ބީއެމްއެލްގެ އެހީތެރިކަމާއެކު ނަޑެއްލާގައި އެކޯ ޕާކެއް!

ގދ. ނަޑެއްލާ ގޮނާނިގިލި ކުޅިޔާގައި ނަޑެއްލާ އައިލެންޑް ޑިވެލޮޕްމަންޓް ސޮސައިޓީ (ނިޑްސް) އިން ގާއިމުކުރި އެކޯ ޕާކުގެ މަސައްކަތް ނިންމައި އެތަން އާންމުކޮށް ހުޅުވައިފި އެވެ. އެއީ ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހިންގި މަޝްރޫއެކެވެ.

ނިޑްސް އިން ބުނީ އެއީ ނަޑެއްލާ ގޮނާނިގިލި ކުޅިޔާގެ ގުދުރަތީ ރީތިކަން އާންމުންނަށް ފަސޭހައިން ބަލާލައި ހިތްހަމަޖައްސާލާނެ މާހައުލެއް ގާއިމުކުރުމަށް ކުޅީގެ ގުދުރަތީ ރީތިކަން އަންނަންއޮތް ޖީލުތަކަށް ދެމެހެއްޓުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެއް ކަމަށެވެ.

ޕްރޮޖެކްޓްގެ ދަށުން ގޮނާނިގިލި ކުޅިޔާގައި ވިއުވިންގ ޕްލެޓްފޯމަކާއި، ކުޅި ހިމެނޭ ސަރަހައްދުގައި ފަސް ބެންޗާއި، ފަސް ޑަސްބިން ބަހައްޓައި ފަސް ސޯލާ ބައްތިވަނީ ހަރުކޮށްފަ އެވެ.

އިއްޔެ އެ ޕާކު ހުޅުއްވައިދެއްވީ ނަޑެއްލާ ސްކޫލްގެ ޕްރިންސިޕަލް ހުސައިން ޖާވީދު އެވެ. ޕާކު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި، ޕާކު ބެލެހެއްޓުން ވަނީ ރަށު ކައުންސިލާ ހަވާލުކޮށްފަ އެވެ.

ނިޑްސް އިން ވަނީ ހިލޭސާބަހަށް ޕްރޮޖެކްޓުގެ މަސައްކަތް ކޮށްދިން އެ ސޮސައިޓީގެ ވޮލަންޓިއަރުންނާއި ރަށުގެ ދަރުމަވެރިންނަށާއި އެހެނިހެން ފަރާތްތަކަށް ވެސް ޝުކުރު އަދާކޮށްފަ އެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޕޯސަލްތަކެކެވެ.

comment ކޮމެންޓް