ޓާޓާއަށް އަލުން ފްލެޓް އަޅަންދޭއިރު، އެގްރީމެންޓުން ނުކުމެވޭނެ ގޮތެއް ލިޔާނެ: ރައީސް

އޯޑިއޯން ހުރި ބިން -- ފޮޓޯ/ހަވީރު އޮންލައިން

ކުރީގެ އޯޑިއޯން ސިނަމާ ހުރި ބިމާއި ކުރީގެ ނާދީ ހުރި ބިމުގައި ފްލެޓް އަޅަން އަލުން ޓާޓާ އަށް ހަވާލުކުރާއިރު، މަސައްކަތް ނިންމާނެ ތާރީހާއި އެ ތާރީހުގައި ނުނިންމައިފި ނަމަ ސަރުކާރަށް އެގްރީމަންޓުން ނުކުމެވޭނެ ކަމަށް އެގްރީމަންޓުގައި ހިމަނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އިންޑިއާގެ ޓާޓާ ކުންފުންޏާ އެކު ހެދި އެއްބަސްވުން 2017 އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި އުވާލީ އިމާރާތްކުރަން ޖެހޭ ފްލެޓްތަކުގެ މަސައްކަތް، ކަނޑައަޅާފައިވާ މުއްދަތުގައި ނުފެށުމުންނެވެ. އެއްބަސްވުން އުވާލުމުގެ ބަދަލުގައި 200 މިލިއަން ޑޮލަރު ހޯދަން ޓާޓާ ކުންފުނިން ހުށަހެޅީ އިންޑިއާގެ މުމްބާއީގެ އާބިޓްރޭޝަން ސެންޓަރަށެވެ.

ޓާޓާ ކުންފުންނާ އެކު ކުރިން ހެދި އެއްބަސްވުމުގެ ދަށުން އެކުންފުނިން ގާކޮށްޓާއި އަރަބިއްޔާގައި ސޯޝަލް ހައުސިންގެ 280 ފްލެޓު އަޅަން އެއްބަސްވި އެވެ. އެކަމުގެ ބަދަލެއްގެ ގޮތުން އޯޑިއޯން އާއި ނާދީ ހުރި ބިމުގައި މަތީ ފެންވަރުގެ ފްލެޓް އަޅާ ވިއްކަން ޓާޓާ އަށް ވަނީ ހުއްދަ ދީފަ އެވެ. އަދި އެއްބަސްވުމުގެ ދަށުން، ޅ. ޅޮއްސަލަފުށިގައި ރިސޯޓެއް ހަދަން ވެސް ޓާޓާ އަށް ދިނެވެ.

އެއްބަސްވުން އުވާލި މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމުން ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރަން ސަރުކާރުން އެއްބަސްވި އެވެ. އެ އެއްބަސްވުމުގެ ދަށުން މިހާރު އޯޑިއޯންގެ ބަދަލުގައި ކުރީގެ ކުނިކޮށިން ބިމަކާއި ނާދީ ހުރި ބިން ދޭން ނިންމި އެވެ. އޭގެ އިތުރުން ރިސޯޓެއް ހަދަން ރަށެއް ވެސް ދޭން ވަނީ ނިންމާފަ އެވެ.

ނަމަވެސް އެ މަސައްކަތް އަދި ކުރިއަކަށް ނުދެ އެވެ. މިރޭ އޮތް ރަށްވެހި ފަތިސް ކެމްޕޭނު ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ އެ މަސައްކަތް އަލުން ފެށޭނެ ކަމަށެވެ. ނަމަވެސް މަސައްކަތް ފަށާއިރު، އެގްރީމަންޓުން ސަރުކާރަށް ފަސޭހައިން ނުކުމެވޭނެ ގޮތެއް ހިމަނަން އެޓާނީ ޖެނެރަލް އަށް ދަންނަވާފައިވާނެ ކަމަށެވެ.

"ވަކި މުއްދަތެއްގެ ތެރޭގައި ނުނިމިއްޖެއްޔާ އެކަން ނެގޭނެ ކަމަށް. އެހެން ނޫނިއްޔާ ނެތް އެގްރީމަންޓުން ނުކުމެވޭކަށް. ނުކުމެއްޖިއްޔާ ސަރުކާރުން އަނެއްކާވެސް 35 މިލިއަން ޑޮލަރު އަނބުރާ ދޭން ޖެހޭނީ. އެހެންވީމަ މިކަހަލަ ގޮތަކަށް ހުރި މައްސަލަތަކެއް އެބަހުރި،" ރައީސް ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ސަރުކާރުގައި 2010 ވަނަ އަހަރު ފްލެޓު އެޅުމަށް ޓާޓާއަށް ގާކޮށްޓާއި އަރަބިއްޔާ ބިން ދިން އިރު، އެތަނުގެ މަސައްކަތްތައް ނިންމައި، ސަރުކާރާ ހަވާލުކުރީ ގިނަ ދުވަސްތަކަކަށް ފަހު، 2016 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ.

ނާދީއާއި އޯޑިއޯންގެ ބިމުގައި އެއްވެސް މަސައްކަތެއް ޓާޓާއިން ކޮށްފައި ނުވި އިރު، އެކުންފުނިން އެތަންތަނުގެ އަމަލީ މަސައްކަތް ފަށައިގަތީ، މަސައްކަތް ނުފަށައިފިނަމަ އެތަންތަން އަތުލާނެ ކަމުގެ ނޯޓިސް އޭރުގެ ސަރުކާރުން ފޮނުވުމުންނެވެ. އަދި 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޓާޓާއިން ނާދީއާއި އޯޑިއޯންގައި ބިންގާ އެޅިއެވެ. އެހެން ނަމަވެސް އޭޕްރިލް މަހުގެ ތެރޭގައި ހައުސިންގް މިނިސްޓްރީން ވަނީ އެއްބަސްވުން ބާތިލުކޮށް، އޯޑިއޯނާއި ނާދީ ބިން އަތުލައިފަ އެވެ.

comment ކޮމެންޓް