ރާއްޖެ-ބަންގްލަދޭޝް ގުޅުންބަދަހިކުރުމުގެ ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފި

ރައީސް ސޯލިހު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަންގްލަދޭޝް އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ބެހޭ ހަތަރު އެއްބަސްވުމެއްގައި މިއަދު ސޮއިކުރައްވައިފި އެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ އޮފީހުގައި މިއަދު މެންދުރު ފަހު ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސް އޮފީހުން ބުނީ ރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު މިއަދު ސޮއިކުރި އެއްބަސްވުންތަކުގެ ތެރެއިން ދެ ގައުމުގެ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި ދެ ގައުމުގެ ދެމެދު ހަރުދަނާ އުސޫލެއްގެ މަތީން މަޝްވަރާތައް ކުރުމަށްޓަކައި "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގް އޮން ދަ އެޝްޓަބްލިޝްމަންޓް އޮފް ދަ މޯލްޑިވްސް-ބަންގްލަދޭޝް ޖޮއިންޓް ކޮމިޝަން އޮން ކޮމްޕްރިހެންސިވް ކޯޕަރޭޝަން"ގައި ވަނީ ސޮއިކޮށްފަ އެވެ.

އެ އެއްބަސްވުމުގައި ސޮއިކުރެއްވީ، ފޮރިން އެފެއާޒް މިނިސްޓަރު އަބްދުﷲ ޝާހިދާއި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. އޭކޭ އަބްދުލް މޮމެން އެވެ.

ދިވެހި ސަރުކާރާ ބަންގްލަދޭޝް ސަރުކާރާ ދެމެދު އެކިއެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމަށް ޓަކައި ޖޮއިންޓް ކޮމިޝަނެއް އެކުލަވާލުމުގެ ގޮތުން "މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގް އޮން ދަ އެޝްޓަބްލިޝްމަންޓް އޮފް ބައިލެޓްރަލް ކޮންސަލްޓޭޝަންސް"ގައި ސޮއިކުރެއްވީ، ފޮރިން ސެކްރެޓަރީ އަބްދުލްގަފޫރު މުހައްމަދާއި، ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ މައްސޫދު ބިން މޮމެން އެވެ.

ދެ ގައުމުގެ ދެމެދު މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި އެކަމާގުޅޭ މަޝްވަރާތަކަށް މަގުފަހިކުރުމަށް ޓަކައި ދެ ސަރުކާރު ދެމެދު "މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގް އޮން ދަ އެޝްޓަބްލިޝްމަންޓް އޮފް ދަ ފީލްޑް އޮފް ފިޝަރީޒް އެންޑް ޕެލަޖިކް ފިޝިންގް"ގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އާއި ބަންގްލަދޭޝްގެ މިނިސްޓާ އޮފް ފިޝަރީޒް އެންޑް ލައިވްސްޓޮކް އެސް.އެމް. ރިޒާއުލް ކަރިމް އެވެ.

ދިވެހި ސަރުކާރާއި ބަންގްލަދޭޝްގެ ރައްޔިޔުންނާއި ގުޅުން ގާއިމުކުރުމަށް ޓަކައި ދެ ގައުމުގެ އާދަކާދަ އާއި ސަގާފަތް ދަސްކުރުމަށާއި އެކަމަށް އަހުލުވެރިވުމަށް ޓަކައި މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގް އޮން ދަ އެޝްޓަބްލިޝްމަންޓް އޮފް ކަލްޗަރަލް އެކްސްޗޭންޖް ޕްރޮގްރާމް (ސީއީޕީ) ފޯ 2022-2025ގައި ސޮއިކުރެއްވީ ޝާހިދު އާއި ބަންގްލަދޭޝްގެ ސްޓޭޓް މިނިސްޓާ އޮފް ކަލްޗަރަލް އެފެއާޒް ކޭއެމް ހާލިދެވެ.

ރައީސް އޮފީހުން ބުނީ އެއްބަސްވުންތަކުގައި ސޮއިކުރެއްވުމުގެ ކުރިން ބަންގްލަދޭޝްގެ ބޮޑުވަޒީރު އުޅުއްވާ އޮފީހުގައި ރައީސް ސޯލިހާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ވަކިން ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި އެއަށްފަހު ދެ ގައުމުގެ ސަރުކާރުގެ މެދުގައި ދޭދޭ ގުޅުންބަދަހިކުރުމާއި ގުޅޭގޮތުންވެސް މިއަދު ވާހަކަތައް ކުރިއަށްގެންގޮސްފައިވާ ކަމަށެވެ.

comment ކޮމެންޓް