުގައި ފެޓްސް ހުންނަ ކާނާއަށްވުރެ ޕްރޮޓީންސް އެކުލެވޭ ކާނާހިމެނުމެވެ. އެއީ އޭގެ ސަބަބުން ބަނޑުގައި ޖަހާފައި ހުންނަ ފެޓް ޓިޝޫސް ވިރުވާލަދޭތީއެވެ. ހަމަ އެއާއެކު ބައެއް ކަހަލަ ކާނާތަކަކީ އޭގެ ޒާތުގައި ބަނޑުފުފުމަށް ވަރަށް ބޮޑު ރޯލެއްކުޅޭ ކާނާތަކެކެވެ. އޭގެ ތެރޭގައި ތޮޅި، މާގަނޑު ކޮޕީ ކަހަލަ ތަރުކާރީ ހިމެނެއެވެ. އެގޮތުން މިހިމަނާލަނީ ބަނޑު ހިންދުމަށް ދުވަހުގެ ކެއުމުގައި ހިމެނުން ރަނގަޅު ބައެއް ބާވަތްތަކަށެވެ.
1. ޔޯގަޓް: ޔޯގަޓަކީ މިހާރުވެސް ޑައިޓްކުރާ މީހުންނަށް އާއެއްޗަކަށް ނުވާނެއެވެ. ހަށިގަނޑަށް ފައިދާހުރި މަތީ އަދަދަކަށް ޕްރޮޓީންސް، ވިޓަމިން އަދި ކެލްސިއަމްއިން ފުރިފައިވާ މިކެއުމަކީ ބަނޑުގައި ސަރުބީ ޖެހުމަށް މަގުފަހިކުރުވާ ސްޓްރެސް ހޯމޯން އެއް ކަމަށްވާ ކޯޓިސޯލް އުފެދުން ދައްކޮށްދޭ ލުއިކެއުމެކެވެ.
2. ބޮޑުކެކުރި (ކިއުކަމްބަރ): ބޮޑުކެކުރިއަކީ ދިވެހީންގެ އާންމު ކެއެމުގައި ވަރަށް ގިނައިން ބޭނުންކުރާ ތަރުކާރީގެ ބާވަތެކެވެ. މިގޮތުން ބޮޑުކެކުރި ޖޫހަކީވެސް ދިވެހީންގެ މެދުގައި ނަންމަޝްހޫރު އެއްޗެކެވެ. އެއީ ހަޖަމުކުރުމާއި ގުޅުންހުރި މައްސަލަތައް ކަމުގައިވާ މޭއެންދުން، ބަނޑުގައި ގޭސް ހެދުން، ބަނޑުހަރުވުން، މައިދާގައި ފާރުހެދުން ފަދަ ކަންތައްތަކަށް ލުއިކަން ގެނެސްދޭ އެއްޗަކަށް ވުމުންނެވެ. އެއީ ސަޓަނިހަދަން ބޭނުންކުރިނަމަވެސް ނުވަތަ ފޭޝަލް ހަދަން ކަމުގައި ވީނަމަވެސް ބޮޑުކެކުރިއަކީ އޭގައި އެކުލެވިގެންވާ ފެނާއި ޑައިޓަރީ ފައިބަރ ގެ ސަބަބުން ހަށިގަނޑުގެ ދުޅަތިރިކޮށް، ހަޖަމުކުރުން ރަނގަޅުކޮށްދީ ބަނޑާއި ގޮހޮރުން ވިހަބޭރުކޮށް ސާފުކޮށްދިނުމަށް ރަނގަޅު އެހީއެކެވެ.
3. ބަރަބޯ (ޕަމްޕްކިން): ދިރާސާތަކުން ދައްކާގޮތުގައި ފައިބަރަކީ ހަޖަމުކުރުން ރަނގަޅުކޮށްދީ ބަނޑުފަސޭހަ ކުރުމަށް އެހީވެ ގޮހޮރުގެ ކެންސަރުން ރައްކާތެރިވުމަށް އެހީވެދޭ މާއްދާއެކެވެ. ބަރަބޮލަކީ ގިނަ އަދަދަކަށް މިދެންނެވި މައުދަނު އެކުލެވިގެންވާ އެއްޗަކަށްވުމުން ބަނޑުހިކިފައިވާ މީހުންނަށްވެސް ރައްކާތެރިކަމާއިއެކު ބޭނުންކުރެވިދާނެ ފައިދާހުރި ބާވަތެކެވެ. އަދިހަމައެއާއިއެކު ބަރަބޮލުގައި އެކުލެވިގެންވާ ޕޮޓޭސިއަމްގެ ސަބަބުން މިއީ ހަޖަމުކުރުމުގެ މަސައްކަތަށް ލުއިކަން ގެނެސްދޭ އެއްޗެއްވެސްމެއެވެ.
4. ބޯވެލި ފަތް (ސްޕިނެޗް): ބޯވެލި ފަތަކީ އެކަށޭނެ މިންވަރަކަށް ޑައެޓަރީ ފައިބަރ ހިމެނޭ އަދި މަދުއަދަދަކަށް ސަރުބީ ހުންނަ ހަކަތަ މަދުން ލިއްބައިދޭ ދިވެހީންގެ ކެއުމާއި ރަޙްމަތްތެރި ފަތްޕިލާވެލީގެ ބާވަތެކެވެ. މިސަބަބުތަކާއިހުރެ ބޯވެލި ފަތަކީ ބަރުދަން ލުއިކުރުމަށާއި ސަރުބީ ދަށްކުރުމަށް އެންމެ އާންމުކޮށް ބެނުންކުރެވިދާނެ ފަތްޕިލާވެލީގެ އެއް ބާވަތްވެސް މެއެވެ..
5. ރަތްމުޅާ (ބީޓްރޫޓް): ރަތްމުޅާ ނުވަތަ ބީޓްރޫޓް އަކީ ދިވެހީންގެ ސުފުރާމަތި ކުލަގަދަކޮށްދިނުމުގެ އިތުރުން ހަށިގަނޑަށްވެސް އެހާމެ ފައިދާހުރި އެއްޗެކެވެ. ފައިބަރާއޮ، ފްލޭވޮނޮއިޑާއި ބީޓާސައެނިން އިން ފުރިފައިވާ މިކުލަގަދަ ތަރުކާރީއަކީ އޭގެ ސަބަބުން ލޭހޮޅިތަކުގެ ފާރުގައި ސަރުބީ ތަތްވެ ހަރުލުން ކުޑަކޮށްދީ، ލޭގައި ނުރަގަޅު ސަރުބީގެ މިންވަރު ދަށްކޮށްދީ، ހާރޓް އެޓޭކް ޖެހުމާއި، ސްޓްރޯކް ޖެހުމުގެ ފުރުޞަތު ކުޑަކޮށްދީ، ބަނޑަށް ލުއިކަމާއި ފަސޭހަކަންގެނުވައިދޭ އެއްޗެއްވެސްމެއެވެ.
މީގެ އިތުރުން އަލަނާސީ، ކަރާ، އިނގުރު، ދަވިއްގަނޑު، ދޮންކެޔޮ، ވިލާތުބަށި، ފަޅޯ ކަހަލަ ކާނާތަކަކީވެސް އޭގެ ވާހަކަ ނުދައްކާ ދޫކޮށްލެވޭ ވަރުގެ އެއްޗެއްސެއްނޫނެކެވެ. ވީއިރު ސިއްހަތާއި އެކުރި މިކަހަލަ ކާނާތަކެއް އިޙްތިޔާރުކުރުމުން ބަނޑަށް ކުރާ ހަގީގީ ފަސޭހަ އަޖުމަ ބަލާލަމާތޯއެވެ.
ނޯޓު: ރިޔާޝް ރިޔާޒަކީ އެރިޒޯނާ ސްޓޭޓް ޔުނިވާސިޓީން ބަޗެލާ އޮފް ސައިންސް އިން އެކްސަސައިޒް ސައިންސް އެންޑް ނިއުޓރިޝަން ހާސިލުކޮށްފައިވާ، އަދި ހަ އަހަރުގެ ތަޖުރިބަ ލިބިފައިވާ ސެޓިފައިޑް ނިއުޓްރިޝަނިސްޓް އަދި މާސްޓާ ޓްރެއިނާއެކެވެ. ރާއްޖޭގެ ފިޓްނަސް އިންޑަސްޓްރީގައި 50 އަށް ވުރެ ގިނަ ޕްރޮފެޝަނަލުން އުފައްދާފައިވާ ރިޔާޝް މަސައްކަތްކުރަނީ ފިޓްޒޯން ޖިމްގެ މެނޭޖަރެއްގެ ގޮތުގަ އެވެ.