ޔޮޓް ޓުއާސް އަތުން ބިނާފުށި އަތުލީ ރަނގަޅަށް ކަމަށް ހައި ކޯޓުން ކަނޑައަޅައިފި

-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް މޯލްޑިވްސްގެ ކިބައިން ހއ. ބީނާފުށި އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.

ހއ. ބީނާފުށި އަދި އެރަށް ކައިރީގައިވާ ކަނޑާލި ފިނޮޅު ކުއްޔަށް ދިނުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗަރާއި ޔޮޓް ޓުއާސްއާ ދެމެދު ލީސް އެގްރީމަންޓެއްގައި ސޮއިކުރީ 22 އޮކްޓޫބަރު 2013 ގައެވެ.

އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން އެތަން ބޭނުންކުރުމުގެ ފުރިހަމަ ބާރު ކުއްޔަށް ހިފި ފަރާތަށް ލިބިގެންވާކަމަށާއި އެގްރީމެންޓުގެ ދަށުން އަހަރީ ކުލީގެ ގޮތުގައި ކޮންމެ އަކަމީޓަރަކަށް ހަތަރު ޑޮލަރުގެ
ރޭޓުން ކުލި ދައްކަންޖެހޭ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވެ އެވެ.

ނަމަވެސް އެއްބަސްވުމާ އެއްގޮތަށް ކުލި ދައްކާފައި ނުވާ ކަމަށް ބުނެ ދައުލަތާއި ޔޮޓް ޓުއާސްއާ ދެމެދު ސޮއިކުރި ލީސް އެގްރީމެންޓު ދޭއް އޯގަސްޓު 2016ގައި ބާތިލް ކުރެވިފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން އެންގި އެވެ.

ނަމަވެސް ޔޮޓް ޓުއާސްގެ ފަރާތުން ވަނީ އެ މައްސަލަ ސިވިލްކޯޓަށް ހުށަހަޅައިފަ އެވެ. ޔޮޓް ޓުއާސް އިން ބުނީ ކުއްޔާއި އަދި ކުލީގެ ޖޫރިމަނާ ނުދައްކައިގެން ކަމަށްބުނެ، ދެތަނުގެ އެއްބަސްވުން ބާތިލުކުރީ އެއްބަސްވުމާ މެދު ދެފަރާތުގެ މެދުގައި ޚިލާފު އުފެދިފައިވަނިކޮށް ކަމަށެވެ.

އެހެންކަމުން އެއީ ބާތިލު ނޯޓިސްއެއް ކަމުގައި ކަނޑައަޅައިދީ، މައްސަލަ ޝަރީއަތުން ނިމުމުގެ ކުރިން ބިނާފުށި އަދި ކަނޑާލި ފިނޮޅު، ޔޮޓް ޓުއާސް ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ކުއްޔަށް ނުވަތަ އެހެން ގޮތަކުން ވިޔަސް ދޫނުކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ މައްޗަށާއި، މައްސަލައާ ގުޅުންހުރި ދައުލަތުގެ ކަމާބެހޭ އެންމެހާ ފަރާތްތަކަށް އަންގައި އަމުރުކޮށް ދިނުމަށް އެ ކުންފުނިން ވަނީ އެދިފަ އެވެ.

ޔޮޓް ޓުއާސް އިން ބުނީ އެއްބަސްވުމުގައި ސޮއިކުރި ތާރީހުން ފެށިގެން ކުލި ހިނގާނެ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައި ވީނަމަވެސް އެއްބަސްވުމުގެ ދަށުން ކުއްޔަށް ދިން ތަންތަނުގެ ކުލި ދެއްކެން އޮތީ އެ ތަނުގެ ލޭންޑް އޭރިއާ ކަނޑައެޅިގެން ކަމަށް ވާއިރު، ކުލީގެ މިންވަރު ކަނޑަނޭޅި ލަސްވެފައިވަނީ ޓޫރިޒަމް މިނިސްޓްރީގެ އިހުމާލުން ކަމަށާއި، ކުލީގެ މިންވަރު ކަނޑައެޅުމަށްފަހު ކުއްޔާއި ޖޫރިމަނާގެ ފައިސާ ދެއްކުމަށް އެކަށީގެންވާ މުއްދަތެއް ދިނުމެއްނެތި އެއްބަސްވުން ބާތިލްކޮށްފައިވަނީ އެއްބަސްވުމާއި ހިލާފަށްކަމަށެވެ.

ސިވިލް ކޯޓުން އެ މައްސަލައިގައި ހުކުމް ކޮށްފައި ވަނީ ޔޮޓް ޓުއާސް އާ ދެކޮޅަށެވެ. ސިވިލް ކޯޓުގެ ނިންމުން ޔޮޓް ޓުއާސްގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

ހައިކޯޓުގެ ހުކުމްގައި ބުނެފައި ވަނީ އެއްބަސްވުމުގެ ދަށުން ދައްކަން ޖެހޭ ކުލި އަދި ކުލި ނުދެއްކުމުން އަރާ ޖޫރިމަނާ ފައިސާ ދައްކަންޖެހޭ މުއްދަތު ހަމަވާތާ 60 ދުވަހުގެ ތެރޭގައި ދައްކާފައި ނުވާނަމަ އެއްބަސްވުން ބާތިލު ކުރުމުގެ ބާރު ކުއްޔަށް ދިންފަރާތަށް ލިބިގެންވާކަން އެނގޭ ކަމަށެވެ.

އަދި ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ނުދެއްކި، ދުވަސްތަކެއް ފާއިތުވެފައިވަނީ ކުލި ދެއްކުމަށް މަސައްކަތްކޮށް އެފައިސާ ދެއްކޭނެ މަގެއް ނުވަތަ ގޮތެއް މިނިސްޓްރީ އޮފް ޓޫރިޒަމުން ނުދެއްކުމުން
ކަމަށް ޔޮޓް ޓުއާސް އިން ބުނެ ދައްކާފައިވާ ވާހަކަތަކަށް ބުރަދަން ދެވެން ނެތްކަމަށް ވެސް ހައިކޯޓުން ބުންޏެވެ.

ހައިކޯޓުން ބުނީ ކުލި ދެއްކުމުގެ ޒިންމާއިން ޔޮޓްޓުުއާސް ބަރީއަވުމަށް އެއްބަސްވުމުން ޖާގަ ނުދޭ ކަމަށެވެ. އަދި ކުލި ދެއްކުމަށް އިންކާރުކުރީ ޖޫރިމަނާ ހުއްޖަތެއް ގޮތުގައި ފާހަގަކޮށް ކަމަށްވީ ނަމަވެސް ޖޫރިމަނާއާ ގުޅޭ ގޮތުން އެފަރާތުން އެދުނު ގޮތަށް އެކަންފަހުން ދައުލަތުން އިސްލާހުކޮށްދީ އެކަން އެފަރާތަށް އަންގާފައިވާކަން ހުކުމްގައި ފާހަގަކޮށްފައިވެ އެވެ.

ހަމައެއާއެކު ދެބަސްވުން އުފެދުނު ޖޫރިމަނާގެ މައްސަލަ ހައްލުކޮށް އެކަން އެންގީ 12 އޭޕްރީލް 2015 ގައި ކަމަށާއި، އެ ތާރީހުން ފެށިގެންވެސް އެއްބަސްވުން ބާތިލުކުރުމާ ހަމައަށް އަހަރަކަށް ވުރެ ގިނަ ދުވަސް ފާއިތުވެދިޔައިރުވެސް އެއްބަސްވުމުގެ ދަށުން ކުލީގެ އެއްވެސް މިންވަރެއް ޔޮޓު ޓުއާސް އިން ދައްކާފައިނުވާ ކަމަށެވެ.

އެހެންކަމުން އެ މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމަށް ބަދަލުގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ހައިކޯޓުން މިއަދު ވަނީ ހުކުމް ކޮށްފަ އެވެ.

comment ކޮމެންޓް