ވޮޝިންޓަން (އެޕްރީލް 5) : އެމެރިކާގެ އުމްރާނީ ތަރައްގީ ގެ އާސާސްތައް (އިންފްރާސްޓްރަކްޗަރ) ތަރައްގީ ކުރުމަށާއި އެމެރިކާގެ ލޭބާފޯސް (މަސައްކަތު އުމުރުގެ ރައްޔިތުން) ތައުލީމީގޮތުންނާއި ފަންނީގޮތުން މަތިކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްގެން ނޫނީ މުސްތަގްބަލް ގައި އެމެރިކާއަށް ޗައިނާގެ ބިޔަ އިގްތިސާދާ ވާދަ ނުކުރެވޭނެ ކަމަށް ވައިޓް ހައުސްގެ އިގްތިސާދީ މުސްތަޝާރުންގެ މަޖިލިސް (ވައިޓް ހައުސް ކައުންސިލް އޮފް އިކޮނޮމިކް އެޑްވައިޒާސް) ގެ ވެރިޔާ ސިސްލިޔާ ރައޮސް ވިދާޅުވެއްޖެއެވެ.
އިންޓަނެޓް މެދުވެރިކޮށް އެމެރިކާގެ އިގްތިސާދާބެހޭގޮތުން ބޭއްވި ސިމްޕޯޒިޔަމެއް (ވެބިނާއެއް) ގައި ދިރާސާ ކަރުދާހެއް ހުށަހަޅުއްވަމުން ސިސްލިޔާ ވިދާޅުވީ އުމްރާނީ ތަރައްގީގެ އާސާސްތައް އިތުރަށް ތަރައްގީ ކުރުމަށާއި ލޭބާފޯސް ތައުލީމީގޮތުންނާއި ފަންނީގޮތުން މަތިކުރުމަށް ބޭނުންވާ ރީސާޗް އަށާއި އިންވެސްޓްމަންޓްތަކަށް އެމެރިކާއިން ކުރާ ޚަރަދުގެ އިންސައްތަ 1960 ގެ އަހަރުތަކުން ފެށިގެން ވަނީ ދަށަށްދާން ފަށާފައެވެ. ނަތީޖާއަކީ އެމެރިކާގެ ގިނަ ސްޓޭޓްތަކުގެ އިންފްރާސްޓްރަކްޗަރ ނުވަތަ އުމްރާނީ ތަރައްގީގެ އާސާސްތައް 1950 ގެ އަހަރުތަކާއި 1960 ގެ އަހަރުތަކުގެ ލެވެލްގައި ހުރުމެވެ.
މިއާއެކު ފާއިތުވި ފަންސާހަކަށް އަހަރު ތެރޭގައި އެކި ސަބަބުތަކާ ގުޅިގެން އެމެރިކާގެ އިންފްރާސްޓްރަކްޗަރ ގެ ބޮޑުބައެއްވަނީ އެމެރިކާފަދަ ކުރިއަރާފައިވާ ގައުމަކަށް ބަލާއިރު ވަރަށް ބޮޑަށް ބައުވެފައި ކަމަށް ސިސްލިޔާ ވިދާޅުވިއެވެ.
ސިސްލިޔާ މިހެން ވިދާޅުވެފައިވަނީ އެމެރިކާގެ އުމްރާނީ ތަރައްގީ ގެ އާސާސްތައް (އިންފްރާސްޓްރަކްޗަރ) އިތުރަށް ތަރައްގީ ކުރުމަށާއި އެމެރިކާގެ ލޭބާފޯސް ގައި ހިމެނޭ ފަރާތްތައް ތައުލީމީގޮތުންނާއި ފަންނީގޮތުން އިތުރަށް ތަމްރީން ކުރުމަށް ދެޓްރިލިޔަން (ދެހާސް ބިލިޔަން) ޑޮލަރުގެ ޕްލޭނެއް ރައީސް ޖޯ ބައިޑެން މިދިޔަ ހަފްތާގައި އިއުލާން ކުރައްވާފައި ވަނިކޮށެވެ. މި ޕްލޭން ތަންފީޒު ކުރުމަށް ބޭނުންވާ ފައިސާ ދިނުމަށް ކޮންގްރެސް ގެ ރުހުން ލިބިފައިވާއިރު މި ޕްލޭން ތަންފީޒު ކުރަން ފެށުމުން އެމެރިކާގައި ވަޒީފާ ގެއްލިފައިވާ އެތަށް މިލިޔަން ބައަކަށް އަލުން ވަޒީފާ ލިބޭނެ ކަމަށް ބައިޑެން ވަނީ ވިދާޅުވެފައެވެ.
އިންވެސްޓް ކުރުމުގައި އެމެރިކާ އުޅެނީ ފަހަތުގައި
ސިސްލިޔާ ވިދާޅުވޮގޮތުގައި އިގްތިސާދީ ގޮތުން އެންމެ ބޮޑަށް ކުރިއަރާފައިވާ ސިނާއީ ގައުމުތަކަށް ބަލާއިރުވެސް އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމަށާއި ތައުލީމީގޮތުންނާއި ފަންނީގޮތުން ލޭބާފޯސް ގެ ގާބިލްކަން އިތުރުކުރުމަށާއި އެކަންކަމާބެހޭ ރީސާޗް ތަކަށް ކުރާ އިންވެސްޓްމަންޓްތަކުގައި އެމެރިކާ އުޅެނީ ވަރަށް ބޮޑަށް ފަހަތުގައެވެ. ޗައިނާއިން އިސްކަންދޭ 5 ޖީ ނެޓްވާކަށް ބަލާއިރު އެމެރިކާގެ ގިނަ ސްޓޭޓްތަކުގެ އިންފްރާސްޓްރަކްޗާ ހުރީ 5 ޖީ ނެޓްވާކު ބޭނުން ކުރެވޭވަރަށްވުރެ މާ ބަލިކަށިގޮތެއްކަމަށް ރިޕޯޓްތައް ބުނެއެވެ.
އެމެރިކާއަކީ ދުނިޔޭގައި މިހާރު އޮތް ބޮޑުބާރު (ސްޕާ ޕަވާ) ކަމަށްވާއިރު ޗައިނާއަކީ ދުނިޔޭގެ ސްޕާ ޕަވާ ގެ މަގާމު ހާސިލް ކުރުމުގެ މަގުތީގައިވާ ހަމައެކަނި ގައުމެވެ. ދުނިޔޭގެ ބޮޑުބާރުގެ ގޮތުގައި އޮތް ގައުމެއްގެ މައްޗަށް އެފެންވަރުގެ އެހެން ގައުމެއް ގަދަވެގަތުމުގެ މަރުހަލާއަކީ އެދެފަރާތުގެ މެދުގައި ވަރުގަދަ ހަނގުރާމައެއް ހިނގާފަދަ ހާލަތެއްކަން ދުނިޔޭގެ ތާރީޚުގެ ސަފްހާތަކަށް ބެލުމުން ފެންނަން އެބައޮތެވެ.
ނަމަވެސް އަދުގެ ދުނިޔޭގެ ހާލަތު ތަފާތުވެފައި އެމެރިކާއާއި ޗައިނާއަކީ ނިއުކްލިޔާ ދެބާރުކަމަށްވުމުން މިދެގައުމުންކުރެ އެއްގައުމަކީވެސް ހަނގުރާމަކޮށްފިނަމަ އެއްގައުމު އަނެއްގައުމުގެ މައްޗަށް ކާމިޔާބު ނުހޯދޭނެ ދެގައުމެވެ. ހަނގުރާމަކޮށްފިނަމަ ދެގައުމުވެސް ފަނާވެގެންދިޔުން ފިޔަވައި އެހެން ނަތީޖާއެއް ނެރެވޭނެ ދެގައުމެއްނޫނެވެ.
ދުނިޔޭގެ ބޮޑުބާރުގެ މަގާމު ދިފާއު ކުރުމަކީ އެމެރިކާއަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެއް
އެހެންކަމުން ކުރިއަރަމުންދާ ޗައިނާގެ ކުރިމަތީގައި ދުނިޔޭގެ ބޮޑުބާރުގެ މަގާމު ދިފާއު ކުރުމަށް އެމެރިކާ އަށް ކުރެވޭނެކަމަކީ އިގްތިސާދީގޮތުން އިތުރަށް ވަރުގަދަވެ ޓެކްނޮލޮޖީގެ ގޮތުންނާއި އިތުރަށް ބާރުގަދަވުމަށްޓަކައި ރީސާޗްތައް އިތުރުކޮށް އިންވެސްޓްމަންޓްތައް އިތުރުކުރުން ކަމަށް ވައިޓް ހައުސް އިން ބޭއްވި ވެބިނާގައި ބައިވެރިވެ ވަޑައިގެންނެވި ތަޖްރިބާކާރުން ވަނީ ލަފާ ދެއްވާފައެވެ.
ޗައިނާގެ ވަރުގަދަ އިންފްރާސްޓްރަކްޗަރާއި އިގްތިސާދީ ދާއިރާގައި ޗައިނާ ކުރަމުން ގެންދާ ބިޔަ އިންވެސްޓްމަންޓް ތަކާ އަދި ޗައިނާގެ 800 މިލިޔަން މީހުންގެ ހުނަރުވެރި އަދި އާދަޔާ ޚިލާފު ޑިސިޕްލިން ގެންގުޅޭ ބިޔަ ވޯކްފޯސްއާ ކުރިމަތިލުމަކީވެސް އެމެރިކާއަށް ބޮޑު ގޮންޖެހުމެއްކަމަށް ތަޖްރިބާކާރުންވަނީ އިޝާރާތް ކުރައްވާފައެވެ.
އެމެރިކާގެ ވޯކްފޯސްގައި 150 މިލިޔަންމީހުން ހިމެނޭއިރު ޗައިނާގެ ވޯކްފޯސްގައި 800 މިލިޔަން މީހުން ހިމެނެއެވެ. މިއީ އެމެރިކާއަށް ބަދަލު ކުރެވެންނެތް ހަގީގަތެއްކަމުން އެމެރިކާގެ އިގްތިސާދުގެ މައްޗަށް 2026 ނުވަތަ 2027 ވަނައަހަރު ޗައިނާ ކުރިހޯދާނެކަމަށް ލަފާކުރުންތައް ދައްކައެވެ.
ޗައިނާއިން އެފްރިކާގެ ގައުމުތަކާއި އެނޫންވެސް އެތަށް ގައުމެއްގައި އެތަށް ސަތޭކަ ބިލިޔަން ޑޮލަރުން އިންވެސްޓް ކުރަމުން ގެންދާއިރު އެފްރިކާގެ ގައުމުތަކުގައި އެމެރިކާގެ އިގްތިސާދީ އިންވެސްޓްމަންޓްތައް ވަރަށް ކުޑައެވެ. އެހެންކަމުން ޗައިނާ ކުރިމަތިލުމަށްޓަކައި އެމެރިކާއިން އެފްރިކާއާއި އެނޫންވެސް ގައުމުތަކުގައ ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަންޖެހޭ ކަމަށް ތަޖްރިބާކާރުން ވިދާޅުވެއެވެ. (ނޫސްއެޖެންސީތައް)