ހިޔާގެ ކުއްޔަށް 7500 ނެގުމަކީ ދެވޭ އިތުރު ހިތްދަތިކަމެއް: މުއިއްޒު

ކުރީގެ ހައުސިން މިނިސްޓަރު، ޑރ. މުހައްމަދު މުއިއްޒު --- ސަން ފޮޓޯ/ އަހްމަދު އާޒިފް

ހިޔާ މަޝްރޫއުގެ ފްލެޓުތަކުގެ ކުއްޔަށް 7500 ރުފިޔާ ނެގުމަކީ ރައްޔިތުންނަށް ދޭ އިތުރު އަނިޔާއެއްގެ ގޮތުގައި ކުރީގެ ހައުސިން މިނިސްޓަރު، ޑރ. މުހައްމަދު މުއިއްޒު ސިފަކުރައްވައިިފި އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ ހިޔާގެ ފްލެޓުތަކަށް ވަންނަން ޑައުންޕޭމަންޓް ނުދައްކާ ކުރިއަށް ދެވޭނެ އޮޕްޝަން އޮންނާނެ ކަމަށެވެ. އެގޮތުން ޑައުންޕޭމެންޓެއް ނުދައްކައި 25 އަހަރަށް ބަހާލައިގެން މަހަކަށް 7،500 ރުފިޔާ އެ ފްލެޓުތަކަށް ދައްކަން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން، ކައުންސިލް އިންތިހާބުގައި އިދިކޮޅުން މާލޭގެ މޭޔަރު ކަމަށް ވެސް ވާދަކުރައްވާ ޑރ. މުއިއްޒު ވިދާޅުވީ ހިޔާ މަޝްރޫއުގެ ފްލެޓްޔަކަށް މަހަކު ދައްކަންޖެހޭ ކުއްޔަކީ 5600 ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ކަމަށް ކަނޑައެޅުމަކީ ރައްޔިތުންނަށް ދެވުނު އިތުރު ހިތްދަތިކަމެއް ކަމަށެވެ.

މުއިއްޒު ވިދާޅުވީ ދޮރާއި، ޓައިލްސް އާއެއްކޮށް ނިންމައި، 5600 ރުފިޔާގެ ކުއްޔަކަށް ދެވޭނެ ކަމަށެވެ. އަދި 25 އަހަރަށް ބަހާލާނަމަ 3800 އަށް ދެވޭނެ ކަމަށެވެ.

ހިޔާ ފްލެޓްގެ ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް މިދިޔަ ސަރުކާރުން ކަނޑައަޅާފައި އޮތީ، 5.600 ރުފިޔާ ކަމަށް މީގެކުރިން ވެސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. މުއިއްޒު ވިދާޅުވީ ފްލެޓްތަކުގެ އަގު އަދާ ކުރުމަށް 20 އަހަރު ދިނުމަށާއި ޑައުންޕޭމަންޓަކީ 25،000 ރުފިޔާ ކަމަށް ކަނޑައެޅި ކަމަށެވެ.

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާގެ 25 ބުރީގެ 16 ޓަވަރުގައި ޖުމްލަ 7،000 އެޕާޓްމެންޓު ހިމެނެ އެވެ. އޭގެ ތެރެއިން 6،720 ފްލެޓު ދިރިއުޅުމަށް ދޫކުރާއިރު ކޮންމެ އިމާރާތެއްގައި ވެސް އެންމެ ތިރީ އެޕާޓްމެންޓުތައް ވަނީ ކޮމާޝަލް ބޭނުމަށް ހާއްސަކޮށްފަ އެވެ.

މިއަދު ވަނީ ހިޔާ މަޝްރޫއުގެ ފްލެޓުތަކުގެ ގުރު ނަގަން ފަށައިފަ އެވެ. އެންމެ ފުރަތަމަ ގުރު ނަގަނީ އެޗް10 ނުވަތަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކެޓަގަރީންނެވެ.

އެޗްޑީސީއިން ބުނީ، ފްލެޓުގެ އެގްރީމަންޓުގައި ސޮއި ކުރުމަށާއި، ތަޅުދަނޑި ހަވާލު ކުރުމަށް ފަހުން ވަކި ތާރީހެއް އިއުލާނު ކުރާނެ ކަމަށެވެ. އޭގެ ފަހުން އެތަންތަނަށް ވަނުމަށް ކުރަންޖެހޭ ކަންތައް ކުރަން ތިން މަސް ދޭނެ އެވެ. އެ މުއްދަތުގައި ކުލި ދައްކާކަށް ނުޖެހޭނެ އެވެ.

ހިޔާ ފްލެޓުތަކުގައި ޓައިލްސް ޖެހުމާއި ކޮޓަރި އަދި ފާހާނާ ތަކުގެ ދޮރު ހަރުކުރުމާ ބޮކި ފަންކާ ހަރުކުރުމުގެ މަސައްކަތް ކުރަންޖެހޭނީ ފްލެޓު ލިބޭ މީހުން އަމިއްލައަށެވެ.

comment ކޮމެންޓް