މަހާރަޝްތުރާގައި ކޮވިޑް ކޭސްތައް ގިނަވެ ކަންގަނާގެ "ތަލައިވީ" ވެސް ފަސްކޮށްފި

މުމްބާއީގެ މަހާރަޝްތުރާގައި ކޮވިޑް19 ގެ ކޭސްތައް އާދަޔާ ޚިލާފަށް ގިނަވެފައިވާ މި ދަނޑިވަޅުގައި ބަތަލާ ކަންގަނާ ރަނައުތުގެ ކުރިއަށް އޮތް ފިލްމު "ތަލައިވީ" ރިލީޒްކުރުން ފަސްކޮށްފިއެވެ.

މި ފިލްމަކީ ކުރިން މި މަހުގެ 23 ވަނަ ދުވަހު ސިނަމާތަކުގައި އަޅުވަން ތާވަލްކުރި ފިލްމެކެވެ. ނަމަވެސް މި ދަނޑިވަޅަކީ މަހާރަޝްތުރާ ސަރުކާރުން އެ ސްޓޭޓުގައި ކާފިއު އިއުލާންކޮށްފައިވާ ވަގުތެވެ. އެހެންކަމުން މި ފިލްމު އަޅުވަން ފުރުސަތު ނެތުމުން ވަކި މުއްދަތެއް ނެތް ގޮތަށް ފިލްމު އެޅުވުން ފަސްކޮށްލީއެވެ.

މި ފިލްމަކީ ޓަމިލް ނާޑޫގެ ކުރީގެ ޗީފް މިނިސްޓަރު ޖޭ ޖަޔާލަލިތާގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެކެވެ. އެ ފިލްމުގައި ޖަޔާލަލިތާ އިންޑިއާގެ ނުފޫޒު ގަދަ ސިޔާސީ ލީޑަރަކަށްވެގެން ދިޔަ ގޮތް ދައްކުވައިދޭނެ އެވެ. އެ ފިލްމު ހިންދީ ބަހުންނާއި ތަމަޅަ ބަހުން ރިލީޒް ކުރުމަށް ހަމަޖެހިފައިވެ އެވެ. އަލް ވިޖޭ ޑައިރެކްޓްކުރާ އެ ފިލްމުގައި ކަންގަނާގެ އިތުރުން ދެން ފެނިގެންދާނީ ޕްރަކާޝް ރާޖް، އަރްވިންދް ސްވާމީ އަދި ބަގްޔާޝްރީ އެވެ.

ތަލައިވީ ކުޅެން ކަންގަނާ 20 ކިލޯ ބަރުވި އިރު މި ޕްރޮޖެކްޓް އޭނާ ސިފަކުރަނީ އެންމެ އުންމީދީ ޕްރޮޖެކްޓްގެ ގޮތުގަ އެވެ.

comment ކޮމެންޓް