ސަމާ އައިލެންޑުގެ ތްރީޑީ ފަރު ދުނިޔޭގެ ރެކޯޑު ފޮތަށް

ސަމާ އައިލެންޑު ރިސޯޓުގެ 3ޑީ މުރަކަ ސްޓްރަކްޗާއެއް -- ފޮޓޯ: ސަމާ އައިލެންޑް

ދުނިޔޭގެ އެންމެ ބޮޑު 3ޑީ ޕްރިންޓެޑް ކޮަރަލް ރީފްގެ ލަގަބު ސަމާ އައިލެންޑް ރިސޯޓުގެ ފަޅުތެރޭ ހަދާފައިވާ އާޓިފިޝަލް ފަރަށް ލިބިއްޖެ އެވެ.

ރާއްޖޭގައި ރިސޯޓު އޮޕަރޭޓުކުރާ އެންމެ ދުވަސްވީ އެއް ކުންފުނި، ކައިމޫ ޓްރެވަލްސް އެންޑް ހޮޓެލްސް ސާވިސެސްއިން ކ. ޒިޔާރަތްފުށީގައި ހިންގާ ސަމާ އައިލެންޑް މޯލްޑިވްސްގައި 3ޑީ ޕްރިންޓުކުރި ސްޓްރަކްޗާއެއް ހަރުކޮށް، އެ އޮނިގަނޑުގައި މުރަކަ އިންދައި އާލާކުރުމުގެ މަޝްރޫއު ފެށީ 2018 ވަނަ އަހަރު އެވެ.

ސަމާ އައިލެންޑު ރިސޯޓުގެ ފަރެއް -- ފޮޓޯ: ސަމާ އައިލެންޑް

އޮސްޓްރޭލިއާގެ ރީފް ޑިޒައިން ލެބާއި ޑައިވާލޭންޑް މޯލްޑިވްސްއާ ގުޅިގެން އެ ރިސޯޓުން އެ މަޝްރޫއު ފެށީ ރިސޯޓުގެ ފަޅުގައި މުރަކަ އުފެދިފައި ނެތް ސަރަހައްދުތަކުގައި މުރަކަ އިންދައި އާލާކުރުމަށެވެ.

މުރަކަ އިންދައި އާލާކުރުމަށްޓަކައި އޮސްޓްރޭލިއާގެ ރީފް ޑިޒައިން ލެބުން ވަނީ، ރާއްޖޭގައި އުފެދިފައި ހުންނަ ފަދަ ފަރުގެ ބައްޓަމަށް އޮނިގަނޑުތަކެއް ކޮމްޕިއުޓަރު ބޭނުންކޮށްގެން ފަރުމާކޮށްފައެވެ. އަދި ބޮޑު 3ޑީ ޕްރިންޓަރެއްގެ އެހީގައި މި އޮނިގަނޑުތައް ޕްރިންޓުކޮށް، އެ ރިސޯޓުގެ އެ ފަރުގައި ވަނީ އިންދައިފައެވެ.

ސަމާ އައިލެންޑު ރިސޯޓުގައި ފަރު ހައްދަނީ -- ފޮޓޯ: ސަމާ އައިލެންޑް

ސަމާ އައިލެންޑުން ބުނީ އެ ރިސޯޓުގެ 3ޑީ ފަރު ދުނިޔޭގެ ފެންބަރުގައި ފާހަގަވެ، ބަލައިގަނެފައިވާއިރު، ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ދޭ ސަމާލުކަން އިތުރު ކުރަން ޖެހޭ ކަމަށެވެ.

ސަމާ އައިލެންޑު ރިސޯޓުގެ ފަރެއް -- ފޮޓޯ: ސަމާ އައިލެންޑް

"އެގޮތުން ރިސޯޓުގައި ޕްލާސްޓިކް ކޮތަޅާއި ހޮޅި އަދި ފުޅި ފަދަ ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ކުރުން ވަނީ ހުއްޓާލާފައި. ތިމާވެއްޓާ ރައްޓެހި އުކުޅުތައް އެޑޮޕްޓު ކުރުމަށް ސަމާ އައިލެންޑު ރިސޯޓުން މަސައްކަތް ކުރަން،" އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު މާރި ޝަރީފް ވިދާޅުވި އެވެ.

comment ކޮމެންޓް