ވެންޓިލޭޓަރުތަކަށް ދެއްކި ފައިސާ ހޯދަން ސަރުކާރުން އާބިޓްރޭޝަނަށް

ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވާހަކަ ދައްކަވަނީ --- ފޮޓޯ/ އެންއޯއީސީ

ރާއްޖެއަށް ބޭނުންވާ 75 ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް ސަރުކާރުން ދިން ފައިސާ އަނބުރާ ހޯދުމަށް ދިވެހި ސަރުކާރުން އާބިޓްރޭޝަނަށް ދާން ނިންމައިފި އެވެ.

އެ ކުންފުންޏަށް ވެންޓިލޭޓަރު ގަންނަން ދީފައި ވަނީ 30.91 މިލިއަން ރުފިޔާ އެވެ. ނަމަވެސް އޭގެ ތެރެއިން ލިބިފައި ވަނީ އެންމެ 15 ވެންޓިލޭޓަރެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ބާކީހުރި 65 ވެންޓިލޭޓަރު އަނބުރާ ހޯދަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް އެ މަސައްކަތުން އެއްވެސް ނަތީޖާއެއް ލިބިފައި ނުވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް އެކި މުއްދަތުތައް ދެވިފައިވާ ކަމަށާއި، ވެންޓިލޭޓަރުތައް ހޯދުމުގެ އެކި ޓައިމްލައިންތައް ވެސް ފަހަނައަޅާ ގޮސްފައިވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ ވެންޓިލޭޓަރުތައް ހޯދަން ސަރުކާރުން ކުރި މަސައްކަތުން އެއްވެސް ނަތީޖާއެއް ލިބިފައި ނުވާތީ، މައްސަލައިގައި އާބިޓްރޭޝަނަށް ދާން އެޓާނީ ޖެނެރަލް މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ.

"މިކަމުގައި ކަން ކުރަންވީ ގޮތް، އެގްޒެކިއުޓާޒް ޖެނެރަލްއާއެކު ހަދާފައިވާ އެއްބަސްވުމުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި އެބަ އޮތް. މިކަން ކުރެވެން ޖެހޭނީ ޔުނައިޓެޑް ނޭޝަންސް ކޮމިޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް ލޯ އާ އެއްގޮތުގެ މަތިން އިންޓަނޭޝާނަލް އާބިޓްރޭޝަނެއްގައި،" މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ އެ އާބިޓްރޭޝަން ހިންގާނީ ރާއްޖޭގައި ކަމަށާއި، އާބިޓްރޭޝަންގެ އާބިޓްރޭޓާ އަކަށް ވާނީ ބައިނަލްއަގްވާމީ އާބިޓްރޭޓާ އެއް ކަމަށެވެ.

"މި މައްސަލައިގައި އަޅުގަނޑުމެން މިހާރު މި އެދެނީ، މި އެގްރީމަންޓާ ހިލާފުވެފައިވާ ކަމަށް ދެކި، މިކަމަށް ދެއްކުނު ފައިސާ އަނބުރާ ހޯދަން،" މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ ޔޫއޭއީ އަދި ރާއްޖެ އަކީވެސް ނިއު ޔޯކް ޓްރީޓީގެ ބައިވެރިން ކަމަށާއި އެހެންކަމުން އާބިޓްރޭޝަން އިން ސަރުކާރާ އެއްކޮޅަށް މައްސަލަ ނިމިއްޖެ ނަމަ، ފައިސާ އަނބުރާ ހޯދުމުގައި ބައިނަލްއަގުވާމީ ޓްރީޓީތަކުން މަސައްކަތް ކޮށްދޭނެ ކަމަށެވެ.

މަބްރޫކް ވިދާޅުވީ މިހާރު ސަރުކާރުގެ އަމާޒަކީ އެ ފައިސާ އަނބުރާ ހޯދުން ކަމަށާއި އަދި މައްސަލައިގައި ޖިނާއީ ކަމެއް އުޅޭތޯ ބަލަން ތަހުގީގު ވެސް ކުރިއަށްދާނެ ކަމަށެވެ.

"މިކަމުގައި އެއްވެސް މީހަކު ޝަމިލުވެފައިވާނަމަ، އެއީ ދިވެއްސެއް ވިޔަސް ނޫން ވިޔަސް އެމީހަކާ ދޭތެރޭ ފިޔަވަޅު އަޅަން އަޅުގަނޑުމެން ބޭނުން،" މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ ވެންޓިލޭޓަރުތަކުގެ މައްސަލަ އަކީ ބޮޑު މައްސަލައެއް ކަމަށާއި ރާއްޖެއަށް އެންމެ ނާޒުކު ހާލަތު ދިމާވި އިރު، ދިވެހިންގެ ފުރާނަ ސަލާމަތްކުރަން ކޮންމެހެން ބޭނުންވާ ކަމަށް ސިއްހީ މާހިރުން ވިދާޅުވި ވެންޓިލޭޓަރުތައް ގަތުމުގެ ތެރޭގައި "ދިމާވި ކަންކަމާ" ގުޅޭގޮތުން ރައްޔިތުން ހިއްސާކުރާ ކަންބޮޑުވުން ސަރުކާރުން ވެސް ހިއްސާ ކުރާ ކަމަށެވެ.

comment ކޮމެންޓް