ޑުރަގުގެ ބޮޑު މައްސަލައެއްގައި ހިމެނޭ އަރުޝަދު އަނެއްކާވެސް ޝަރީއަތް ނިމެންދެން ބަންދަށް

ގދ. ހޯޑެއްދޫ، އަލޯރާ، އަރުޝަދު ހާލިދު، 24، އާއި ގދ. ހޯނޑެއްދޫ، ގުލޭނޫރަންމާގެ، އަލީ ޒުބައިރު 50 --

މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ފުލުހުން މާލޭގައި ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި ހައްޔަރުކުރުމަށްފަހު ދޫކޮށްލާފައި ހުރި ގދ. ހޯޑެއްދޫ، އަލޯރާ، އަރުޝަދު ހާލިދު، 24، އަނެއްކާވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފި އެވެ.

ފުލުހުން ހިންގި އޮޕަރޭޝަނުގައި އަރުޝަދުގެ އިތުރުން އަށް މީހަކު ހައްޔަރުކޮށް ނުވަ ކިލޯގެ މަސްތުވާތަކެތި ފުލުހުން އަތުލި އެވެ. އެ މީހުންގެ ތެރެއިން އިސް މީހަކީ އަރުޝަދު ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ. ހައްޔަރު ކުރި މީހުންގެ ތެރެއިން އަރުޝަދު ދޫކޮށްލަން މީގެ ކުރިންވެސް ކްރިމިނަލް ކޯޓުން ނިންމި ނަމަވެސް، ފަހުން އެ ނިންމުން މުރާޖައާކޮށް އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރި އެވެ.

އޭނާ ދޫކޮށްލަން ނިންމި ނިންމުން ޕީޖީ އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ހައިކޯޓުން މިއަދު ވަނީ އަމުރުކޮށްފަ އެވެ.

ނުވަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި އަރުޝަދުގެ މައްޗަށް އުފުލާފައި ވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ އަންނާނީ 25 އަހަރުގެ ޖަލު ހުކުމެކެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ދެ ދުވަހެއްގެ މަތިން ގިނަ އިރުތަކެއް ވަންދެން ވަނީ ހެކިބަސް ނަގައިފަ އެވެ. ތިރީހަކަށް މީހުންގެ ހެކިބަސް ނަގާފައިވާއިރު، އޭގެން އެއްވެސް މީހެއްގެ ހެކިބަހުން އަރުޝަދުއާ މަސްތުވާތަކެއްޗާ ގުޅުވިފައި ނުވާ ކަމަށްވެ އެވެ.

އަރުޝަދުގެ އިތުރުން، ގދ. ހޯނޑެއްދޫ، އިރުމަތީގެ، އަހްމަދު ސުނައިނު، 23، އާއި ގދ. ހޯނޑެއްދޫ، މެޑްރިޓްހައުސް، އަހްމަދު ގިޔާސް ،25، އާއި ގދ. ހޯނޑެއްދޫ، ގުލޭނޫރަންމާގެ، އަލީ ޒުބައިރު ،50، އާއި ލ. ކަލައިދޫ، މަތަރަސްމާގެ، ހުސައިން ޒަހީން ،25، އާއި ކ. މާލެ، މ. ދާރުލްގަރާރު، އިސްމާއިލް ވިޝާލް ،25، އާއި ކ. މާލެ، މއ. ވައިލެޓްމާގެ، އަސްލަމް ނާޒިމް، 37، އާއި ޅ. ނައިފަރު، މިސްކިތްދޮށުގެ، އަހްމަދު އިމްސާހު، 32،ގެ މައްޗަށްވެސް ދައުލަތުން ދައުވާކޮށްފައިވެ އެވެ.

އެ މީހުންގެ މައްޗަށް ކުރި ދައުވާތައް:

  • އަރުޝަދު ހާލިދު: ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ.
  • އަލީ ޒުބައިރު: ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއާއި، ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ.
  • އަހުމަދު ސުނައިނު: ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއާއި ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމުގެ ކުށުގެ ދައުވާ.
  • އަސްލަމް ނާޒިމް: ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ.
  • ހުސައިން ޒަހީން: ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ.
  • އަހުމަދު ގިޔާސް: ޑައިމޯފިން ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ.
  • އިސްމާއިލް ވިޝާލް: ޑައިމޯފިން ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި، ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ.
  • އަހުމަދު އިމްސާހް: ޑައިމޯފިން ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ.

އެ މީހުންނަށް މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ލިބުނުކަމަށް ތުހުމަތުކުރެވޭ 1،535،110 ރުފިޔާ އާއި 146،731 ޔޫއެސް ޑޮލަރާ އެކު ޖުމްލަ 3،797،702 ރުފިޔާ ދައުލަތަށް ނަގައިދިނުމަށް މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 160 ވަނަ މާއްދާއާ ހަވާލާދީ، އެގާނޫނުގެ 158 ވަނަ މާއްދާގެ (ހ) ދަށުން ދައުލަތުން ކޯޓުގައި އެދިފައިވެ އެވެ. އަދި އޭގެ ތެރެއިން ބައެއް މީހުންގެ އެކައުންޓުތައްވެސް ފްރީޒް ކުރި އެވެ.

comment ކޮމެންޓް