ކެނަބިސް ޓްރެފިކް ކުރިކަން ސާބިނުވާކަމަށް ހދ. ހިިރިމަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމެއް ބާތިލްކޮށް، މީހަކު އުމުރަށް ޖަލަށް ލައި، އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކުރަން ހައިކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ކެނަބިސް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ ހިރިމަރަދޫ، ހިޔާވަހި، އަހްމަދު ނަބީހުގެ މައްޗަށެވެ.
ހިރިމަރަދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާ މީހުން ހޯދުމަށްޓަކައި 2016 ވަނަ އަހަރު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ނަބީހު މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފެބްރުއަރީ 12 ވަނަ ދުވަހުގެ 00:35 ހާއިރު، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ވަނީ ސުވާލުކޮށްފަ އެވެ.
ސުވާލުކުރުމުން ރަށުގެ ހުޅަނގުފަރާތު ހޮޅުއަށީގައިހުރި ހޮޅުގަނޑެއްގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުންނާނެކަމަށް އޭނާ ފުލުހުންގެ ގާތުގައި ބުންޏެވެ. އަދި ނަބީހު އާއެކު އެތަނަށް ގޮސް އޭނާގެ ހާޒިރުގައި ފުލުހުން އެތަން ބަލައި ފާސްކުރި އިރު، ނަބީހު ދެއްކި ހޮޅުގަނޑެއްގެ ތެރޭގައި އޮތް ނޫ ކުލައިގެ ރަބަރު ކޮތަޅެއްގެ ތެރެއިން
ކެނަބިސް ހުރިކަމަށް ބެލެވޭ ހަ ސެލޯފިންކޮޅު ފެނިފައިވެ އެވެ. އަދި އެއީ 0.82 ގްރާމް ކެނަބިސް ކަމަށް އެތަކެތީގެ ތަހްލީލު ރިޕޯޓުން ވަނީ ދައްކައިފަ އެވެ.
ފުލުހުން އިތުރަށް ސުވާލުކުރުމުން، ރަށުގެ ދެކުނު ފަރާތުގައި ހުރި ގަސްތަކެއްގެ ތެރޭގައި މަސްތުވާތަކެތި ވަޅުލާފައި ހުންނާނެކަމަށް ނަބީހު ބުންޏެވެ. އޭނާގެ ހާޒިރުގައި، އޭނާ ދެއްކި ތަން ފުލުހުން ކޮނެގެން ބެލިއިރު، އެތަނުން ފެނުނު ޕްރިންގްލްސް ބްރޭންޑްގެ ދެ ޗިޕްސް ދަޅުގެ ތެރެއިން އެއްދަޅުން ކެނަބިސް ހުރިކަމަށް ބެލެވޭ 97 ސެލޯފިންކޮޅު ފެނިފައިވެ އެވެ. އަދި އޭގައި 9.52 ގްރާމް ކެނަބިސް
ހުރިކަމަށް އެތަކެތީގެ ތަހްލީލު ރިޕޯޓުން ވަނީ ދައްކައިފަ އެވެ.
އަނެއް ދަޅުން ކެނަބިސް ހުރިކަމަށް ބެލެވޭ 144 ސެލޯފިންކޮޅު ފެނުނު އިރު އޭގައި 9.69 ގްރާމް ކެނަބިސް ހުރިކަމަށް އެތަކެތީގެ
ތަހުލީލު ރިޕޯޓުން ދެއްކި އެވެ.
އަހްމަދު ނަބީހު އަކީ 2015 އިން ފެށިގެން މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަމަށާއި، ފުލުހުންނަށް ދައްކާފައިވާ މަސްތުވާތަކެއްޗަކީ އޭނާގެ ތަކެތިކަމަށާއި، އެ ތަކެތި ގަތުމަށް ރައްޓެއްސެއްގެ އަތުން 6000 ރުފިޔާގެ ލޯނެއް ނަގައި ހަރަދުކޮށްފައިވާނެ ކަމަށާއި، މަސްތުވާތަކެތި ގެނައީ މާލޭގައިހުރި ރައްޓެއްސަކަށް ރުފިޔާ ފޮނުވައިގެން ބަހާދަރު ބޯޓުން ކުޅުދުއްފުށި މަގުން ކަމަށް ބުނެ ތަހުގީގުގައި އޭނާ ވަނީ އިއުތިރާފު ވެފަ އެވެ. އަދި އޭނާ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައި ވެ އެވެ.
އެ މައްސަލައިގައި ނަބީހުގެ މައްޗަށް ދައުލަތުން އުފުލީ ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އެވެ. ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓުން މައްސަލަ ބެލުމަށް ފަހު ނިންމާފައި ވަނީ ނަބީހުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ. ދަށު ކޯޓުން އެގޮތަށް ހުކުމްކުރީ ދައުވާއަށް
އަހްމަދު ނަބީހު ޝަރީއަތުގައި އިންކާރުކޮށްފައިވާތީ، ދައުވާ ސާބިތުކުރަން ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން އެއްވެސް ޝައްކެއްނެތް މިންވަރަށް ދައުވާ ޝަރީއަތަށް ސާބިތުކޮށްދެވިފައިނުވާތީ ކަމަށް ބުނެ އެވެ.
އެހެންކަމުން ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ހައިކޯޓުން ވަނީ މިއަދު މައްސަލަ ނިންމައި ހުކުމް ކޮށްފަ އެވެ.
ހައިކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ނަބީހު ދައުވާއަށް އިންކާރުކޮށް ތަހުގީގުގައި ވީ އިއުތިރާފު އަނބުރާ ގެންދިޔަ ނަމަވެސް، އޭނާ ދިން މައުލޫމާތަށް ބަލައި، އޭނާގެ ހާޒިރުގައި އޭނާ ބުނި ތަންތަނުން ފުލުހުން މަސްތުވާތަކެތި ހޯދާފައި ވާތީ އޭނާ ކުރިން ބުނި ބަސް ތެދުކަން ސާބިތުވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ގަޒިއްޔާއަކާ ހަވާލާދީ ހައިކޯޓުގެ ހުކުމްގައި ބުނެފައި ވަނީ އެމީހެއްގެ ހިޔާޒަތުގެ ދަށުގައި ހުއްޓާ ފެންނަ މަސްތުވާތަކެތީގެ ޒިންމާ އެމީހަކު އުފުލަންޖެހޭކަމަށާއި ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތީން އެފަދަ މަސްތުވާތަކެތީގެ ޒިންމާ އުފުލަންޖެހޭ ފަރާތެއް ނުދެއްކޭ ނަމަ، އެ ތަކެއްޗާމެދު ޖަވާބުދާރީވެ، އެތަކެތީގެ ޒިންމާ އުފުލަންޖެހޭނީ އެތަކެތި އެމީހެއްގެ ހިޔާޒަތުގެ ދަށުގައި ހުއްޓާ ފެނުނު މީހާކަމަށެވެ.
މި މައްސަލާގައި ފެނިފައިވާ މަސްތުވާތަކެތި ފެނިފައިވަނީ އަހްމަދު ނަބީހު ފުލުހުންނާއެކު ގޮސް ފުލުހުންނަށް އަހްމަދު ނަބީހު ދެއްކި ތަންތަނުންކަން އެނގެން އޮތުމުން، އެތަކެތި ފެނިފައިވަނީ ނަބީހުގެ ހަގީގީ ހިޔާޒަތުގެ ދަށުންކަން އެނގޭ ކަމަށާއި، އެހެންކަމުން އެތަކެއްޗާމެދު ޒިންމާވާނޭ އެހެން ފަރާތެއް ނަބީހަށް ދެއްކިފައިނުވާތީ އެތަކެއްޗަކީ އޭނާ ޒިންމާ ވާންޖެހޭ ތަކެތިކަމުގައި ބަލަންޖެހޭ ކަމަށް ހުކުމްގައިވެ އެވެ.
ހައިކޯޓުގެ ހުކުމްގައި ވަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިތަކާއި ގަރީނާތަކަށް ރިއާޔަތްކުރާއިރު އަހްމަދު ނަބީހުގެ މައްޗަށް ކޮށްފައިވާ ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ، އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
އެހެންކަމުން ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމަވާފައިވާ ނިންމުން ބަދަލު ކުރަންޖެހޭކަމަށް ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމައިފަ އެވެ.
ކެނަބިސް ޓްރެފިކްކުރުމުގެ ކުށް ކޮށްފި މީހެއްގެ އަދަބަކީ، އުމުރަށް ޖަލަށްލުމާއެކު އެއްލައްކަ ރުފިޔާ އާއި ދިހަ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.