ރައީސުލްޖުމްހޫރިއްޔާ ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސް ސޯލިހު ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން-- ފޮޓޯ/ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންގެ ވަފުދެއް ވެސް ބައިވެރިވެވަޑައިގެންނެވި އެ ދަތުރުފުޅުގައި ރައީސް ސޯލިހު ވަނީ ގަތަރުގެ އަމީރު ހުންނަވާ ގަނޑުވަރަށް ވަޑައިގެން ގަތަރުގެ އަމީރު ޝައިހް ތަމީމް ބިން ހަމަދު އައްސާނީއާ ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި ދެ ގައުމުގެ އިސްވެރިން ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ދޭދޭ ގުޅުން ދެމެހެއްޓެވުމަށް މަޝްވަރާ ކުރައްވާފަ އެވެ.

މީގެ އިތުރުން ދެ ގައުމުގެ ދެމެދުގައި ކުރިއަށް ގެންދިޔަ ރަސްމީ ވާހަކަތަކުގައި ދެ ގައުމަށްވެސް ފައިދާވާ ކަންތައްތަކުގައި، ދެ ގައުމަށްވެސް ފުރުސަތުތައް ހޯދައި، އެކުގައި މަސައްކަތް ކުރުމަށް ވަނީ މަޝްވަރާ ކޮށްފަ އެވެ.

ރަސްމީ ވާހަކަފުޅުތައް ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާއާއި ދިވެހި ސަރުކާރުން އެ ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގެންނެވި އިސް އޮފިޝަލުންގެ ވަފުދުގެ ބޭފުޅުން ވަނީ ގަތަރުގެ އަމީރު ޝައިހް ތަމީމް ބިން ހަމަދު އަލް ސާނީ، ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި ބޭއްވެވި މެންދުރުގެ ރަސްމީ ޖާފަތުގައި ބައިވެރިވެވަޑައިގެންފަ އެވެ.

އެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވަނީ ގަތަރުގެ އަމީރުގެ އަނބިކަނބަލުން ޝައިހާ ޖަވާހެރް ބިންތު ހަމަދު ބިން ސުހައިމް އައްސާނީ، އެކަމަނާގެ ޝަރަފުގައި ވަކިން ބޭއްވެވި މެންދުރުގެ ޖާފަތުގައި ބައިވެރިވެ ވަޑައިގެންފަ އެވެ. އަދި އިއްޔެ ހަވީރު ރައީސްގެ ދެކަނބަލުން ވަނީ ގަތަރުގެ ވެރި ރަށް ދޯހާގެ މިއުޒިއަމް އޮފް އިސްލާމިކް އާޓްއަށް ވަޑައިގެން އެތަން ބައްލަވާލައްވާފަ އެވެ. އެ ދާރުލްއާސާރަކީ މުސްލިމުންގެ ކުރެހުންތައް ދުނިޔޭގެ އެއްތަނަކުން އެންމެ ގިނައިން ފެންނަން ހުންނަ ތަނެވެ.

ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަރިހުގައި މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންގެ ވަފުދުގެ ބޭފުޅުން ދެން ދަތުރުފުޅު ކުރައްވާނީ ބަންގްލަދޭޝްއަށެވެ. ރައީސުލްޖުމްހޫރިއްޔާ ބަންގްލަދޭޝްއަށް ކުރައްވާ އެ ދަތުރުފުޅުގައި "ބާތު ސެންޓެނަރީ އޮފް ޝެއިހް މުޖީބުއްރަހްމާން"ގެ ރަސްމީ ހަފްލާގައި ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފަ އެވެ.

comment ކޮމެންޓް