ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް އެކުލަބުގައި މަޑު ކުރާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށާއި އުންމީދަކީ އައު އެއްބަސްވުމެއްގައި ސޮއިކޮށް އޭނާ ކުލަބުގައި މަޑު ކުރުން ކަމަށް އެ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.
ރާމޯސް، 34، މި ސީޒަނުގެ ނިޔަލަށް ރެއާލްއާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާ އިރު، ޔޫރޮޕުގެ ބޮޑެތި ކުލަބުތަކަކުން އަންނަނީ އެ ދަނޑިވަޅަށް ފާރަލަމުންނެވެ. އެހެން ނަމަވެސް ރެއާލަށް 668 މެޗު ކުޅެދީ 100 އަށް ވުރެން ގިނަ ގޯލު ޖަހާފައިވާ ރާމޯސް އެކުލަބު ދޫކޮށްލާނެ ކަމުގެ އެއްވެސް އިޝާރާތެއް މިހާތަނަށް ކޮށްފައި ނުވާ އިރު، ކެރިއަރުގެ ފަހުބައި ވެސް ހޭދަކުރަން ބޭނުން ވަނީ ރެއާލްގައި ކަމަށް އޭނާ ވަނީ ކުރިން ބުނެފަ އެވެ.
ސެވިއްޔާއަށް ކުޅުމަށް ފަހު 2005 ވަނަ އަހަރު ރެއާލަށް ބަދަލުވި ރާމޯސް އޭނާ އެކުލަބަށް 16 ސީޒަން ކުޅެދީފައިވާ އިރު، އެ މުއްދަތުގައި އޭނާ ވަނީ ހަތަރު ފަހަރަށް ޗެމްޕިއަންސް ލީގާއި ހަތަރު ކުލަބު ވޯލްޑްކަޕުގެ އިތުރުން ފަސް ސްޕެނިޝް ލީގުގެ ތަށި ހޯދައިދަ އެވެ.
"ތެދު ތެދަށް ބުނާ ނަމަ އޭނާގެ [ރާމޯސްގެ] މުސްތަގުބަލާއި މެދު އެއްޗެއް ބުނަން ވަރަށް ދަތި،" ޒިދާން ބުންޏެވެ. "އަހަރަމުން ބޭނުން ވަނީ ރާމޯސް ކުލަބުގައި މަޑު ކުރަން. އޭނާ ކުލަބުގައި ހުރިހާ ހިނދަކު އެއީ މުހިއްމު ކުޅުންތެރިއަކަށް ވާނެ. ކޯޗެއްގެ ހައިސިއްޔަތުން ބޭނުންވާ ގޮތަކީ ރާމޯސްގެ އެއްބަސްވުން އައު ކުރުން،"
މިދިޔަ ސީޒަނުގައި ވެސް ރެއާލްއަށް ގިނަ ދުވަސްތަކެއް ކުޅުނު ބައެއް ކުޅުންތެރިން ޓީމު ދޫކޮށްލާފައިވާ އިރު، އެ ޓީމަަށް އެންމެ ބޮޑެތި ކާމިޔާބީތައް ހޯދައިދިން ކްރިސްޓިއާނޯ ރޮނާލްޑޯ އެކުލަބަށް އެނބުރި އަންނަން ބޭނުންވާ ކަމުގެ ވާހަކަތަކެއް ވަނީ ފެތުރެން ފަށައިފަ އެވެ. ކާމިޔާބު އަހަރުތަކަކަށް ފަހު 2018 ވަނަ އަހަރު ރެއާލް ދޫކޮށްލުމަށް ފަހު ޔުވެންޓަސްއަށް ރޮނާލްޑޯ ދިޔަ ނަމަވެސް އެކުލަބުން ބޭނުންވާ ވަރުގެ ކުޅުމަށް ރޮނާލްޑޯގެ ފަރާތުން ފެނިފައި ނުވުމުން ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. ހާއްސަކޮށް ރޮނާލްޑޯ އެކުލަބަށް ގެންދިއުމުގެ އެންމެ ބޮޑުު އެއް އަމާޒު ކަމަށްވާ ޗެމްޕިއަންސް ލީގު ހޯދުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ އިރު، ރޮނާލްޑޯގެ އެއްބަސްވުމުގައި ދެން އޮތީ ބާކީ އެއްއަހަރެވެ.
"އެންމެންނަށް ވެސް އެނގޭނެ ރޮނާލްޑޯ މިކުލަބަށް ކޮށްދިނީ ކިހާވަރެއްގެ ހިދުމަތެއް ކަން. މިހާރު ގިނަ ވާހަކަތަކެއް އެކި ގޮތްގޮތަށް އެބަ ދެކެވޭ. އެކަމަކު ރޮނާލްޑޯ އަކީ މިވަގުތު ޔުވެންޓަސްގެ ކުޅުންތެރިއެއް." ޒިދާން ރޭ އެލްޗޭއާ ދެކޮޅަށް ރެއާލް ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުންޏެވެ.