އިންޑިއާއިން ރަޝިއާގެ ސްޕަޓްނިކް ވެކްސިން ބޭނުން ކުރަން ހުއްދަ ދީފި

އިންޑިއާއިން ވަނީ ސްޕަޓްނިކް ފަހެއް ވެކްސިން ބޭނުން ކުރަން ހުއްދަ ދީފަ -- ފޮޓޯ: ރޮއިޓާސް

ދިއްލީ (އޭޕްރިލް 13): ރަޝިއާއިން އުފައްދާފައިވާ ކޮވިޑް-19 ވެކްސިން، ސްޕަޓްނިކް ފަހެއް އިންޑިއާގައި ބޭނުން ކުރަން އެގައުމުން ހުއްދަ ދީފި އެވެ.

ރަޝިއާގެ ދައުލަތުގެ މެޑިކަލް ރިސާޗް ޔުނިޓެއް ކަމަށްވާ ގަމަލެޔާ އިންސްޓިޓިއުޓުން އުފައްދާފައިވާ ސްޕަޓްނިކް ފަހެއް ވެކްސިން އަކީ އިންޑިއާގައި ބޭނުން ކުރަން ހުއްދަ ދިން ތިން ވަނަ ކޮވިޑް ވެކްސިނެވެ. މީގެ ކުރިން އެގައުމުން ވަނީ އެގައުމުގައި އުފައްދާ ކޮވިޝީލްޑް އާއި ކޮވެކްސިން ބޭނުން ކުރަން ހުއްދަ ދީފަ އެވެ.

އިންޑިއާއިން ވަނީ އެގައުމުގައި މިހާތަނަށް ކޮވިޝީލްޑް އާއި ކޮވެކްސިންގެ 100 މިލިއަން ޑޯޒް ޖަހާފަ އެވެ. އެގައުމުން ކޮވިޑް ވެކްސިން ޖަހަން ފެށީ މިދިޔަ ޖެނުއަރީ މަހު އެވެ.

އިންޑިއާއަކީ މިހާރު އެމެރިކާއަށް ފަހު ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ ކޭސްތައް ރިޕޯޓުކޮށްފައިވާ ގައުމެވެ. އެގޮތުން އެގައުމުގައި މިހާތަނަށް 13.5 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހި، ބަލީގައި 170،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.

ރަޝިއާގެ ސްޕަޓްނިކް ފަހެއް ވެކްސިންގެ ތިން ވަނަ ފިޔަވަހީގެ ޓެސްޓުތަކުގެ ނަތީޖާ ނުލިބެނީސް އެ ވެކްސިން މީހުންގެ ގަޔަށް ޖަހަން ފެށުމުން އެގައުމަށް ފާޑު ކިޔުންތައް އަމާޒުވި އެވެ. ނަމަވެސް މިދިޔަ ފެބްރުއަރީ މަހު އެ ވެކްސިންގެ ފަހު ފިޔަވަހީގެ ޓެސްޓުތަކުގެ ވަގުތީ ނަތީޖާ މެޑިކަލް ޖާނަލް ލާންސެޓުގައި ވަނީ ޝާއިއުކޮށްފަ އެވެ. އަދި ކޮވިޑުން ރައްކާތެރިކުރުމުގައި އެ ވެކްސިން 91.6 ޕަސެންޓު ކާމިޔާބު ކަމަށް ޓެސްޓުތަކުން ވަނީ ދައްކާފަ އެވެ.

އެ ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ޖެހެނީ ފުރަތަމަ ޑޯޒް ޖަހާތާ 21 ދުވަސް ފަހުންނެވެ. އަދި އެ ޑޯޒްތައް އާދައިގެ ފްރިޖުގައި ރައްކާ ކުރެވޭނެ އެވެ.

ރަޝިއަން ޑިރެކްޓް އިންވެސްޓްމެންޓު ފަންޑް (އާރުޑީއައިއެފް)އިން ހަރަދުކޮށްގެން އުފައްދާފައިވާ ސްޕަޓްނިކް ފަހެއް ވެކްސިން ބޭނުން ކުރަން ދުނިޔޭގެ 60 ގައުމަކުން މިހާރު ހުއްދަ ދީފައިވާ ކަމަށް ރަޝިއާއިން ބުންޏެވެ. އަދި އިންޑިއާގައި އެ ވެކްސިންގެ 750 މިލިއަން ޑޯޒް ތައްޔާރު ކުރުމަށް އެގައުމުގެ ހަ ކުންފުންޏަކާ އެކު އެއްބަސްވުންތައް ހަދާފައިވާ ކަން އާރުޑީއައިއެފްއިން ހާމަ ކުރި އެވެ.

comment ކޮމެންޓް