ފުލުހުންގެ ތާރީހުގައި ފުރަތަމަ އަންހެން ސްޕްރިންޓެންޑެންޓުން

ފުލުހުންގެ ހިދުމަތުގައި އަންހެނުން ގާއިމުވެ ދެމި ތިބޭތާ 33 އަހަރު ފަހުން ފުރަތަމަ ފަހަރަށް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމަށް އަންހެން ފުލުހުން ހަމަޖައްސައިފި އެވެ.

ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކަށް މަގާމުގެ ކުރިއެރުން ލިބިފައިވަނީ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސްގެ މަގާމުގައި ތިއްބެވި ތިން އޮފިސަރުން ކަމުގައިވާ ފާތިމަތު ނަޝްވާ އާއި މަރިޔަމް އަޒްމާ އަދި އިޒްމިއާ ޒާހިރު އަށެވެ.

ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މަރިޔަމް އަޒުމާއަކީ ފުލުހުންގެ ހިދުމަތުގައި އެންމެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ އެއް އަންހެން އޮފިސަރެވެ. އެގޮތުން 25 އަހަރަށްވުރެ ދިގުމުއްދަތަކަށް ހިދުމަތްކޮށްފައިވެ އެވެ.

ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މަރިޔަމް އަޒުމާ

ސްޕްރިންޓެންޑެންޓްގެ މަގާމު ލިބިލެއްވިއިރު އަޒްމާ ހުންނެވީ ސެންޓްރަލް ޕޮލިސް ޑިވިޝަންގެ ޑިވިށަން ކޮމާންޑަރުގެ މަގާމުގަ އެވެ.

ފުލުހުން ބުނީ އަޒްމާ ފުލުހުންގެ ހިދުމަތުގައި އެންމެ ގިނަ ދުވަހު މަސައްކަތްކުރައްވާފައިވަނީ އިންވެސްޓިގޭޝަން ދާއިރާގައި ކަމަށެވެ. މާސްޓާސް ފެންވަރަށް ތައުލީމު ހާސިލުކުރައްވާފައިވާއިރު އަޒުމާ ފާހަގަކުރެވިފައިވަނީ ހިތްވަރުގަދަ ކެރޭ އޮފިސަރެއްގެ ގޮތުގައި ކަމަށާއި އެގޮތުން ފުލުހުންގެ ފުރަތަމަ އަންހެން ޑްރައިވަރަށް ވުމާއި، ފުރަތަމަ އަންހެން އެޓޯލް ކޮމާންޑަރަކީ ވެސް އަޒްމާކަން ފާހަގަކުރި އެވެ.

ކްލެރިކަލް އޮފިސަރެއްގެ މަގާމުން ފެށި ވަޒީފާގައި އަޒްމާ ވަނީ ތަފާތު އެކި ދާއިރާތަކުގައި މުހިންމު މަސައްކަތްތަކެއް ކޮށްދެއްވައިފަ އެވެ. އެންމެ ދިގު މުއްދަތެއް އިންވެސްޓިގޭޝަންގެ ދާއިރާގައި ހޭދަކޮށްފައި ވާއިރު ޔުނިޓް ލެވެލްގައާއި ޑިޕާޓްމަންޓް ލެވެލްގެ އިސް މަގާމުތައް ފުރުއްވާފައިވެ އެވެ.

އެގޮތުން ހެޑް އޮފް ވިކްޓިމް ސަޕޯޓްގެ މަގާމާއި ފެމެލީ އެންޑް ޖެންޑާ އެފެއާޒް ޑިޕާޓްމަންޓްގެ ހެޑް ކަން ވެސް ކުރައްވާފައިވެ އެވެ. އަދި ފުލުހުންގެ ތެރޭގައި އަންހެނުންގެ ދައުރު ފުޅާކޮށް އަންހެނުން ބާރުވެރިކުރުމަށް އުފައްދަވާފައިވާ މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ނެޓްވޯކްގެ ރައީސްގެ މަގާމަށް އައްޔަންކުރައްވާފައިވާ އޮފިސަރަކީ ވެސް އަޒްމާ އެވެ. ކުޅިވަރުގެ ދާއިރާއަށް ހާއްސަ ޝައުގުވެރިކަމެއް ބަހައްޓަވާއިރު، ބާސްކެޓުން ރަން ވަނަތައް ހާސިލުކޮށްފައިވެ އެވެ.

ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާތުމަތު ނަޝްވާ

ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމު ލިބިލެއްވިއިރު ފާތިމަތު ނަޝްވާ ހުންނެވީ އަޕަ ނޯތު ޕޮލިސް ޑިވިޝަން ގެ ކޮމާންޑަރުގެ މަގާމުގަ އެވެ.

ނަޝްވާ ވަނީ ފުލުހުންގެ ހިދުމަތުގައި 25 އަހަރު ހޭދަކުރައްވައިފަ އެވެ، އަދި އެ މުއްދަތުގެ ތެރޭގައި އެޑްމިން އޮފިސަރެއްގެ މަގާމުން ފެށިގެން ޔުނިޓް ލެވެލްގައާއި ޑެޕިއުޓީ ހެޑްގެ މަގާމާއި ހެޑް އޮފް ޑިޕާޓްމަންޓްގެ މަގާމު ފުރުއްވައި އެކި ދާއިރާތަކުން ގިނަގުނަ ހިދުމަތްކޮށްދެއްވާފައިވެ އެވެ.

އެގޮތުން އެންމެ ފާހަގަކުރެވެނީ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓްގެ އިސްވެރިއެއްގެ ހައިސިއްޔަތުން ކޮމިއުނިޓީއާއި ގުޅިގެން ކުށްމަދުކުރުމަށް ރާވާ ހިންގާފައިވާ ޕްރޮގްރާމްތައްް ކަމަށާއި ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ ފުރާވަރު ކޭމްޕް ފާހަގަކުރެވޭ ކަމަށް ފުލުހުން ބުންޏެވެ.

ނަޝްވާ ފަސްޓް ޑިގްރީ ހާސިލުކޮށްފައިވަނީ މާސް ކޮމިއުނޭކޭޝަން އިންނެވެ. އަދި މާސްޓާސް ޑިގްރީ ފުރިހަމަކޮށްފައިވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންއިންނެވެ. އޭގެ އިތުރުން ނަޝްވާ އަކީ ލައިސަންސްޑް ލައިފް ކޯޗެއް ކަމަށާއި ޕޮލިސް އެކެޑެމީން ހިންގާ ތަފާތު އެކި ކޯސްތަކުގައި ލެކްޗަރާއެއްގެ ގޮތުގައިވެސް ސެޝަން ނަގައިދޭ ކަމަށް ފުލުހުން ބުންޏެވެ.

ނަޝްވާ އަށް 2018 ވަނަ އަހަރު ރެހެންދި އެވޯޑު ވެސް ލިބިފައިވެ އެވެ. އަދި ސައުތު އޭޝިއަން ޕާޓްނަޝިޕް ސަމިޓް އެންޑް ބިޒްނަސްގެ ފަރާތުން ޕަބްލިކް ސެކްޓާ އިން ހޮވި ސީއެސްއާރް ލީޑަޝިޕް އެވޯޑު ވސް ހާސިލުކޮށްފައިވެ އެވެ. އޭގެ އިތުރުން 2018 ވަނަ އަހަރު ވިމެން އޮން ބޯޑް އެވޯޑު ވެސް ލިބިފައިވެ އެވެ.

ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިޒްމިއާ ޒާހިރު

މަގާމު ލިބިލެއްވިއިރު ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިޒްމިއާ ޒާހިރު ހުންނެވީ ހެޑް އޮފް އޯގަނައިޒޭޝަނަލް ރީފޯމް ޑިޕާޓްމަންޓްގެ މަގާމުގަ އެވެ. ފުލުހުންގެ ހިދުމަތުގައި 16 އަހަރު ހޭދަކޮށްފައިވާއިރު އެ މުއްދަތުގައި އެކި ދާއިރާތަކުން އަގުހުރި ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ.

އެގޮތުން އިޒްމިއާ ފާހަގަކުރެވިފައިވަނީ ފުލުހުންގެ ހިދުމަތުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ އަދި އެކަން އަމަލުން ސާބިތުކޮށްދޭން މަސައްކަތްކުރައްވާ އޮފިސަރެއްގެ ގޮތުގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ތެރެއަށް ކޮމިޝަންޑް ކުރެވުނު މަދު އަންހެން އޮފިސަރުންގެ ތެރޭ އިޒްމިއާ ހިމެނިފައިވާއިރު ރާއްޖޭގެ ޑިވިޝަނެއްގައި ފުރަތަމަ ފަހަރަށް ޑިވިޝަން ކޮމާންޑަރުކަން ކުރެއްވި އަންހެން އޮފިސަރަކީވެސް އިޒްމިއާ އެވެ.

އިޒްމިއާ ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ތަރުޖަމާނުގެ މަގާމާއި ވިކްޓިމް ސަޕޯޓްގެ ހެޑްގެ މަގާމުވެސް ފުރުއްވާފައި އެވެ. އަދި ވިކްޓިމް ސަޕޯޓްގައި މަސައްކަތްކުރެއްވި ދުވަސްވަރު ސައިން ލެންގުއޭޖް ކޯހެއް ފުރިހަމަކުރައްވާ އެބަހުން މުއާމަލާތްކުރަން ދަސްކޮށްފައިވެ އެވެ. މާސްޓާސް ލެވެލްއަށް ތައުލީމު ހާސިލުކޮށްފައި ވާއިރު، ސިންގަޕޫރު ޕޮލިސްއިން ހިންގާ ސީނިއާ އޮފިސާސް ބޭސިކް ކޯސް ފުރިހަމަކޮށްފައިވެ އެވެ.

comment ކޮމެންޓް