ކޮވެކްސް އިން ރާއްޖެއަށް ކޮވިޝީލްޑްގެ 12,000 ޑޯޒް ހަދިޔާކޮށްފި

މާޗް 1، 2021: އެއާޕޯޓް ޕާސް ހޯލްޑަރުންނަށް އަމާޒުކޮށްގެން ކޮވިޑް19 އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް އެމްއޭސީއެލް އިން ފަށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދުނިޔޭގެ ގައުމުތަކަށް ހަމަހަމަ ކަމާ އެކު ކޮވިޑް-19 ވެކްސިން ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ވެކްސިންސް ގްލޯބަލް އެކްސެސް (ކޮވެކްސް) އިން ރާއްޖެއަށް ކޮވިޝީލްޑް ވެކްސިންގެ 12,000 ޑޯޒް ހަދިޔާކޮށްފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ، ކޮވެކްސް ފެސިލިޓީން ރާއްޖެއަށް ވެކްސިންގެ ޑޯޒް ހަދިޔާކޮށްފައި ވަނީ މިއަދު ކަމަށެވެ. މިހާރު އެ ވެކްސިން ޝިޕްމެންޓް ވަނީ ރާއްޖެ ގެނެސްފަ އެވެ. މިއީ ކޮވެކްސް ފެސިލިޓީން ރާއްޖެ ގެނައި ފުރަތަމަ ވެކްސިން ޝިޕްމަންޓެވެ.

ކޮވެކްސް އިން ވަނީ މީގެ ކުރިން ވެސް ވެކްސިން ޖަހަން ބޭނުންކުރާ 100,000 ސިރިންޖު އަދި އެހެނިހެން އާލަތްތައް ހަދިޔާކޮށްފަ އެވެ.

ޑަބްލިޔުއެޗްއޯ އާއި ވެކްސިން އެލަޔަންސްތައް ކަމަށްވާ ގަވީ އާއި ސެޕީއިން އުފައްދާފައިވާ ކޮވެކްސް ފެސިލިޓީގެ މަގުސަދަކީ އެ ހަރަކާތުގައި ބައިވެރިވާ ކޮންމެ ގައުމެއްގެ އާބާދީގެ 20 ޕަސެންޓަށް ވެކްސިން ދެވޭ ވަރަށް، މި އަހަރު ވެކްސިންގެ ދެ ބިލިއަން ޑޯޒް ފޯރުކޮށްދިނުމެވެ. އޭގެ ތެރެއިން އެއް ބިލިއަން ޑޯޒް ދާނީ ދުނިޔޭގެ އެންމެ ފަގީރު 92 ގައުމަށެވެ.

ރާއްޖޭގައި ޖަހަނީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް އިން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިިން އެވެ. އިންޑިއާ އިން ވަނީ އެ ވެކްސިނުގެ ދެލައްކަ ޑޯޒް ރާއްޖެއަށް ހަދިޔާ ކޮށްފައެވެ.

ޗައިނާއިންވެސް ވަނީ ރާއްޖެއަށް ސައިނޯފާމް ވެކްސިންގެ 200،000 ޑޯޒް ހަދިޔާކުރަން ނިންމައިފަ އެވެ. މިހާރު ރާއްޖޭގައި ހުރި ސައިނޯފާމް ވެކްސިން ދޭން އަދި ފަށާފައި ނުވަނީ އެއަށް ހުއްދަ ނުލިބޭތީ އެވެ.

އެ ވެކްސިންތަކުގެ އިތުރުން ސަރުކާރުން ވަނީ 700،000 ޑޯޒް ގަތުމަށް އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ހަދާފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ގެންނަ ވެކްސިން މި މަހު ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް