މާލޭގެ މޭޔަރަކަށް މުއިއްޒު ހޮވަން ދަގަނޑޭގެ ތާއީދު

ޑރ. މުއިއްޒުއާއި އަލީ އަޝްފާގު (ދަގަނޑޭ)-- ފޮޓޯ/ ޑރ. މުއިއްޒު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ މޭޔަރުގެ މަގާމަށް އިދިކޮޅު ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ހޮވަން ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ތާއިދުކޮށްފި އެވެ.

ދަގަނޑޭއާއެކު ނަގާފައިވާ ފޮޓޯއެއް ހިމެނޭ ޓުވީޓެއްގައި ޑރ. މުއިއްޒު ވިދާޅުވީ މާލޭ މޭޔާރަށް އޭނާ ހޮވަން ދަގަނޑޭ ތާއީދުކޮށްފައިވާ ކަމަށެވެ.

"މާލޭގެ މޭޔަރުކަމަށް އަޅުގަނޑަށް ތާއީދު ކުރައްވާ ކަމަށްޓަކައި، ގައުމު އެބޭފުޅަކަށްޓަކައި ފަހުރުވެރިވާ، ދެވަނައެއް ނުވާ އަލީ އަޝްފާގަށް ނުހަނު އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން." އެ ޓުވީޓުގައި ޑރ. މުއިއްޒު ވިދާޅުވެފައިވެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް ޑރ. މުއިއްޒު ރަސްމީކޮށް ކެމްޕޭން ކުރައްވަން ފެއްޓެވީ ފެބްރުއަރީ މަހުގެ ކުރީކޮޅުގަ އެވެ. އޭނާގެ ކެމްޕޭން ޝިއާރަކީ "ރައްޔިތުން އެދޭ އަމާޒަށް" އެވެ.

ލޯކަލް ކައުންސިލްތާކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އޮންނާނީ އަންނަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު އެވެ.

comment ކޮމެންޓް