ރޯދަ ސިއްހަތު: ދުޅަހެޔޮ ސިއްހަތަކަށް ނިދި

ޒަމާނަށް އައިކުރިއެރުމާއިއެކު އަހަރުމެންގެ ޖީލު ހަފުސްވެއްޖެ އެވެ. މީސްމީޑިއާގެ އަވައިގައިޖެހި އަހަރުމެންގެ ފުރާވަރުކުދިންގެ ހެދިބޮޑުވުމަށް ހުރަސްއެޅިއްޖެ އެވެ. ހަޖަމުކޮށްލަން ދަތި ވާހަކައެއްނަމަވެސް ހަގީގަތަކީ ދަންވަރުގެ ނިދި ނަގާލައި އަހަރުމެން ފޯނުތަކަށް އަޅުދާސްވަމުންދާ ކަމެވެ. ދުޅަހެޔޮ ހަށިހެޔޮ މީހަކަށް ވުމަށް ރޭގަނޑުގެ ނިންޖަކީ ކިހާ މުހިންމު އެއްޗެއްކަން އެއީ އަހަރުމެން އެންމެނަށް އިނގޭ ވާހަކައެކެވެ.

ރޭގަނޑުގެ ހަމަނިދި ނުލިބުމަކީ ތިމާގެ ނަފްސު ހީވެސް ނުކުރާކަހަލަ ނުރައްކަލަކަށް ހުޅުވާލުމުގެ މައިދޮރޭ ބުނިނަމަވެސް ދޮގަކަށް ނުވާނެ އެވެ. ޖިސްމާނިގޮތުންނާއި ނަފްސާނީގޮތުން މީހާބަލިކަށިކޮށްދޭ މައިގަނޑު ހަތުރަކީވެސް އެއީ އެވެ. މަސައްކަތުގައި ބުރަވެގެން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ރޭގަނޑުގެ ނިދި ނުލިބުމަކީ ދިރާސާތަކުން ދައްކާގޮތުގައި ސިކުނޑިއަށް ބަދަލުތަކެއް އައިސް ނިއުރޯންސްތައް މަރުވާ މައިގަނޑުއެއް ސަބަބުވެސް މެ އެވެ. ވީއިރު މި ނިއުރޯންސްތަކަކީ ސިކުނޑީގެ ވިސްނުމުގެ ބާރާއި ކަންކަމަށް މީހާ ޝައުގުވެރިކޮށްދޭ ބާރާއި ހިތްނުތަނަވަސް ވުމުން މީހާ ދުރުކޮށްދޭ އެންމެ މުހިއްމު ރޯލެއް އަދާކުރާ އެއްޗެއްކަން ފާހަގަކޮށްލަން ޖެހެ އެވެ.

ޖިމުން އެކަނި ފުއްދޭ ކަށެއް ނެތް!

ކަސްރަތަށް ބަލަނީ ކަމުގަ ވާނަމަ ޖިމެއްގަ އެމީހަކު ކުރާ މަސައްކަތް މުހިންމުވާ އުސޫލުން ޖިމް ބޭރުގައި ކުރާކަންތައްވެސް އެހާމެ މުހިންމެވެ. ކުރާ ކަސްރަތެއްގެ ހަގީގީ މަންފާ ހަށިގަނޑަށް ކުރުމަށް އާންމު ދިރިއުޅުމުގައި ކެވޭއެއްޗެއްސާއި ބޮވޭއެއްޗެއްސާއި ނިދާގޮތް މުހިންމުކަމީ އެންމެން ދަންނަ ވާހަކައެކެވެ. އެމީހަކީ ހިކެން މަސައްކަތް ކުރާމިޙަކަށް ވީނަމަވެސް ނުވަތަ ބުންވަރު އިތުރުކޮށް މަސްޖައްސުވަން އުޅޭމީހަކަށް ވީނަމަވެސް މިހުރިހާ ކަންތައްތަކަކީ ރަނގަޅު ނިންޖަކާއި ގުޅިލާމެހިފައިވާ ކަންތައްތަކެކެވެ. ކަންމިހެން ހުރިއިރު އަހަރުމެން ނިންޖާއި އެހާ ދުރީ ކީއްވެބާވަަ އެވެ؟

ތަޖުރިބާއިން އެއްޗެއް ބުނަނީ ކަމުގަވާނަމަ ބުނެވޭނީ އަހަރުމެން ކައިރިއަށް އަންނަ ގިނަ ކްލައިންޓުންނަކީވެސް ނިންޖާއި އެހާމެ ދުރު ބައެއް ކަމެވެ. ރޭގަނޑުގެ ނިދިނަގާލައި ކުރަނީ ކީއްތޯ ސުވާލުކުރުމުން ގިނަބައެއްގެ ޖަވާބަކަށް ވަނީވެސް ކޮންމެވެސް އެއްޗަކަށް ފޯނުން ވަދެ އަތްފުނާއަޅާ ވާހަކައެވެ. ނުވަތަ ފިކުރުބޮޑުވެ ހާސްވެ ނުވަތަ ކޮންމެވެސް ބަޔަކާ ވާހަކަދައްކަން އިރުއަރަންދެން އޮންނަ ވާހަކަ އެވެ. ބުނެއުޅެ އެވެ؛ ވަގުތީ ހިތްހަމަޖަހުމަށް ވުރެ ދާއިމީ އުފާވެރިކަން އިސްކުރާށެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ރޭގަނޑުގެ އަރާމު ނިދިހާ މުހިންމު އެއްޗެއް ނޯންނާނެ އެވެ. ތިމާއަކީ ދަންވަރު ފައިދާ ނެތް ކަންތައްތަކުގައި މަސްއޫލުވެ އުޅޭ މީހެއްކަމުގައި ވަނީނަމަ ތިމާއަށް އެ ވެއްޓިގަނެވެނީ ތިމާގެ އަމިއްލަ ހަލާކުގެތެރެއަށްކަން ކަށަވަރެވެ.

ނިދީގެ ފުރިހަމަ އަރާމު ލިބިގަތުމަށް މުހިންމު ނުކުތާތަކެއް!

ނިދީގެ އަރާމު އެންމެ ފުރިހަމައަށް ލިބިގަންނަން ބޭނުންވާ މީހަކު ސަމާލުކަން ދޭންޖެހޭ ކަންތައްތަކުގެ ތެރޭގައި ނިދުމަށް އިހުތިޔާރު ކުރާތަނަކީ އަޑުމަޑު ސާފުތާހިރު ނިދަން އެންމެ އެކަށީގެންވާފަދަ ތަނެއްކަމުގައި ވާންޖެހެއެވެ. ބައެއް މީހުންނަކީ އަލިމަޑު އަނދިރިތަންތަނުގައި ނިދަން ކަމުދާބަޔަކަށް ވާއިރު އަނެއްބަޔަކީ އަޑުގަދަ ނަމަވެސް އެއްވެސް އުނދަގޫކަމެއްނެތި ނިދާ ބައެކެވެ. އެހެންކަމުން ކޮންމެ މީހަކީވެސް ތަފާތު މީހެއްކަމުން އެމީހެއްގެ އަރާމު ނިދި ލިބުމަށްޓަކައި އަމީހަކާ ގުޅޭ ގޮތްތައް ދެނެގަތުމީ މުހިންމު ކަމެކެވެ. އެއީ ލޮލަށް ފަސޭހަ، އަލިންތިމާ ރައްކާކޮށްދޭ މާސްކެއް ވިޔަސް، ނުވަތަ އަޑުން ރައްކާކޮށްދޭ ހެޑްސެޓަކަށް ވިޔަސް އެގޮތެއް ހޯދުމަކީ ބުއްދިވެރި ކަމެކެވެ.

އަދި ނިދުމުގެ ގަޑިއިރެއްހާއިރު ކުރިން ފޯނު ތިމާގެ އަތުގައި ފަސޭހައިން ނުޖެހޭ ހިސާބެއްގައި ބޭއްވުމަށް ހަނދާން ކުރާށެވެ. އެލާމް ކުރަން ނުވަތަ ގަޑި ބަލަން އުނދަގޫ ނަމަ އަލިނޫން ކުޑަ ގަޑިއެއް އެނދުކައިރީ ބަހައްޓާށެވެ. މިއީވެސް ކުރަން އުނދަގޫ ކަމެއް ނަމަ، ނުވަތަ ފޯނާއި ދުރުގައި ނިދަން އުނދަގޫނަމަ ފޯނުގެ މޫނުމަތި ތިރިއަށް ވާގޮތަށް ނައިޓްމޯޑަށް ލާފައި ބާއްވާށެވެ. އަދި ހެނދުނުގެ އެލާމް ވަންދެން ފޯނާ ވީހާވެސް ދުރުން އުޅެވޭތޯ ބަލާށެވެ. ރަނގަޅު ނިންޖަކަށް ނިދުމުގެ ދެ ގަޑިއިރު ކުރިން ކެއުމަށް ހަނދާން ބަހައްޓާށެވެ. ސަބަބަކީ ނިދުމާއި ކައިރިކޮށްފައި ކެއުމުން ހަށިގަނޑުތެރޭގައި އެ ހަޖަމުވެ ނިދުމަށް ހުރަސްއަޅާނެތީ އެވެ.

ނިދީގެ މަތިވެރި ނިއުމަތް ބޭކާރުކޮށްނުލާށެވެ. މަތީގައި ބުނެވިފައިވާ މުޖައްރިބު އުކުޅުތައް ބޭނުންކޮށްގެން ހަމަ ނިދި ނިދެނީ ކިހާ ވަރަކަށްތޯ އަޖުމަ ބަލާށެވެ. އަދި މިއުކުޅު ތަކުންވެސް ނިދުމަށް އެއްވެސް އެހީތެރިކަމެއް ނުލިބޭނަމަ މާހިރެއްގެ އިރުޝާދު ހޯދުން ވަރަށްވެސް މުހިންމެވެ.

ނޯޓު: ރިޔާޝް ރިޔާޒަކީ އެރިޒޯނާ ސްޓޭޓް ޔުނިވާސިޓީން ނިއުޓްރިޝަން އެންޑް ޑައެޓެޓިކްސްއިން ޑިގްރީ ހާސިލުކޮށްފައިވާ، އަދި ހަ އަހަރުގެ ތަޖުރިބަ ލިބިފައިވާ ސެޓިފައިޑް ނިއުޓްރިޝަނިސްޓް އަދި މާސްޓާ ޓްރެއިނާއެކެވެ. ރާއްޖޭގެ ފިޓްނަސް އިންޑަސްޓްރީގައި 50 އަށްވުރެ ގިނަ ޕްރޮފެޝަނަލުން އުފައްދާފައިވާ ރިޔާޝް މަސައްކަތްކުރަނީ ފިޓްޒޯން ޖިމްގެ މެނޭޖަރެއްގެ ގޮތުގައެވެ.

comment ކޮމެންޓް