ރޯދަ ސިއްހަތު: އޮށްކަދޫ އަކީ ކޯއްޗެއްކަން އެނގޭތަ؟

އޮށްކަދޫ --

ފަހަރެއްގައި "އޮށްކަދޫ" އޭބުނުމުން ގިނަދިވެހިންނަށް ނޭނގިދާނެ އެވެ. ނަމަވެސް ދައްކަން މިއުޅެނީ ގިނަ ދިވެހިން ދެކިފަރިތަ އަދި ދިވެހީންގެ ނާސްތާއާ އެހާމެ ރަޙުމަތްތެރި އަދި އެކި އުމުރުފުރާތަކުގެ މެދުގައި ވެސް އެވަކާޑޯ މަގުބޫލު އެއްޗަކަށް ވެފައި ވަނީ ސަބަބުތަކެއް ނެތި އެއްނޫނެވެ. ފިތުރަތުގެ މިމޭވާއަކީ އޭގެ ފަހަތުގައި އެތަކެއް ސިއްހީ ފައިދާތަކެއް ފޮރުވިފައިވާ އަގުހުރި މޭވާއެއް ވެސް މެ އެވެ.

އޮށްކަދޫ އަކީ އޭގައި އެކުލެވިގެންވާ، އަހަރުމެން މިކިޔާ ރަނގަޅު ފެޓްސްގެ ސަބަބުން ހިތުގެ ސިއްހަތު ރައްކާކޮށްދޭ އެއްޗެކެވެ. އެއިން ފައިދާ ކުރަނީ ހަމައެކަނި ހިތަށް އެކަންޏެއް ނޫނެކެވެ. ހިތާއި ލޮލާއި އެމީހެއްގެ ދިފާއީ ނިޒާމު ވެސް ވަރުގަދަ ކޮށްދޭ މިކާނާއަކީ ކުޅުންތެރިންނާއި ދުވުންތެރިންގެ މެދުގައި ވެސް ކުލަގަދަ މޭވާއަކަށް މިއަދުވަނީ ވެފަ އެވެ. ފަސޭހައިން ކޮންމެ ކަހަލަ ކެއުމެއްގައި ވެސް އެކުލެވޭނެ މިމޭވާއަކީ އޭގައި ފައިބަރާއި އެންޓީއޮކްސިޑެންޓް (ފްރީ ރެޑިކަލްސް އިން ސެލްސްތައް ރައްކާކޮށްދޭ މައުދަނެއް) ގިނަ އަދަދަކަށް އެކުލެވިގެންވާ މޭވާއެއް ވެސްމެ އެވެ. އަދި ކޮލެސްޓްރޯލް އާއި އިންފެލެމޭޝަން އަދި ލޭގެ ހަކުރުދަށްކޮށްދޭ ވަރުގަދަ އެހީތެރިއެއް ވެސްމެ އެވެ.

ވީއިރު ހަކަތައިން ފުރިފައިވާ މިފެހި މޭވާ ރޯދަ މަހު އަހަރުމެންގެ ކެއުމުގެ ތެރޭގައި ހިމަނާލެވިދާނެ ދެތިން ގޮތެއް ބަލާލަމާ ހިނގާލާށެވެ.

އޮށްކަދޫ އާއި މަސް ސެލެޑް

ބޭނުންވާ ތަކެތި

1.ފެން މަސްދަޅު
2. 8 ބިސް
3. 4 އެވޮކާޑޯ
4. ޗެރީ ޓޮމާޓޯ
5. 1 ކުޑަ ރަތް ފިޔާ
6. މިކްސްޑް ސެލެޑް
7. 4 މޭޒުމަތީ ސަމްސާގެ ލުނބޯ ޖޫސް
8. 2 މޭޒުމަތީ ސަމްސާގެ ޒައިތޫނި ތެޔޮ
9. ލޮނު

އެމީހަކަށް އެންމެ ކަމުދާވަރަކަށް ބިސްތައް ފެނު ކަށްކާލާށެވެ. އެވޮކާޑޯ، ރަތްފިޔާ އަދި ޓޮމާޓޯ ކާން ފަސޭހަވާނެ ވަރަކަށް ކުދިކޮށް ކޮށާލާށެވެ. މިކްސްޑް ސެލެޑް މައްޗަށް ބިހާއި، މަސްދަޅާއި، ޒައިތޫނި ތެލާ، ލުނބޯ ޖޫސް އަތުރާލުމަށް ފަހު ރަހަމީރު ކޮށްލުމަށް ލޮނާއި އެމީހަކު ބޭނުންވާނެ ވަރަކަށް ކުޅިރަހަ އެއްވަރުކުރުމަށް މަސްމިރުސް، މުގު ރިމިރުސް، އަސޭމިރުސް އެޅުމުން ކެއުމަށް ތައްޔާރުވީ އެވެ.

547 ކެލަރީސް 22ގ ކާރބްސް 45ގ ޕްރޮޓީންސް 33ގ ފެޓްސް

ބިސް-އޮށްކަދޫ ޓޯސްޓް

ބޭނުންވާނެ ތަކެތި
1. 4 ފޮތި ޕާން
2. 4 ބިސް
3، 1 އެވޮކާޑޯ

ބިސް އެމީހަކު އިހްތިޔާރުކުރާ ވަރަކަށް ފެނުކަށްކާށެވެ. އާންމު ގޮތެއްގައި ހަ މިނެޓާއި 12 މިނެޓާއިދެމެދެވެ. އެވޮކާޑޯ އުލަކުން ޗިސްކޮށްލުމަށް ފަހު ޓޯސްޓް ކޮށްފައިވާ ޕާންފޮތިމަތީ ބިހާ އެކު އަތުރާލާށެވެ. ރަހަމީރު ކޮށްލުމުގެ ގޮތުން ލޮނާއި މިރުސް އެމީހަކު ބޭނުންވަރަކަށް އެޅުމުން ނިމުނީ އެވެ.

241 ކެލަރީސް 20ގ ކާރބްސް 11ގ ޕްރޮޓީންސް 14ގ ފެޓްސް

އޮށްކަދޫ ސްމޫތީ

ބޭނުންވާނެ ތަކެތި
1. 1 އެވޮކާޑޯ
2. 1 ކިރު
3. 1 ތަށި ޔޯގަޓް
4. 3 މޭޒުމަތީ ސަމްސާ މާމުއި
5. 8 އައިސް ކިއުބް

އެވޮކާޑޯއާއި ކިރާއި ޔޯގަޓާއި މާމުއި އާއި ގަނޑުފެން ރަނގަޅަށް މިކްސަރެއްގައި އޮލަވަންދެން ގިރާލާށެވެ.

370 ކެލަރީސް 9.2ގ ޕްރޮޓީންސް 48.7ގ ކާރބްސް 17.9ގ ފެޓްސް

ނޯޓު: ރިޔާޝް ރިޔާޒަކީ އެރިޒޯނާ ސްޓޭޓް ޔުނިވާސިޓީން ނިއުޓްރިޝަން އެންޑް ޑައެޓެޓިކްސްއިން ޑިގްރީ ހާސިލުކޮށްފައިވާ، އަދި ހަ އަހަރުގެ ތަޖުރިބަ ލިބިފައިވާ ސެޓިފައިޑް ނިއުޓްރިޝަނިސްޓް އަދި މާސްޓާ ޓްރެއިނާއެކެވެ. ރާއްޖޭގެ ފިޓްނަސް އިންޑަސްޓްރީގައި 50 އަށް ވުރެ ގިނަ ޕްރޮފެޝަނަލުން އުފައްދާފައިވާ ރިޔާޝް މަސައްކަތްކުރަނީ ފިޓްޒޯން ޖިމްގެ މެނޭޖަރެއްގެ ގޮތުގަ އެވެ.

comment ކޮމެންޓް