ރިޑަންޑެންސީގެ ގޮތުގައި ވަޒީފާ އިން ވަކިކޮށްފައިވާ މީހުންގެ މައުލޫމާތު ހޯދަނީ

މާލެ މަގުމަތި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވަޒީފާ އާ ބެހޭ ގާނޫނުގެ 21 ވަނަ މާއްދާއަށް ގެނައި އިސްލާހާއެކު ވަޒީފާ އިން ވަކިކޮށްފައިވާ ނުވަތަ "ރިޑަންޑެންސީ" ގެ ގޮތުގައި ވަޒީފާ އިން ވަކިކޮށްފައިވާ މީހުންގެ މައުލޫމާތު އިކޮނޮމިކް މިނިސްޓްރީ އާ ހިއްސާ ކުރަން އެދެފި އެވެ.

އެ މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނީ ރާއްޖޭގެ ވަޒީފާގެ ބާޒާރަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމުގެ މަސައްކަތް އެ މިނިސްޓްރީ އިން ކުރަމުންދާ ކަމަށެވެ.

ވަޒީފާ އާ ބެހޭ ގާނޫނުގެ 21 ވަނަ މާއްދާއަށް ގެނައި އިސްލާހާއެކު، ރިޑަންޑެންސީގެ ގޮތުގައި ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުންގެ މައުލޫމާތު އެއްކޮށް، އެކަމާގުޅޭ ދިރާސާއެއް ކުރުމަށް ތައްޔާރު ވަމުންދާ ކަމަށެވެ.

އެ ދިރާސާގެ ބޭނުމަށް، ވަޒީފާއިން ރިޑަންޑަންޓް ކުރެވިފައިވާ ފަރާތްތަކުގެ މައުލޫމާތު މިނިސްޓްރީ އާ ހިއްސާކޮށްދިނުމަށް ވަނީ އެފިދައެވެ.

ދެހާސް ނަވާރަ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން، ވަޒީފާއިން ރިޑަންޑެންޓް ކޮށްފައިވާ ފަރާތްތަކުން، 24 މާރޗު 2021ގެ ކުރިން، އެކަން ސިޓީއަކުން ނުވަތަ [email protected] އަށް އީމެއިލް ކޮށް، އެންގުމަށް ވަނީ އެދިފައެވެ.

ވަޒީފާ އާ ބެހޭ ގާނޫނުގެ 21 ވަނަ މާއްދާ އަށް ގެނައި އެ އިސްލާހުގައި ބުނާގޮތުން ވަޒީފާ ދޭ ފަރާތުން ހިންގާ ވިޔަފާރިއެއް ނުވަތަ ދެމުންދާ ހިދުމަތެއް ހުއްޓާލަން ޖެހުމާ ގުޅިގެން ނުވަތަ ވަޒީފާދޭ ފަރާތުގެ ހިންގުމަށް ގެންނަ ބަދަލަކާ ގުޅިގެން ނުވަތަ ވަޒީފާދޭ ފަރާތުގެ މާލީ ހާލަތު ދަށްވުމާ ގުޅިގެން މަގާމެއް އުނިކުރަންޖެހުމުގެ ސަބަބުން، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަކީ، ކުރެވިދާނެ ކަމެއް ކަމަށެވެ.

އެގޮތަށް ވަޒީފާ އިން ވަކި ކުރެވޭނީ މިނިސްޓަރު ހަދާ ގަވައިދެއް ނުވަތަ އުސޫލެއްގެ ދަށުން ކަމަށް ބުނެފައި ވެއެވެ.

ވަޒީފާ އާ ބެހޭ ގާނޫނަށް ގެނައި އެ އިސްލާހާއެކު ރިސޯޓު ތަކުގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުން ވަޒީފާ އިން ވަކިކުރަމުންދާ ކަމުގެ ވާހަކަތައް ވަނީ ދެކެވެން ފަށައިފައެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ތަސްދީގުކޮށް އަމަލުކުރަން ފެށި އެ ގާނޫނުގެ ދަށުން ރިސޯޓު ތަކުން ވަޒީފާ އިން ވަކިކޮށްފައިވާ މުވައްޒަފުން، ވަޒީފާ އާއި ބެހޭ ޓްރައިބިޔުނަލް އަށް މައްސަލަ ހުށަހަޅަމުންދާ ކަމަށާއި، ނަމަވެސް އެގޮތަށް މައްސަލަ ހުށަހަޅާ މުވައްޒަފުންނަށް ރިސޯޓުތަކުގެ އެޗްއާރުން ގޯސް ރިފަރެންސް ދެމުންދާ ކަމަށް ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާ، ޓީމްއިން ބުންޏެވެ.

comment ކޮމެންޓް