ހަބަށް ފައިސާ ދައްކަން ޑީއާރްޕީގެ މައްޗަށް ކުރި ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފި

ފެބްރުއަރީ 15، 2021: ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓު -- ސަމް ފޮޓޯ/ ފަޔާޒު މޫސާ

ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ޑީއާރްޕީއަށް ފޯރުކޮށްދީފައިވާ ޚިދުމަތްތަކަށް ދައްކަންޖެހޭ 718،438 ރުފިޔާއަކީ ޑީއާރްޕީގެ ފަރާތުން އެ ކުންފުންޏަށް ދޭންޖެހޭ ފައިސާއެއް ކަމަށް ސުޕްރީމް ކޯޓުން ވެސް ނިންމައިފި އެވެ.

ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ޝަރީއަތަށް ހުށަހަޅާފައިވާ އިންވޮއިސްތަކަށް ބަލާއިރު، އެ އިންވޮއިސްގައިވާ އަގުގެ ހިދުމަތްތަކަކީ 2008 އަދި 2009 ވަނަ އަހަރު އެކުންފުނިން ޑީއާރްޕީއަށް ފޯރުކޮށްދީފައިވާ ހިދުމަތްތަކަށް ދައްކަންޖެހޭ ފައިސާކަން އެނގެ އެވެ.

އެއީ ޑީއާރްޕީގެ ޒައީމް ކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހުންނެވި އިރު، ހަބް ކުންފުނިން ހޯދި ހިދުމަތްތަކެވެ.

އެ ހިދުމަތްތަކަށް ދައްކަންޖެހޭ 718،438 ރުފިޔާ ނުދައްކާ ލަސްވާތީ ހަބް ކުންފުނިން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. ދެހާސް ސާދަ ވަނަ އަހަރު ސިވިލް ކޯޓުން ހުކުމްކުރީ އެ ފައިސާ އަކީ ޑީއާރްޕީން ދައްކަން ޖެހޭނެ ފައިސާ ކަަމަށެވެ. އެ ހުކުމަށް 2015 ވަނަ އަހަރު ހައިކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ.

ހައިކޯޓުގެ ނިންމުން ޑީއާރްޕީގެ ފަރާތުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.

ޑީއާރްޕީން ބުނެފައި ވަނީ މައްސަލައިގައި ރިއާޔަތްކޮށްފައި ވަނީ ސައްހަ ނޫން އިންވޮއިސްތަކަކަށް ކަމަށެވެ. ނަމަވެސް އެ އިންވޮއިސްތަކުގެ ހިދުމަތް ލިބުނުކަމަށް ޑީއާރްޕީން ވަނީ ދަށު ކޯޓުގައި އިއުތިރާފުވެފަ އެވެ.

އޭގެ އިތުރުން، އިންވޮއިސްތަކުގައިވާ އަގަކީ އެއްބަސްވެފައިވާ އަގު ނޫން ކަމަށް ވެސް ޑީއާރްޕީން ވަނީ ބުނެފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައިވަނީ އަގުތަކާ މެދު ސުވާލު އުފައްދާނަމަ، އެ އިންވޮއިސްތަކަށް ދެފަރާތުން ކުރިން އެއްބަސްވެފައިވާ އަގަކީ ކޮބައިކަމާއި އަދި އެގޮތަށް އެއްބަސްވިކަން ސާބިތުކޮށްދިނުމުގެ ބުރަ އުފުލަން ޖެހޭނީ ޑީއާރްޕީން ކަމަށެވެ.

ނަމަވެސް އެކަން ސާބިތުކުރަން އެއްވެސް ހެއްކެއް އެ ޕާޓީގެ ފަރާތުން ދަށު ކޯޓުގައި ހުށަހަޅާފައި ނުވާކަން ސުޕްރީމް ކޯޓުގެ ހުކުމްގައި ފާހަގަކޮށްފައިވެ އެވެ.

އެހެންކަމުން ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރީ ޑީއާރުޕީން ފައިސާ ދައްކަންޖެހޭނެ ކަމަށް ސިވިލް ކޯޓާއި ހައި ކޯޓުން ކުރި ހުކުމް ރަނގަޅު ކަމަށެވެ.

ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ރިޔާސަތު ބެލެހެއްޓެވި އެ ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސުއޫދެވެ.

comment ކޮމެންޓް