މަކުނުދޫގައި ސެލްފް ސާވިސް އޭޓީއެމް އެއް ހުޅުވައިފި

މަކުނުދޫގައި ބީއެމްއެލް އިން ހުޅުވި އޭޓީއެމް -- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްގެ ސެލްފް ސާވިސް އޭޓީއެމް އެއް ހދ. މަކުނުދޫގައި ހުޅުވައިފި އެވެ.

ބީއެމްއެލް އިން ބުނީ ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ.

އޭޓީއެމް ހިދުމަތާއެކު މިވަގުތު ހދ. އަތޮޅުގެ ތިން ރަށުގައި ޒަމާނީ އޭޓީއެމްގެ ހިދުމަތް ފޯރުކޮށްދޭން ފަށާފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ. އެ ރަށްތަކަކީ މަކުނުދޫގެ އިތުރުން ކުޅުދުއްފުއްޓާއި ހަނިމާދޫ އެވެ.

ބީއެމްއެލްގެެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި މަކުނުދޫގެ ރައްޔިތުންނަށް ބޭންކިންގެ ހިދުމަތް ފޯރުކޮށްދޭން ފެށުމަކީ އުފަލެއް ކަމަށެވެ.

"މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފުޅާކުރުމުގެ މަޝްރޫގެ ދަށުން މިދިޔަ އަހަރެއްހާ ދުވަސްތެރޭ ބޭންކުން މިވަނީ 11 ރަށެއްގައި އަލަށް ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރު ހުޅުވައި، އިތުރު ފަސް ރަށެއްގައި ބަހައްޓާފައި ހުރި އޭޓީއެމް ސެލްފް ސާވިސް ބޭންކިން ހިދުމަތްތައް ލިބޭނެހެން ބަދަލުގެނެސްފައި،" ޓިމް ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 68 ސެލްފްސާވިސް ބޭންކިން ސެންޓަރު، 129 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގެ ހިދުމަތާއެކު އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބޭންކުން ބުންޏެވެ.

comment ކޮމެންޓް