ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުން މިޔަރު ބާނާތީ އިންޒާރު

މިއަދު މިޔަރު މަސްވެރިކަން ކުރަމުންދަނިކޮށް ފުލުހުން ހުއްޓުވި ދޯނީގައި ބާނާފައި ހުރި މިޔަރު --

ގަވައިދާއި ހިލާފަށް މިޔަރުގެ މަސްވެރިކަންކުރާ ފަރާތްތަކުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް ވަދެ، މިޔަރު ބާނާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ދީފި އެވެ.

އީޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރެއިން ހިފުމާއި، ބޭނުމާއި، ނެގުމާއި، މެރުން މަނާ ބާވަތްތައް ހިފާ ކަމުގެ ޝަކުވާ އެ އެޖެންސީއަށް ދަނީ ލިބެމުންނެވެ.

އެގޮތުން އަރިއަތޮޅުގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުން، ރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދުގެ ދަށުން ބޭނުން މަނާކޮށްފައިވާ ކަނޑުގެ ދިރުންތައް ބޭނުމަށާއި ހިފުމަށް ބޭނުންކުރާ އާލާތްތަކާއި ބާނާފައިހުރި މަހުގެ ބާވަތްތައް ފެނިފައިވާ ކަމަށް އީޕީއޭ އިން ބުންޏެވެ.

ތިމާވެށީގެ ގާނޫނުގެ ދަށުން ހިމާޔަތްކުރާ ސަރަހައްދުތަކަކީ އެ ސަރަހައްދުގެ ދިރުންތަކާއި މާހައުލުތައް ރައްކާތެރިކުރުމާއި އެކު އެސަރަހައްދުގެ ގުދުރަތީ މުއްސަނދިކަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމާއެކު ރައްކާތެރިކުރުމަށް ހިމާޔަތްކުރާ ސަރަހައްދުތަކެކެވެ.

އެފަދަ ސަރަހައްދުތައް ހިމާޔަތްކޮށް ބެލެހެއްޓުމަކީ، ރާއްޖޭގެ ތިމާވެއްޓަށާއި އިގްތިސާދަށް އެކަމުގެ ސަބަބުން ގިނަގުނަ ފައިދާތަކެއް ލިބިދޭ ކަމެކެވެ.

ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނުގެ ދަށުން ހިމާޔަތްކުރާ ސަރަހައްދުތަކުގައި ކުރެވޭނެ ކަންކަމާއި އަދި ނުކުރެވޭނެ ކަންކަން ވަނީ ކަނޑައަޅައިފަ އެވެ.

ނަމަވެސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުން، ރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދުގެ ދަށުން މަނާކުރެވިފައިވާ ބާވަތްތައް ހިފަމުންދާކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށް އީޕީއޭ އިން ބުންޏެވެ.

"މިގޮތުން ގަވައިދާއި ހިލާފަށް މިޔަރުގެ މަސްވެރިކަންކުރާ ފަރާތްތަކުން ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކަށްވަދެ، މިޔަރު ބާނަމުންދާކަމުގެ ޝަކުވާއާއި ރިޕޯޓްތައް މިއެޖެންސީއަށް ދަނީ ލިބެމުންނެވެ. ވީމާ، ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކުގައި ގަވާއިދާއި ހިލާފަށް މަސްވެރިކަންކުރާ ފަރާތްތަކާއި ދޭތެރޭ، ތިމާވެށީގެ ގާނޫނުގެ ދަށުން، ފިޔަވަޅު އަޅާނެ ވާހަކަ ދެންނެވީމެވެ." އީޕީއޭ އިން ބުންޏެވެ.

ރާއްޖޭގައި މިޔަރުގެ މަސްވެރިކަން ކުރުން މަނާ ކުރީ 2010 ވަނަ އަހަރު އެވެ. އަދި އެއާއެކު މިޔަރުގެ އުރަހަ ފަދަ ތަކެތި އެކްސްޕޯޓު ކުރުންވެސް ވަނީ މަނާކޮށްފަ އެވެ.

މިޔަރު މަސްވެރިކަން މަނާ ކުރިއަސް ގަވައިދާ ހިލާފަށް އެކަން އަދިވެސް ކުރެ އެވެ. އެގޮތުން، ލޮނުމަހުގެ ތެރޭގައި ފޮރުވައިގެން، ވައިގެ މަގުން ރާއްޖޭއިން ބޭރުކުރަން އުޅުނު 429 ކިލޯގެ މިޔަރު އުރަހަ މި އަހަރުގެ ޖެނުއަރީ މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގެންފައިވެ އެވެ. އަދި މިދިޔަ މާޗު މަހުގެ 22 ވަނަ ދުވަހު ވެސް މިޔަރުގެ މަސްވެރިކަން ކުރަމުން ދިޔަ ބަޔަކު ވަނީ ހިފަހައްޓައިފަ އެވެ.

މިޔަރުގެ އާބާދީ ވަރަށް ބޮޑަށް އިތުރުވެ، މަސްވެރިންނަށް އެކަމުގެ އުނދަގޫވާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.

މެނޭޖްޑް ފިޝަރީއެއްގެ ގޮތުގައި މާކަނޑުން މިޔަރުގެ މަސްވެރިކަން ކުރަން ހުޅުވާލަން މަޝްވަރާކުރަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް