އެންމެ ނުރައްކާތެރި ފިތުނަ އަކީ ދީނީ ފިތުނަ: ޚުތުބާ

އޮކްޓޫބަރ 2، 2020: ހުކުރު މިސްކިތުގައި ކުރެވުނު ހުކުރު ނަމާދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެންމެ ނުރައްކާތެރި ފިތުނައަކީ ދީނީ ގޮތުން އުފައްދާ ފިތުނަ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލާފައި ވަނީ ފިތުނައިން ރައްކާތެރިވުމުގެ މައްޗަށެވެ. ހުތުބާގައި ބުނެފައި ވަނީ ދުނިޔެއަކީ އިމްތިހާނުގެ ގޯތި ކަަމަށާއި، އަޖުމަ ބެލުމުގެ މަންޒިލު ކަމަށެވެ. އަދި އިމްތިހާނުގެ މައިދާނުގައި އެއްވެސް މީހަކު އިސްތިސްނާވެގެން ނުވާ ކަމަށެވެ.

ހުތުބާގައި ބުނީ އެންމެ ނުރައްކާތެރި ފިތުނަ އަކީ ދީނީ ފިތުނަ ކަމަށާއި އެއީ ﷲ އާއި އިންސާނާއާ ދެމެދުގައިވާ ގުޅުން އިމްތިހާން ކުރެވޭ ފިތުނަ ކަމަށެވެ.

"މި އިމްތިހާނުގައި ފޭލްވާ މީހުން ފުރެދުމުގެ ތެރެއަށް ވެއްޓިގެން ދެއެވެ." ހުތުބާގައިވެ އެވެ.

ފިތުނައަކީ ހިތަށާއި ސިކުނޑިއަށް ޖެހޭ މުސީބާތެއް ކަމަށާއި އޭގެ ސަބަބުން ކެތްތެރީންވެސް އާވާރާވެ މަގު އޮޅިގެންދާ ކަމަށެވެ. އަދި ފިތުނައަކީ ދެކޮޅުވެރިކަމާއި، ބައިބައިވުން އުފެއްދުމަށް މަގުފަހިކުރާ ޝައިތޯނީ އަމަލެއް ކަމަށެވެ.

ހަމައެއާއެކު ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމަކީ، މީހުން ރުޅިއަރުވައި، ފިތުނައިގެ ހުޅު ރޯކުރުމަށް ބޭނުންކުރެވޭ އެންމެ ބާރުގަދަ ވަސީލަތް ކަމަށާއި ދޮގު ވާހަކަތއް ފެތުރުނަ ނުދިނުމަށް ހަބަރު ފަތުރާ ވަސީލަތްތަކަށް މުހިންމު ދައުރެއް އަދާކުރެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ހުތުބާގައި ބުނެފައި ވަނީ ފިތުނައިން ސަލާމަތްވެވޭނީ ހަމަބުއްދި ބޭނުންކޮށް، ރަނގަޅު ގޮތް ދެނެގަނެ، އެއަށް ތަބާވެގެން ކަމަށެވެ. ގައުމެއްގައި ސައްހަ މައުލޫމާތާއި ހުނަރު ފެތުރިއްޖެނަމަ އެ ގައުމެއް ކުރިއަރާނެ ކަމަށާއި ދުނިޔޭގެ ގައުމުތަކުގެ މެދުގައި ގަދަރާއި އިއްޒަތް އުފުލޭނެ ކަމަށް ވެސް މިއަދުގެ ހުތުބާގައި ބުންޏެވެ.

"ބަޔަކާ ފިތުނައެއް ކުރިމަތިވެއްޖެ ނަމަ އެކަން ވެގެންދާނީ ވަކި މީހަކު އިސްތިސްނާ ނުވެ، އެންމެން އޮޔާދާ ސުނާމީއަށެވެ."

ފިތުނަ އާއި މުސީބާތުން ސަލާމަތް ވެވޭނީ އެންމެން އެކުގައި ﷲގެ އަމުރުފުޅަށް ތަބާވެ، އިސްލާމްދީން މެދުވެރިކޮށް ކަމަށް ހުތުބާގައި ބުންޏެވެ.

comment ކޮމެންޓް