ޅައިމަގު ބަނދަރަށް އިތުރުކުރާ ސަރަހައްދު ފުންކޮށް ނިމެނީ

ޅައިމަގު ބަނދަރު ތަރައްގީކުރާ މަޝްރޫއު-- ފޮޓޯ/އެމްޓީސީސީ

ށ. ޅައިމަގު ބަނދަރު ތަރައްގީކުރާ މަޝްރޫއުގެ ދަށުން ބަނދަރަށް އަލަށް އިތުރުކުރާ ސަރަހައްދު ފުންކުރުމުގެ މަސައްކަތުގެ ބޮޑު ބައި ނިންމާލައިފި އެވެ.

އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީއިން ބުނީ ބަނދަރަށް އަލަށް އިތުރުކުރާ ސަރަހައްދު ފުންކުރުމުގެ މަސައްކަތުގެ 78 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

އެކުންފުނިން ބުނީ ބޭރުތޮށިލުމަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް މި މަހުގެ 13 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން 31،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބަނދަރު ފުންކުރުމާއި 350 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި 276 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލާން ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން 500 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހައި 1،380 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭމަންޓް ހެދުމުގެ އިތުރުން ނެރުބައްތި އާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް އެ މަޝްރޫއުގެ ދަށުން ކުރިއަށްގެންދާނެ އެވެ.

ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ އަގަކީ 56.3 މިލިއަން ރުފިޔާ އެވެ.

comment ކޮމެންޓް