ފާއިތުވި ދެ އަހަރު ޓީބީ ޖެހިގެން ރާއްޖެއިން ހަ މީހަކު މަރުވި

މެއި 14، 2020: އައިޖީއެމްއެޗް ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓީބީ ބަލީގައި އައިޖީއެމްއެޗް އިން ފަރުވާދެމުންދިޔަ ބަލިމީހުންގެ ތެރެއިން، 2019 އަދި 2020 ވަނަ އަހަރާ ދެމެދު ހަ މީހަކު މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

ކޮންމެ އަހަރެއްގެވެސް މާޗު 24 އަކީ ދުނިޔޭގެ ޓީބީ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަހެވެ.

ދުވަހާ ގުޅުވައިގެން އައިޖީއެމްއެޗް އިން ނެރުނު ބަޔާނެއްގައި ބުނީ ޓީބީ ބައްޔަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު އެންމެ ގިނަމީހުން މަރުވާ 10 ބަލީގެ ތެރެއިން އެއް ބަލި ކަމަށާއި ޓީބީ ބައްޔަކީ ރާއްޖޭގައިވެސް މުހިންމު އަހައްމިއްޔަތުކަމެއް ދީގެން ފަރުވާދެމުން އަންނަ ބައްޔެއް ކަމަށެވެ.

އައިޖީއެމްއެޗް ގައި 2018 ވަނަ އަހަރު ހުޅުވި ރެސްޕިރޭޓަރީ އިންފެކްޝަސް ޑިސީސެސް އެންޑް ޑައިގްނޯސްޓިކް ޔުނިޓް (އާރްއައިޑީޑީޔޫ)ގައި ޓީބީ ބަލި ދެނެގަތުމަށް ހަދާ ޓެސްޓުތަކާއި، ޑޮކްޓަރަށް ދެއްކުން އަދި ބޭސްފަރުވާގެ ހިދުމަތްތައް މެދުކެނޑުމެއްނެތި ދެމުން އަންނަ ކަމަށެވެ.

ޓީބީ ބަލީގައި އައިޖީއެމްއެޗް އިން ފަރުވާދެމުންދިޔަ ބަލިމީހުންގެ ތެރެއިން 2019 އަދި 2020 ވަނަ އަހަރާ ދެމެދު ހަ މީހުން މަރުވި އިރު، އެ މުއްދަތުގައި އެ ޔުނިޓުން 993 އަށްވުރެ ގިނަ ޓީބީ ކޮންސަލްޓޭޝަން ހިންގާފައިވާ ކަމަށާއި ކުޅުގެ 6215 ސާމްޕަލް ނަގައި ޓެސްޓްކޮށްފައިވާ ކަމަށް އައިޖީއެމްއެޗް އިން ބުންޏެވެ. އަދި 2098 ޖީންއެކްސްޕާޓް ޓެސްޓަށް ސާމްޕަލް ހެދި ކަމަށެވެ.

އެ ހިދުމަތްތަކުގެ އިތުރުން ޓީބީ ބަލިމީހުންނަށް ދުވަހުން ދުވަހަށް ބޭސް ކާންދިނުމާއި، ޓީބީ ބޭސްތަކުގެ ސްޓޮކް ބެލެހެއްޓުމާއި، ޓީބީ އަށް ޕޮޒިޓިވް ބަލިމީހުންގެ ފަރާތުން ކޮންޓެކްޓް ޓްރޭސިންގ ހަދައި ޑޮކްޓަރަށް ދެއްކުމާއި، ބަލިން ރަންގަޅުވުމަށްފަހު ތިން މަސްފަހުން ފޮލޯއަޕް އަށް ދެއްކުމުގެ އިންތިޒާމް ހަމަޖެއްސުމާއި، ސާމްޕަލްތައް ބަލައިގަނެ ތަހުލީލުތައް ހަދައި ރިޕޯޓްކުރުމަކީ ވެސް އެ ޔުނިޓުން ދޭ ހިދުމަތްތަކެވެ.

އައިޖީއެމްއެޗް އިން ބުނީ އެ ހޮސްޕިޓަލުގެ އަމާޒަކީ ރާއްޖެއިން ޓިބީ ބަލި ނައްތާލުމަށް ކުރެވޭ މަސައްކަތުގައި ފުރިހަމަ އެއްބާރުލުން ދީ، ޓީބީ ބައްޔާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ.

ޓީބީ ދުވަސް ފާހަގަ ކުރުމުގެ އެންމެ ބޮޑު އަމާޒަކީ ޓީބީ ބައްޔާ ބެހޭގޮތުން މީހުން ހޭލުންތެރި ކުރުވުމާއި މުޅިދުނިޔެއިން ބަލި ފުހެލުމަށް ދުނިޔޭގެ ހުރިހާ ގައުމުތަކުން އެއްބާރުލާ މަސައްކަތްކުރުމެވެ.

އެގޮތުން މިއަހަރުގެ ޝިއާރަކީ 'ދަ ކްލޮކް އިޒް ޓިކިންގް' އެވެ. އެ ޝިއާރުން އަލިއަޅުވާލަނީ ދުނިޔޭގެ އެކި ގައުމުތަކުންނާއި ލީޑަރުން ޓީބީ ބަލި ދުނިޔެއިން ނައްތާލުމަށް ހަރަކާތްތެރިވުމަށް އޮތް ވަގުތު ކުޑަތަންވަމުން އަންނަކަމަށެވެ.

ޓީބީ އަކީ ބެކްޓީރިއާ އެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. ވައިގެ ޒަރިއްޔާއިން ގައިންގަޔަށް ފެތުރޭ މި ބަލި އެންމެ ފާހަގަކޮށްލެވޭ ގޮތެއްގައި ޖެހެނީ ފުއްޕާމެއަށެވެ.

comment ކޮމެންޓް