ތިމާވެއްޓަށް ގެއްލުންދިން ކަމަށް ބުނާ މައްސަލައެއްގައި ޔޮޓް ޓުއާސް ބޮޑު ޖޫރިމަނާއަކުން ސަލާމަތްވެއްޖެ

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް ކުންފުނިން ތަރައްގީ ކުރި ގދ. ވަޓަވައްރެހާ --

ޔޮޓް ޓުއާސް ކުންފުނިން ގދ. ވަޓަވައްރެހާގައި ޓޫރިސްޓު ރިޒޯޓެއް ތަރައްގީ ކުރުމުގައި އެ ރަށުގެ ވެއްޓަށް ގެއްލުން ލިބޭ ގޮތަށް ފަޅުން ވެލި ނަގައި ބިން ހިއްކި ކަމަށް ބުނާ މައްސަލައިގައި 12.9 މިލިއަން ރުފިޔާގެ ޖޫރިމަނާ ނަގައި ނުދެވޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ބޮޑުމިނުގައި 14.7 ހެކްޓަރު ހުންނަ ވަޓަވައްރެހާގައި ޓޫރިސްޓޫ ރިޒޯޓެއް ތަރައްގީ ކުރަން ކުރީގެ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންއިން ސ. ހުޅުދޫ. ޑޭޒީމާގޭ، މައިޝާ އިބްރާހީމް ހިލްމީއަށް ދޫކުރީ ޖޫން 26، 2006ގަ އެވެ. ނަމަވެސް، އެ ރަށް ހަވާލުކުރުމަށް ހެދި އެއްބަސްވުމުން ލިބޭ ހައްގުތައް ފަހުން ވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް ކުންފުންޏަށް ބަަދަލުކޮށްފަ އެވެ. ރަށްތަކާ ބެހޭ މައުލޫމާތު ހިމެނޭ ސަރުކާރުގެ އައިލްސް ވެބްސައިޓުގައިވާ ގޮތުން މިހާރު އެ ރަށް ހަވާލުކޮށްފައި ވަނީ އެ ކުންފުންޏާ އެވެ.

ޔޮޓް ޓުއާސްއިން ވަޓަވައްރެހާ ތަރައްގީ ކުރި އިރު ތިމާވެއްޓަށް ގެއްލުން ލިބޭ ގޮތަށް ކަންކަން ކުރަމުންދާ ކަމުގެ ޝަކުވާ ލިބިގެން އެންވަޔަރަމެންޓް މިނިސްޓްރީއިން ވަނީ އޭޕްރިލް 13، 2009ގައި އެ ރަށަށް ޒިޔާރަތްކޮށް މައްސަލަ ބަލައި، ރިޕޯޓެއް އެކުލަވާލާފަ އެވެ.

އެ ރިޕޯޓުގައި ވަނީ ރަށް ތަރައްގީކުރުމަށް ހެދި އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ރިޕޯޓަށް ރިއާއަތްކޮށް، ރަށް ތަރައްގީ ކުރަން ހުއްދަދީ ދޫކުރި އެންވަޔަރަމެންޓް ޑިސިޝަން ނޯޓާ ހިލާފަށް ޔޮޓް ޓުއާސްއިން އަމަލު ކޮށްފައިވާ ކަމަށެވެ. އެ ޑިސިޝަން ސްޓޭޓްމެންޓް ދޫކޮށްފައި ވަނީ ރަށުގެ އެއްވެސް ދިމާލަކުން ވެލި ނުނެގުމަށް ޝަރުތުކޮށް ކަމަށް މިނިސްޓްރީއިން ބުނެފައިވެ އެވެ.

މިނިސްޓްރީގެ ރިޕޯޓުގައި ވަނީ ވައްރެހާގެ ވިލުގެ ހުޅަނގުން 16،053 އަކަމީޓަރުގެ ސަރަހައްދެއް އެވަރެޖުކޮށް 1.4 މީޓަރަށް ކޮނެ، 22،475 ކޮޑިމީޓަރުގެ ވެލި ނަގާފައިވާ ކަމަށެވެ. އަދި ރަށުގެ ދެ ޖެޓީ ކައިރިން ކޮނެ 1174 ކޮޑިމީޓަރުގެ ވެލި ނަގާފައިވާ ކަމަށްވެ އެވެ. އެއީ ޖުމްލަ 23،650 ކޮޑިމީޓަރުގެ ވެއްޔެވެ. ވެލި ނެގުމުގެ އިތުރުން ރަށުން 7357 އަކަމީޓަރުގެ ސަރަހައްދެއް ހިއްކާފައިވާ ކަމަށްވެސް ވެ އެވެ.

އެކަމާ ހެދި އެންވަޔަރަމެންޓް ޑިސިޝަން ސްޓޭޓްމަންޓާ ހިލާފުވުމުގެ ސަބަބުން ދެ މިލިއަން ރުފިޔާގެ ޖޫރިމަނާއަކާއި، ވަޓަވައްރެހާގެ ވިލުގެ ހުޅަނގުންނާއި ދެ ޖެޓީއާ ކައިރިން ގާނޫނާ ހިލާފަށް ވެލި ނެގުމުން 7.57 މިލިއަން ރުފިޔާގެ ޖޫރިމަނާއަކާ އަދި ހިއްކުމުން 3.37 މިލިއަން ރުފިޔާގެ ޖޫރިމަނާއަކާއެކު ޖުމްލަ 12.94 މިލިއަން ރުފިޔާއިން ޔޮޓް ޓުއާސް ޖޫރިމަނާ ކުރަން ނިންމި އެވެ.

އެ ފައިސާ ދައްކަން އޮގަސްޓް 27، 2009ގައި އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ފޮނުވި ސިޓީއަކުން އެންގި އެވެ. ނަމަވެސް އެ ފައިސާ ދައްކަން ޔޮޓް ޓުއާސްއިން ދެކޮޅު ހަދާފައިވާތީ އެ މައްސަލަ އެންވަޔަރަމެންޓް މިނިސްޓްރީއިން ވެއްދީ ސިވިލް ކޯޓަށެވެ.

ފެބްރުއަރީ 11، 2020: ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ މައްސަލައިގައި ކޯޓަށް ޖަވާބުދާރީވާން ޔޮޓް ޓުއާސްއަށް އެތައް ފަހަރަކު ޗިޓު ފޮނުވުމުންވެސް އިޖާބަދީފައި ނުވާތީ މައްސަލަ ގެންދިޔައީ އެ ކުންފުނި ދައުވާއަށް އިންކާރު ކުރީ ކަމަށް ބަލައިގެން އެ ކުންފުނީގެ ޣައިރުހާޒިރުގަ އެވެ.

ސިވިލް ކޯޓުގައި ކުރިއަށްދިޔަ މައްސަލައިގެ ތެރެއިން އެންވަޔަރަމެންޓުގެ ޑިސިޝަން ސްޓޭޓްމަންޓުގެ ކޮޕީއެއް ހޯދުމަށް ކޯޓުން އެދުމުން، އެންވަޔަރަމެންޓް މިނިސްޓްރީ ތަމްސީލު ކުރި އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފައި ވަނީ އެ ލިޔުން މިހާރު ފެންނަން ނެތް ކަމަށެވެ.

އެ އެންވަޔަރަމެންޓް ޑިސިޝަން ސްޓޭޓްމަންޓު ދައުލަތުން ހުށަހަޅާފައި ނުވާތީ އެއާ ހިލާފުވިކަން ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށާއި، ސާބިތު ނުހިފޭ އެއްޗެއްގެ މައްޗަށް ބަދަލު ނަގައިދެވޭނެ ގާނޫނީ އަދި ޝަރުއީ ހަމައެއް ނެތް ކަމަށް މި މަހުގެ އެއް ވަނަ ދުވަހު ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ ކުރި ހުކުމުގައިވެ އެވެ.

ޔޮޓް ޓުއާސްއިން ގާނޫނާއި ގަވައިދާ ހިލާފަށް ވެލި ނަގުމުގެ އިތުރުން ބިން ހިއްކާފައިވާ ކަމަށް ދައުލަތުން ބުނާއިރު، އެކަން ސާބިތުވާ ކާފީ ހެކި ދައްކާފައި ނުވާ ކަމަށްވެސް ހުކުމުގައިވެ އެވެ.

އަދި އެންވަޔަރަމެންޓް މިނިސްޓްރީއިން ވަޓަވައްރެހާއަށް ގޮސް ތައްޔާރު ކުރި ރިޕޯޓަކީ ދައުވާ ކުރާ ފަރާތުން ތައްޔާރު ކުރި އެއްޗެއް ކަމުންނާއި، އެއީ ގާނޫނީ ހައިސިއްޔަތެއް ލިބިގެންވާ ރިޕޯޓެއްކަން އެނގެން ނެތުމުން އެ ރިޕޯޓަކީ ދައުވާ ސާބިތު ކުރަން ހުއްޖަތެއް ނޫން ކަމަށް ހުކުމުގައިވެ އެވެ.

ވަޓަވައްރެހާގެ މަސައްކަތް ނިމެން ކައިރިވެފައި ވަނިކޮށް، 2019 ވަނަ އަހަރު ޖާބިރު ވަނީ އެ ރަށް ގަންނާނެ ބަޔަކު ހޯދަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް، އެ ރަށް ވިއްކާލި ކަމެއް އެނގިފައި ނުވެ އެވެ.

comment ކޮމެންޓް