އެއް ލައްކަ ޓަނުގެ ކުނި ފަރުބަދަތައް ނަގަން ވެމްކޯ ނިކުމެއްޖެ

ކާށިދޫގައި ޖަމާވެފައި ހުރި ކުނި ނައްތާލުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: ވެމްކޯ

ވަރަށް ގިނަ ރަށްރަށުގައި އުސްކޮށް ހުންނަނީ ކުނީގެ ފަރުބަދަތަކެވެ. އެތައް ޒަމާންތަކެއް ވަންދެން ކުނި އަޅައި ފުރާ އުސްކޮށްފައިވާ އެ ފަރުބަދަތަކުން ރަށްރަށަށް ސަލާމަތެއް ނުވެވެ އެވެ. އެކަން އޮންނަނީ ރަށަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަށް ވެފަ އެވެ.

އެކަމުގައި އެތައް އަހަރެއް ވަންދެން ރަށްރަށުގައި ޖަމާވެފައި ހުރި ކުނި ނަގާ ނައްތާލުމަށް ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން މި ވަނީ ބޮޑު މަސައްކަތެއް ފަށައިފަ އެވެ.

ވެމްކޯއިން ނިކުމެފައި ވަނީ ރާއްޖޭގެ ކުދި އަދި ބޮޑެތި އާބާދީތަކުގައި އެތައް އަހަރެއް ވަންދެން ފުނި ޖެހިފައި ހުރި ކުނީގެ ފަރުބަދަތައް ނަގައި ސާފުކުރާށެވެ.

މިވަގުތު ވެސް ހދ. ކުޅުދުއްފުއްޓާއި ފުވައްމުލައް އަދި ލ. ފޮނަދޫ ގައި ޖަމާވެފައި ހުރި ކުނިތައް ސާފުކުރުމުގެ ބޮޑު މަސައްކަތް ވެމްކޯއިން އެ ދަނީ ކުރަމުންނެވެ. އެއާއެއްކޮށް ކ. ކާށިދޫގައި ޖަމާވެފައި ހުރި ކުނިތައް ނަގައި ސާފު ކުރުމުގެ މަސައްކަތް ވެސް ފަށައިގެން ކުރިއަށް ދަނީ އެވެ.

"މިހާރު ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުޅުދުއްފުށީގައި ޖަމާވެފައި ހުރި ކުނި ފުރާނާ ވެލި ވަކިކުރުމުގެ 50 ޕަސެންޓް ވަނީ ނިމިފައި،" ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަމާޒަކީ މިމަހުގެ 15 ގެ ކުރިން ތިނަދޫގައި ޖަމާވެފައި ހުރި ކުނި ސާފުކުރުމުގެ މަސައްކަތް ފެށުން ކަމަށެވެ. އޭގެ އިތުރުން ފޮނަދޫގެ މަސައްކަތް ނިންމާލުމަށްފަހު އެއަތޮޅު ގަމުގެ މަސައްކަތްވެސް ފަށާނެ ކަމަށާއި އަމާޒަކީ މި މަސްތެރޭ އެ ދެރަށުގެ މަސައްކަތް ނިންމާލުން ކަމަށް އާދަމް ވިދާޅުވި އެވެ.

"ބޮޑެތި ރަށްރަށުގައި ޖަމާވެފައި ހުރީ، ގާތްގަނޑަކަށް 20 އަހަރު 25 އަހަރު ވެފައި ހުރި ކުނީގެ ފަރުބަދަތައް. ކުރިން ލަފާކޮށްފައި ހުރި އަދަދެއްގެ ކުނި އެބަހުރޭ ކަލްކިޔުލޭޓު ކޮށްލާއިރު. މިސާލަކަށް ކުޅުދުއްފުށީގައި އެއްލައްކަ ވިހިހާސް ޓަނުގެ ކުނި ޖަމަވެފައި އެބަހުރި. މަސައްކަތް ފެށިއިރު އަންދާޒާ އަކަށް ލިބިފައި އޮތީ 95،000 ޓަނު،" އާދަމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނާ ހަވާލުކޮށްފައި އޮތީ 20 ރަށުގެ މަސައްކަތް ހަތް މަސް ތެރޭ ނިންމާލަން. އެ އަމާޒަށް މި މަސައްކަތް ކުރަނީ. އެކަމަކު ހާލަތުގެ ގޮތުން ބައެއް ރަށްރަށުގެ މަސައްކަތް އެބަ ސްލޯވޭ، މިސާލަކަށް ފުވައްމުލަކުގެ މަސައްކަތް މިހާރު ކުޑަކޮށް ލަސްވެފައި އޮތީ އެ ސިޓީ މޮނީޓަރިން ގައި އޮތުމުން. އަޅުގަނޑުމެންގެ ޕްރޮޖެކްޓް ޓީމަށް އެރަށަށް ނުދެވިގެން އޮތީ ކުޑަކޮށް ލަސްވެފައި. އެކަމަކު އެކޮޅުގައި ތިބި މުވައްޒަފުންނާއެކު މަސައްކަތް އެބަ ކުރިއަށްދޭ. 10 ޕަސެންޓް މަސައްކަތް ނިމއިްޖެ،"

މިހާރު ކ. ގުރައިދޫ އާއި ތުލުސްދޫ ގެ މަސައްކަތް ނިމިފައިވާ ކަމަށާއި ކ. ގުޅީގެ މަސައްކަތް ނިންމާލުމަށްފަހު ދެން އއ. ނުވަތަ އދ އަތޮޅުގެ ރަށްތަކަށް މިސްރާބު ޖަހާނެ ކަމަށް ވެމްކޯގެ އެމްޑީ ވިދާޅުވި އެވެ.

ވެމްކޯއިން ނަގާ ކުނީގެ އަދަދު:

1 ކުޅުދުއްފުށި - 92,000 ޓަނު

2 ހދ. ވައިކަރަދޫ - 15,000 ޓަނު

3 ހއ. ކެލާ - 200 ޓަނު

4 ކ. ކާށިދޫ - 300 ޓަނު

5 ކ. ގުޅި - 200 ޓަނު

6 ކ. ގުރައިދޫ - 400 ޓަނު

7 ކ. ތުލުސްދޫ - 160 ޓަނު

8 އއ. މާޅޮސް - 400 ޓަނު

9 އދ. ފެންފުށި - 500 ޓަނު

10 އދ. މާމިގިލި - 12,000 ޓަނު

11 އދ. މަހިބަދޫ - 500 ޓަނު

12 އދ. ހަންޏާމީދޫ - 204 ޓަނު

13 ދ. ކުޑަހުވަދޫ - 800 ޓަނު

14 ތ. ކަނޑޫދޫ - 359 ޓަނު

15 ތ. މަޑިފުށި - 310 ޓަނު

16 ލ. ފޮނަދޫ - 3842 ޓަނު

17 ލ. ގަން - 110 ޓަނު

18 ގއ. ވިލިނގިލި 704 ޓަނު

19 ގދ. ތިނަދޫ - 1,500 ޓަނު

20 ފުވައްމުލައް ސިޓީ - ދެ ޓަނު

comment ކޮމެންޓް