ފޯބްސް އިން އާންމުކުރާ ދުނިޔޭގެ ބިލިއަނަރުންގެ ލިސްޓަށް ރިއާލިޓީ ތަރި ކިމް ކާޑޭޝިއަން ވެސްޓް އަރައިފިއެވެ. މިއީ މި ލިސްޓުގައި ކިމް ހިމެނުނު ފުރަތަމަ ފަހަރެވެ.
ފޯބްސް އިން ބުނެފައިވާ ގޮތުން ކިމް ބިލިއަނަރަކަށްވުމަށް އެންމެ ބޮޑަށް މަގުފަހުވީ އޭނާގެ މޭކަޕް ބްރޭންޑް 'ކޭކޭޑަބްލިއު" އާއި އަމިއްލަ ޕްރައިވެޓް ވިޔަފާރިކަމުގައިވާ 'ސްކިމްސް' އަށް ލިބުނު ކުރިއެރުމެވެ.
'ކޭކޭޑަބްލިޔު' ބިއުޓީ ލޯންޗްކޮށްފައި ވަނީ 2017 ވަނަ އަހަރުގަ އެވެ. އެއަށް ފަހު އެމެރިކާގެ މަލްޓިނޭޝަނަލް ބިއުޓީ ކޮމްޕެނީއެއްކަމުގައިވާ ކޮޓީ އިން އެ ކުންފުނީގެ 20 ޕަސެންޓް ހިއްސާ ގަތުމުން ކޭކޭޑަބްލިޔުގެ އަގު ވަނީ އެއް ބިލިއަންއަށް އަރާފަ އެވެ. އަދި އެ ކުންފުނީގައި ބާކީ ހުރި ކިމްގެ ހިއްސާގެ އަދަދު ވެސް 500 މިލިއަންއަށް އަރާކަމަށް ފޯބްސް އިންވަނީ ބުނެފަ އެވެ.
ހަމައެޔާއެކު 'ބޮޑީ ޝޭޕް ވެއާ' އާއި ބޮޑީ ސޫޓް ވިއްކާ 'ސްކިމްސް' އަކީވެސް ކިމްގެ މި ކާމިޔާބީގެ ފަހަތުގައިވާ ބޮޑު ހިއްސާއަކަށްވާއިރު، މި ކުންފުނީގެ ވެލިއުވެސް 500 މިލިއަންއަށް އަރާކަމަށް ލަފާކުރެވެ އެވެ. ސްކިމްސްގެ ވެސް މެޖޯރިޓީ ހިއްސާއަކީ ކިމްގެ އެކަނި ހިއްސާތަކެކެވެ.
މި ވިޔަފާރުތަކުގެ އިތުރަށް ރިއަލިޓީ ޝޯ "ކީޕިން އަޕް ވިތު ދަ ކާޑޭޝިއަންސް" އާއި ރިއަލް އެސްޓޭޓްގެ ތެރެއިންވެސް ކިމްއަށް ބޮޑު އާމްދަނީ އެއް ދަނީ ލިބެމުންނެވެ.
ކާޑޭޝިއަން އާއިލާގެ އެންމެ މަގުބޫލު މެންބަރަކީ ކިމް ކަމުގައިވިޔަސް ފޯބްސްގެ ބިލިއަނަރުންގެ ލިސްޓުގައި އެ އާއިލާގެ މެންބަރެއް ހިމެނުނު މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. އުމުރުން އެންމެ 21 އަހަރުގައި އޭނާގެ އެންމެ ހަނގު ކޮއްކޮ ކައިލީ ޖެނާ ފޯބްސްގެ ބިލިއަނަރުންގެ ލިސްޓުގައި ހިމެނި، ދުނިޔޭގެ އެންމެ ޒުވާން 'ސެލްފް މޭޑް ބިލިއަނަރުގެ' މަގާމް ވަނީ ހޯދާފަ އެވެ. އެއާ އެކު، އޭނާއަކީ މުއްސަނދި އަދި ކާމިޔާބު އާއިލާއަކަށް ނިސްބަތްވާ މެންބަރެއް ކަމުގައި ބުނެ ބޮޑެތި ފާޑުކިޔުންތަކެއް ވެސް ވަނީ އަމާޒުވެފަ އެވެ.
ކިމްގެ ނަން ފުރަތަމަ ފަހަރަށް ބިލިއަނަރުންގެ ލިސްޓުގައި ހިމެނުނުއިރު އޭނާގެ ފިރިމީހާ ކާންޔޭ ވެސްޓްގެ ނެޓްވޯތުގައި 6.6 ބިލިއަން ޑޮލަރު ހުރިކަމަށް ރިޕޯޓްތައް ބުނެ އެވެ. އެެހެންނަމަވެސް ދެމީހުންގެ ދެމެދުގައި ބޮޑެތި މައްސަލަތަކެއް ޖެހި މި ފެބްރުއަރީ މަހު ކިމް ވަނީ ވަރިވުމަށް ފައިލްކޮށްފަ އެވެ.