ބްރެޒަވިލް (މާޗް 22): ރިޕަބްލިކް އޮފް ކޮންގޯގެ ރިޔާސީ އިންތިހާބު އިއްޔެ ކުރިއަށް ދަނިކޮށް އެގައުމުގެ އިދިކޮޅު ލީޑަރު ގާއި ބްރައިސް ޕާފެއިޓް ކޮލެލާސް އަވަހާރަވެއްޖެ އެވެ.
ކޮލެލާސްގެ ކެމްޕޭން މެނޭޖަރު ކްރިސްޓިއަން ސައިރު ރޮޑްރީގް މަޔަންޑާ ވިދާޅުވި ގޮތުގައި އޭނާ އަވަހާރަވީ ކޮވިޑް-19 ޖެހިގެން ހޮނިހިރު ދުވަހު ހޮސްޕިޓަލުގައި އެޑްމިޓު ކުރި ފަހުންނެވެ. އަދި އިތުރު ފަރުވާއަށް ފްރާންސަށް ގެންދިޔަ މަގުމަތީގަ އެވެ.
"ކޮލެލާސް އަވަހާރަވީ އިއްޔެ [ވެރިރަށް] ބްރެޒަވިލް އިން [ފްރާންސަށް] ގެންދަން އައި މެޑިކަލް މަތިންދާބޯޓެއްގައި،" މަޔަންޑާ ވިދާޅުވި އެވެ.
ކޮލެލާސްގެ އެންމެ ފަހު ކެމްޕޭން ހަރަކާތް ބާއްވަން ހަމަޖެހިފައި އޮތީ މިދިޔަ ހުކުރު ދުވަހު ކަމަށްވީ ނަމަވެސް އޭނާއަށް މެލޭރިއާ ޖެހިފައިވާ ކަމަށް ލަފާ ކުރެވޭ ކަމަށް ވިދާޅުވެ، އެ ހަރަކާތް ކެންސަލް ކުރެއްވި އެވެ. އަދި އޭނާ އޮކްސިޖެން މާސްކެއް އަޅުއްވައިގެން ހޮސްޕިޓަލެއްގައި އޮންނަވާ މަންޒަރު ފެންނަ ވީޑިއޯއެއް އެ ދުވަހު ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ.
"އަޅުގަނޑު މިދަނީ މަރާ ހަނގުރާމަ ކުރަމުން. ނަމަވެސް ތިބޭފުޅުން ތެދުވެވަޑައިގެން، ބަދަލަކަށް ވޯޓު ދެއްވުން އަޅުގަނޑު އެދެން،" އެ ވީޑިއޯގައި ކޮލެލާސް ވިދާޅުވި އެވެ.
އުމުރުން 61 އަހަރު އަހަރުގެ ކޮލެލާސްގެ ހަކުރު ބަލި ހުންނަ ކަމަށް ކޮންގޯގެ އޮފިޝަލުން ވިދާޅުވި އެވެ.
ކޮލެލާސް އަކީ ކޮންގޯގެ ރިޔާސީ އިންތިހާބުގައި ރައީސް ޑެނިސް ސަސޯ އެންގުއެސޯއާ އެންމެ ގާތުން ވާދަ ކުރައްވާނެ ކަމަށް ބެލެވޭ ކެންޑިޑޭޓެވެ.
ކޮންގޯގައި 36 އަހަރު ވަންދެން ވެރިކަން ކުރައްވާފައިވާ އެންގުއެސޯ އެގައުމުގައި 2016 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ 60 ޕަސެންޓު ވޯޓާ އެކު އެވެ. އަދި އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވި ކޮލެލާސްއަށް އޭރު ލިބުނީ 15 ޕަސެންޓު ވޯޓެވެ.
އިއްޔެގެ ރިޔާސީ އިންތިހާބުގައި ބައެއް ސަަރަހައްދުތަކުން ކޮލެލާސްއަށް އެންގުއެސޯއަށް ވުރެ ގިނަ ވޯޓު ލިބިފައިވާ ކަމަށް އޭނާގެ ކެމްޕޭނުން ބުނި ނަމަވެސް، އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް އޮބްޒާވަރުން ލަފާ ކުރައްވަނީ އެންގުއެސޯ އެވެ.