އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމުގެ ނިންމުން ނިންމޭނީ އެެމެރިކާގެ ރައީސަށް: އޮސްޓިން

އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން

ކާބުލް (މާޗް 22): އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބާލައި އެގައުމަށް ސުލްހަ ގެނައުމާބެހޭގޮތުން ތާލިބާނުންނާ އެކު އެމެރިކާ ސޮއިކޮށްފައިވާ އެއްބަސްވުމާ އެއްގޮތަށް އެމެރިކާ ސިފައިން ބޭލުމުގައި ގޮތެއް ނިންމޭނީ އެމެރިކާ ސިފައިންގެ އެންމެ އިސް ކޮމާންޑަރުގެ ހައިސިއްޔަތުން ރައީސް ޖޯ ބައިޑެން އަށްކަމަށް އެމެރިކާގެ ދިފާއީ ވަޒީރު ލުއިޑް އޮސްޓިން ވިދާޅުވެއްޖެއެވެ.

އަފްޣާނިސްތާނަށް ކުރެއްވި ކުއްލި ދަތުރުފުޅަކަށްފަހު އެގައުމުން ފުރާވަޑައިގަތުމުގެ ކުރިން ދެއްވި ބަޔާނެއްގައި އޮސްޓިން ވިދާޅުވީ އަފްޣާނިސްތާނަށް ސުލްހަ ގެނައުމާބެހޭގޮތުން ތާލިބާނުންނާ އެކު އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުމަށް ރައީސް ޖޯ ބައިޑެން ގެ ސަރުކާރުންވެސް އިހްތިރާމް ކުރާކަމުގައެވެ. ނަމަވެސް އެ އެއްބަސްވުމާ އެއްގޮތަށް އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭލުމާބެހޭގޮތުން އެމެރިކާ ސަރުކާރުން އަދި ވަކިގޮތެއް ނުނިންމާކަން އޭނާ ފާހަގަ ކުރެއްވިއެވެ. ސިފައިން ބޭލުމުގެ ނިންމުން ނިންމޭނެ ހަމައެކަނި ބޭފުޅަކީ އެމެރިކާ ސިފައިންގެ އެންމެ އިސް ކޮމާންޑަރުގެ ހައިސިއްޔަތުން ރައީސް ޖޯ ބައިޑެން އަށްކަމަށް އޮސްޓިން ވިދާޅުވިއެވެ.

އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިންގެ 13 ހާސް މީހުންގެ ތެރެއިން 10 ހާސް މީހުން އަންނަ މޭ މަހުގެ އެއްވަނަ ދުވަހުގެ ކުރިން އެގައުމުން ބާލަންޖެހޭކަމާއި ބާކީ ތިބޭ ސިފައިން ބާލާނެ ތާރީޚެއްވެސް މޭ އެކެއްގެ ކުރިން އެމެރިކާ އިއުލާން ކުރަންޖެހޭ ކަމަށް ތާލިބާނުންނާއެކު އެމެރިކާ ސޮއިކުރި އެއްބަސްވުން ބުނެއެވެ.

ނަމަވެސް އެމެރިކާގެ ރައީސް ޖޯ ބައިޑެންވަނީ އަންނަ މޭމަހުގެ އެއްވަނަ ދުވަހުގެ ކުރިން އަފްޣާނިސްތާނުގައި ތިބޭ އެމެރިކާ ސިފައިންގެ ތެރެއިން 10 ހާސްމީހުން އެގައުމުން ބާލައި އަދި އެމެރިކާ ސިފައިންގެ އެންމެފަހުމީހާ އަފްޣާނިސްތާނުން ބާލާނެ ތާރީޚެއް މޭމަހުގެ އެއްވަނަ ދުވަހުގެ ކުރިން ކަނޑައެޅުމަކީ އެމެރިކާއަށް ކުރަން ދަތިކަމެއްކަމަށް ވިދާޅުވެ އެ އެއްބަސްވުމުގެ ރޫހާ ޚިލާފަށް ވާހަކަ ދައްކަވާފައެވެ. މިމައްސަލާގައި ތާލިބާނުންވަނީ ރުޅިގަދަވެ އެމެރިކާ ސިފައިން އަފްޣާނިސްތާނުން ގަދަބާރުން ބޭރުކޮށްލުމުގެ ހަނގުރާމަ އަލުން ފަށަންޖެހިދާނެކަމުގެ އިންޒާރު ދީފައެވެ. މިމައްސަލަ ހައްލުކުރުމަށްޓަކައި އެމެރިކާއާއި ތާލިބާނުންނާ ދެމެދު މެދުވެރިއެއްގެ ބައި އަދާކުރުމަށް ގަތަރު ގެންދަނީ މަސައްކަތް ކުރަމުންނެވެ.

އަނެއްކޮޅުން އަފްޣާން ސަރުކާރާއި ތާލިބާނުންނާ ދެމެދު ސުލްހަ ގާއިމް ކުރުމަށްޓަކައި ރަޝިއާވެސް ގެންދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މިކަމަށްޓަކައި ރަޝިއާގެ ޚާރިޖީ ވަޒީރު އިސްކޮށް ހުންނަވައިގެން މޮސްކޯގައިވަނީ އަފްޣާން ސަރުކާރުގެމަންދޫބުންނާއި ތާލިބާނުންގެ މަންދޫބުން ހިމެނޭގޮތަށް މިދިޔަ ހޮނިހިރު ދުވަހު ބައްދަލުވުމެއް ބާއްވާފައެވެ.

މޮސްކޯގެ ބައްދަލުވުމުގައި މަޝްވަރާކުރި ކަންތައްތަކުގެ ތެރޭގައި ތާލިބާނުންނާއި އަފްގާން ސަރުކާރުގެ މަސްއޫލުވެރިން ހިމެނޭގޮތަށް އިންތިގާލީ ސަރުކާރެއް އެކުލަވާލުންވެސް ހިމެނެއެވެ. ނަމަވެސް މިކަމުގައި އެދެފަރާތަށް އަދި އެއްގަލަކަށް އެރިފައެއް ނުވެއެވެ.

އެމެރިކާގެ ދިފާއީ ވަޒީރު އޮސްޓިންގެ އަފްޣާނިސްތާނަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ ރައީސް އަޝްރަފް ޣަނީގެ އިތުރުން އެ ޤައުމުގެ ދިފާއީ ވަޒީރު ޔާސީން ޒިޔާ އާ ވަނީ ބައްދަލުކުރައްވާފައެވެ. މޭ އެކެއްގެ ކުރިން މިއޮތް މަދު ހަފްތާތަކަކީ އަފްޣާނިސްތާނުން 10 ހާސް ސިފައިން ބޭލޭވަރަށް ވުރެ މާކުރު މުއްދަތެއްކަމާއި އެއީ މިހާކުރު މުއްދަތެއްގައި އަމަލީގޮތުން ކުރެވޭނެ ކަމެއް ނޫންކަމަށް އެމެރިކާގެ ކޮންގްރެސްގެ ސިފައިންގެ ކަންތައްތަކާބެހޭ ސަބްކޮމިޓީގެ ވެރިޔާ ވަނީ ވިދާޅުވެފައެވެ.

އެމެރިކާވަނީ އަފްޣާނިސްތާނުގައި 21 އަހަރުވަންދެން ހަނގުރާމަކޮށްގެންވެސް އާދައިގެ ހަތިޔާރު ހިފައިގެން އުޅޭ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ތާލިބާނުން އަސްކަރީގޮތުން ބަލި ކުރުމުގައި ނާކާމިޔާބުވެފައެވެ. (އަލްޖަޒީރާ)

comment ކޮމެންޓް