ރާއްޖެއަށް މެދުކެނޑުމެއް ނެތި އަސާސީ މުދާ ފޯރުކޮށްދޭނަން: އިންޑިއާ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރުއާ ނިއުދިއްލީގައި ބައްދަލުކުރެއްވުމުގެ ތެރެއިން --

ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ އިންޑިއާއިން މެދުނުކެނޑި ފޯރުކޮށްދެމުންދާނެ ކަަމށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރުއާ ނިއުދިއްލީގައި ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުން އޮތީ ހައިދަރްއާބާދު ހައުސްގަ އެވެ.

އެ ބައްދަލުވުމުގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތާއި، ވެކްސިން ޕްރޮގްރާމްތަކާ ބެހޭ ގޮތުން އެ ދެ ބޭފުޅުން ވާހަކަ ދެއްކެވި އެވެ. ޕެންޑެމިކްގެ ތެރޭގައި އިންޑިއާއިން ދިވެހި ރައްޔިތުންނަށް ވެދެއްވި އެހީތެރިކަމަށްޓަކައި އިންޑިއާ ސަރުކާރަށް މިނިސްޓަރު ޝާހިދު ޝުކުރު އަދާކުރެއްވި އެވެ.

ޑރ. ޖައިޝަންކަރު ވަނީ ދިވެހިރާއްޖޭގެ އިޖްތިމާއީ އަދި އިގުތިސާދީ ތަރައްގީއަށް އިންޑިއާއިން ވެދެމުން އަންނަ އެހީތެރިކަން މެދުނުކެނޑި ފޯރުކޮށްދެވާނެކަނުގެ ޔަޤީންކަން ދެއްވާފަ އެވެ. އެގޮތުން ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ، އެއްވެސް މެދުކެނޑުމެއް ނެތި ރާއްޖެއަށް ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

އެ ބައްދަލުވުމުގައި ބައިނަލްއަގުވާމީ މުޖްތަމައުގައި ގުޅިގެން މަސައްކަތްކުރުމާއި، ރާއްޖޭގައި އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްދާ މަޝްރޫއުތަކާ ބެހޭ ގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.

ޑރ. ޖައިޝަންކަރު މިދިޔަ ފެބްރުއަރީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންނެވި އެވެ. އޭނާގެ ދަތުރުފުޅުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ސޮއި ކުރި އެވެ.

comment ކޮމެންޓް