އުތުރު ތިލަފަޅާ ގުޅޭގޮތުން ދައުރުވަމުން ދަނީ ދޮގު ލިޔުންތަކެއް: ޑިފެންސް މިނިސްޓްރީ

ޖޫން 8، 2019: ރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅު ތަކާއި ދެޤައުމުގެ ދެމެދުގައި އެއްބަސްވުންތައް ބަދަލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

އުތުރު ތިލަފަޅު ތަރައްގީ ކުރުމަށް އިންޑިއާ ސަރުކާރާ އެކު ދިވެހިރާއްޖޭގެ ސަރުކާރުން ހަދާފައިވާ އެއްބަސްވުން ކަމަށް ބުނެ މިހާރު ދައުރުވަމުންދާ ޑޮކިއުމެންޓަކީ ހަގީގަތާ ޙިލާފު ދޮގު ލިޔެކިޔުމެއް ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.

އުތުރު ތިލަފަޅު ތަރައްގީ ކުރުމަށް އިންޑިއާއާ އެކު ސޮއިކޮށްފައިވާ އެއްބަސްވުން ކަމަށް ބުނެ މިއަދު ހެނދުނު ސޯޝަލް މީޑިއާގައި ލިޔެކިޔުންތަކެއް ދައުރުވަމުން ދިޔަ އިރު، އޭގައި ބުނެފައި ވަނީ އެތަނުގައި އިންޑިއާގެ އަސްކަރީ ފަރާތްތައް ހަތިޔާރާ އެކު ތިބެވޭނެ ކަމަށެވެ. އަދި އެ ފަރަތްތަކަށް ޑިޕްލޮމެޓިކް އިމިއުނިޓީ ފުރިހަމައަށް ދިވެހި ސަރުކާރުން ފޯރުކޮށްދޭން ޖެހޭއިރު އެ ފެސިލިޓި އިތުރު ފަރާތަކުން ވިޔަފާރީގެ ގޮތުން ބޭނުންކުރަން ދޭ ނަމަވެސް އިންޑިއާއާ އެކު މަޝްވަރާކުރަން ޖެހޭނެ ކަމަށެވެ.

ޑިފެންސް މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ އެގްރިމެންޓެއް ކަމަށް ބުނެ ދައުރުވަމުންދާ ލިޔެކިޔުމަކީ ސައްހަ އެއްޗެއް ނޫން ކަމަށެވެ.

އަދި ދިވެހި ގައުމާއި ރައްޔިތުންގެ ސަލާމަތާއި ރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމަކަށް އަސްކަރިއްޔާ އިން ޖާގަ ނުދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އުތުރުތިލަފަޅުގައި ބަނދަރަކާއި ޒަމާނީ ނޭވަލް ޑޮކްޔާޑެއް ތަރައްގީކުރުމަށް އިންޑިއާ ސަރުކާރާ އެކު ޑިފެންސް މިނިސްޓްރީ އިން ސޮއިކުރީ ފެބްރުއަރީ 21 ވަނަ ދުވަހު އެވެ. އިންޑިއާ އިން ތަރައްގީކޮށްދޭ ކޯސްޓްގާޑުގެ ބަނދަރުގައި އެ ގައުމުގެ އަސްކަރިއްޔާގެ އެއްވެސް މީހަކު ނުތިބޭނެ ކަމަށް އެމްއެންޑީއެފް އިން ވަނީ މީގެ ކުރިން ބުނެފަ އެވެ.

އުތުރު ތިލަފަޅުގެ އެއްބަސްވުމާ އެކު އެ ސަރަހައްދުގައި އިންޑިއާ ސިފައިން ގާއިމުވެ ތިބޭނެ ކަމަށާއި އަދި އެ ސަރަހައްދުގައި ތަރައްގީކުރާ ޑޮކްޔާޑަކީ އިންޑިއާއަށް އެކްސްކްލޫސިވިޓީ އޮންނާނެ ތަނެއް ކަމަށް ބުނެ ވަނީ ވާހަކަތަކެއް ފެތުރިފަ އެވެ. އަދި އެތަނާއި ގުޅޭ އެއްބަސްވުން ސިއްރުކުރާކަމަށް ބުނެވެސް ވަނީ ސަރުކާރަށް ފާޑުކިޔުންތައް އަމާޒުކޮށްފަ އެވެ.

އެހެންނަމަވެސް އެމްއެންޑީއެފުން ވަނީ ރާއްޖޭގައި އެހެން ގައުމެއްގެ އަސްކަރީ ބޭސްއެއް އެޅުމަށް ފުރުސަތު ދޭން އުޅޭ ވާހަކަތައް ކުރީގައި ވެސް ދޮގުކޮށްފަ އެވެ.

comment ކޮމެންޓް