މިޔަންމާ އަސްކަރިއްޔާގެ އަމުރާ ހިލާފުވެ، އިންޑިއާއަށް ފިލި ފުލުހުން އަނބުރާ ފޮނުވަން އެދެފި

މިޔަންމާގެ މުޒާހަރާތަކުގައި މިހާތަނަށް 55 މީހަކު މަރުވެފައިވޭ -- ފޮޓޯ: އީޕީއޭ

ނޭޕިޑޯ (މާޗް 7): މިޔަންމާގެ އަސްކަރިއްޔާގެ އަމުރަށް ތަބާވާން ދެކޮޅު ހަދާ، އިންޑިއާއަށް ފިލައިގެން ދިޔަ އެގައުމުގެ ފުލުހުންގެ ބަޔަކު އަނބުރާ ފޮނުވަން މިޔަންމާއިން އެދެފި އެވެ.

އިންޑިއާގެ މިޒޮރަމް ސްޓޭޓުގެ ޑެޕިއުޓީ ކޮމިޝަނަރެއް ކަމަށްވާ މާރިއާ ސީޓީ ޒުއަލީ ވިދާޅުވި ގޮތުގައި އެގައުމަށް ދިޔަ މިޔަންމާގެ ފުލުހުން އަނބުރާ ފޮނުވައި ދިނުމަށް އެދި އެގައުމުން ވަނީ ސިޓީއެއް ފޮނުވާފަ އެވެ.

އެ ސިޓީގައި ވަނީ މިޔަންމާގެ ބޯޑަރު ހުރަސްކޮށް އިންޑިއާއަށް އަށް ފުލުހަކު ފިލި ކަމުގެ މައުލޫމާތު ލިބިފައިވާކަން ފާހަގަކޮށްފަ އެވެ. އަދި ދެ ގައުމުގެ އެކުވެރިކަން ދެމެހެއްޓުމަށްޓަކައި އެ ފުލުހުން ހައްޔަރުކޮށް، މިޔަންމާއާ ހަވާލު ކުރުމަށް އެދިފަ އެވެ.

"އަވަށްޓެރި ދެ ގައުމުގެ އެކުވެރިކަމުގެ ގުޅުން ދެމެހެއްޓުމަށްޓަކައި، އިންޑިއާއަށް ދިޔަ މިޔަންމާގެ އަށް ފުލުހުން ހައްޔަރުކޮށް އެމީހުން އަޅުގަނޑުމެންނާ ހަވާލު ކުރުން އެދެން،" އެ ސިޓީގައިވެ އެވެ.

ޒުއަލީ ވިދާޅުވި ގޮތުގައި އެ ފުލުހުން އަނބުރާ ފޮނުވާލުމާ ބެހޭ ގޮތުން ގޮތެއް ނިންމާނީ އިންޑިއާގެ ހޯމް އެފެއާޒް މިނިސްޓްރީންނެވެ.

ރޮއިޓާސްއިން ރިޕޯޓު ކުރި ގޮތުގައި އިންޑިއާއިން ހިމާޔަތް ހޯދުމަށްޓަކައި ފާއިތުވި ދުވަސްތަކުގައި އެގައުމަށް ދިޔަ މިޔަންމާގެ ފުލުހުންނާއި އެމީހުންގެ އާއިލާގެ މެމްބަރުންގެ އަދަދު 30އަށް އަރަ އެވެ.

މިޔަންމާގެ އަސްކަރިއްޔާއިން މިދިޔަ މަހުގެ އެކެއްގައި ބަޣާވާތްކޮށް ވެރިކަން އަތުލީ އެގައުމަށް ޑިމޮކްރެޓިކް އުސޫލުން އިންތިހާބުކޮށްފައިވާ ސަރުކާރުގެ އިސް ވެރިން ހައްޔަރު ކުރުމަށް ފަހު އެވެ. އޭގެ ފަހުން އެ ބަޣާވާތާ ދެކޮޅަށް އެގައުމުގެ ރައްޔިތުން ދަނީ މުޒާހަރާތަކާއި މަދަނީ ބަސްނޭހުމުގެ ހަރަކާތްތައް ކުރިއަށްގެންދަމުންނެވެ.

އެ ބަޣާވާތަށް ފަހު މިހާތަނަށް 1،700އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި މުޒާހަރާތަކުގައި 55 މީހަކު މަރުވެފައިވާ ކަމަށް އދ.އިން ބުނެ އެވެ.

comment ކޮމެންޓް