އެންސިސް ފިޝަރީޒް އިން 2016 ވަނަ އަހަރުން ފެށިގެން ތައާރަފުކޮށްގެން ކުރިއަށް ގެންދާ "އެންސިސް މަސްވެރިންގެ ހަދިޔާ" ގެ 2020 ވަނަ އަހަރުގެ އިނާމުތައް ހަވާލު ކޮށްފި އެވެ.
އެންމެ ގިނައިން އެ ކުންފުންޏަށް މަސް ކިރާފައިވާ މަސް ދޯންޏަށާ، އެންމެ ރަނގަޅު ކޮލެޓީގެ މަސް ކިިރި ދޯންޏަށް އެންސިސް އިން ދޭ ފައިސާގެ އިނާމު ރަމްޒީކޮށް ހަވާލުކޮށްދެއްވީ މަސްވެރިކަމުގެ ސިނާއަތުގައި ތަޖުރިބާ ކާރެއް ކަމަށްވާ އާދަމް އަލީ އެވެ.
މި ހަފްލާ ގައި ވާހަކަ ދައްކަވަމުން އެންސިސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްވާހިދު ތައުފީގު ވިދާޅުވީ، މި އިނާމަކީ ދިވެހި މަސްވެރިންގެ އަގު ވަޒަންކޮށް މަސްވެރިންނަށް އިތުރަށް ހިތްވަރުދީ، އަދި އެންސިސް އާ މަސްވެރިންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ދޭ އިނާމެއް ކަމަށެވެ.
ކުރިއަސް އޮތްތަނުގައިވެސް ކޮންމެ އަހަރަކު މި އިނާމު ދޭނެެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެންސިސް އިން މަސްވެރިންނަށް ދޭ އިނާމުގެ ތެރޭގައި، އެނމެ ގިނައިން އެ ކުންފުންޏަށް މަސްކިރި ދޯންޏަށް 20،000 ރުފިޔާ، ދެވަނަ އަށް 10،000 ރުފިޔާ އަދި ތިންވަނައަށް 7،500 ރުފިޔާގެ ފައިސާގެ އިނާމު ދެއެވެ.
މީގެ އިތުރުން އެންމެ ރަނގަޅު އޭ ގްރޭޑުގެ ކޮލެޓީމަސް އެންމެ ގިނައިން ކިރާ ދޯންޏަށް ވެސް 10،000 ރުފިޔާ ދެއެވެ.
މިދިޔަ 2020 އަހަރު އެންސިސް ފިޝަރީޒް ފެކްޓަރީއަށް އެންމެ މަތީ އަދަދަކަށް ބޮޑުކައްނެލި ކިރުވި ދޯންޏަކީ އަލިރާސްތާ1، ދ. ކުޑަހުވަދޫ އެވެ. ދެވަނަ އަށް އެންމެ ގިނަ ބޮޑު ކަންނެލި ކިރުވީ ޒޫމް ފިޝާ، އއ. ރަސްދޫ އެވެ. އަދި ތިން ވަނަ އަށް އެންމެ ގިނަ އަދަދަކަށް ބޮޑު ކަންނެލި ކިރުވީ ކުރިމަގު1، ދ. ބަނޑިދޫ އެވެ.
މިދިޔަ އަހަރު އެންސިސް ފެކްޓަރީއަށް ބޮޑުކައްނެލި ކިރުވާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް "އޭ ގްރޭޑް" ބޮޑުކައްނެލި ކިރުވާފައި ވަނީ ކުރިމަގު1، ދ. ބަނޑިދޫ އެވެ.