ކުމުންދޫގައި ފެނާއި ނަރުދަމާ ނިޒާމް އެޅުމުގެ އަމަލީ މަސައްކަތް ފަށައިފި

ކުމުންދޫ ފެނާއި ނަރުދަމާ އަޅާ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/އެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީއިން ހދ.ކުމުންދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ އަމަލީ މަސައްކަތް އިފްތިތާހުކޮށްފި އެވެ.

ކުމުންދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ މަސައްކަތް އިފްތިތާހުކޮށްދެއްވީ އެމްޑަބްލިއުއެސްސީގެ ޗެއާމަން އަހްމަދު މައުސޫމު އާއި މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީގެ އިތުރުން ކުމުންދޫ ކައުންސިލްގެ ރައީސް މުހައްމަދު ހުސެން އާއީ ކައުންސިލްގެ ނައިބު ރައީސް ހަސަން ހުސެން އާދަމް އެވެ.

ކުމުންދޫ ފެނާއި ނަރުދަމާ އަޅާ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/އެމްޑަބްލިއުއެސްސީ

އެ މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި ކުމުންދޫއަށް ގެނެވި، ހޮޅިވަޅުލުމުގެ މަސައްކަތާއި ފެން ޕްލާންޓް ބެހެއްޓުމަށް އަޅާ ފެސިލިޓީ އިމާރާތުގެ މަސައްކަތްތައްވެސް މިހާރު ދަނީ ކުރަމުންނެވެ.

އެ މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތުގެ ދަށުން ކުމުންދޫގައި 14 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމްކުރުމާއި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތްކުރުމާއި، ފެން އުފެއްދުމަށްޓަކައި ދެ އާރްއޯ ޕްލާންޓް ބެހެއްޓުމުގެ އިތުރުން ފެން ރައްކާކުރުމަށްޓަކައި ތިން ތާނގީ ބެހެއްޓުން ހިމެނެ އެވެ. އަދި ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، އެ ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

އެ މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ކުމުންދޫގައި 10 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކްއަކާއި 2.4 ކިލޯމީޓަރުގެ ޕަންޕިން ލައިނެއް އަޅާނެ އެވެ.

ހަމައެއާއެކު ފަސް ޕަންޕިން ސްޓޭޝަނާއި އެއް ސީ އައުޓް ފޯލް ވެސް އެ މަޝްރޫއުގެ ދަށުން ގާއިމުކުރާނެ އެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ވެސް އެމްޑަބްލިއުއެސްސީއިން ގުޅައިދޭނެ އެވެ.

މީގެ އިތުރުން އެ މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ކުމުންދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއުއަކީ ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

އެ މަޝްރޫއުގެ މުއްދަތަކީ 22 މަސް ދުވަހެވެ. އަދި މަޝްރޫއުއަށް ހަރަދުވާނެ ކަމަށް ލަފާކޮށްފައިވަނީ 102 މިލިއަން ރުފިޔާ އެވެ.

comment ކޮމެންޓް