ހަޑިހުތުރުބަސް ބޭނުންކުރުމުގެ ދައުވާއަށް އަދުރޭ އިންކާރުކުރައްވައިފި

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އާންމު ތަނެއްގައި ހަޑިހުތުރު ބަސް ބޭނުން ކުރި މައްސަލައިގައި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާއަށް އޭނާ މިއަދު އިންކާރުކުރައްވައިފި އެވެ.

އަަބްދުއްރަހީމްއަށް ދައުވާ ކުރީ ނޮވެމްބަރު 28، 2019ގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފަސް އަހަރަށް ޖަލަށްލާން ހުކުމް ކުރި ދުވަހު ކްރިމިނަލް ކޯޓުގެ ބޭރުގައި އޮތް މުޒާހަރާގެ ތެރެއިން، އަޑުގަދަކުރާ ބޭނުންކުރައްވައިގެން ކްރިމިނަލް ކޯޓުގެ ގާޒީންނާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ހަޑިހުތުރު ބަހެއް ބޭނުންކުރެއްވުމުނެވެ.

އެ މައްސަލައިގައި އަދުރޭގެ މައްޗަށް އުފުލާފައިވަނީ ގާނޫނުލްއުގޫބާތުގެ 615ގެ (ހ)ގެ ތިން ވަނަ ނަމްބަރާ ހަވާލާދީ އެ މާއްދާގެ (ނ) އާއި (ށ)ގެ ދަށުން ހަޑިހުތުރު އެއްޗެއް ކިޔުމާއި ހަޑިހުތުރު ބަސް ބޭނުންކުރުމުގެ ދައުވާ އެވެ. އެ ދައުވާ ކުރީ އޮކްޓޯބަރު 26، 2020ގަ އެވެ.

މިއަދުގެ އަޑުއެހުމުގައި ދައުވާއަށް ޖަވާބުދާރީވުމުގެ ކުރިން އަބްދުއްރަހީމްގެ ވަކީލު އަދި ދަނބިދަރިފުޅު އަހުމަދު ހިޝާމް ވަޖީހު ވިދާޅުވީ، ގާނޫނޫލްއުގޫބާތު ޑްރާފްޓު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދެއްވި އެމެރިކާގެ ޕްރޮފެސަރު ޕޯލް ރޮބިންސަން ލިޔުއްވި ގާނޫނުލްއުގޫބާތުގެ ކޮމެންޓްރީގައި، ހަޑިހުތުރުބަސް ބޭނުން ކުރުން ފަދަ މައްސަލަތަކަކީ އާންމު މަސްލަހަތާ ގުޅޭ މައްސަލަތަކެއް ކަމުން އެ މައްސަލަތަކުގައި ޝަކުވާ ހުށަހަޅާނީ އަމިއްލަ ފަރާތްތަކުން ކަމަށް ލިޔުއްވާފައިވާ ކަމަށެވެ. ނަމަވެސް، އަބްދުއްރަހީމްގެ މައްސަލަ ހުށަހެޅީ ޑީޖޭއޭއިންކަން އޭނާ ފާހަގަކުރި އެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، ދިފާއުން ފާހަގަ ކުރާ ގޮތަށް މާނަ ކުރާ ނަމަ ގާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ ބޭނުން ކެނޑިގެން ދާނެ ކަމަށެވެ.

ގާނޫނު މާނަ ކުރުމުގައި ގާނޫނާ މެދު ހެދޭ ދިރާސާތައް ބޭނުން ކުރެވޭނެ ކަމަށް މާނަކުރުމުގެ ހަމަތައް ބޭނުން ކުރުމުގެ ގާނޫނުގައިވާ ކަމަށް އަބްދުއްރަހީމުގެ ވަކީލު ވިދާޅުވި އެވެ. އެފަދަ އިލްމީ ދިރާސާތަކަށް ރިއާއަތްނުކޮށް ދައުވާކުރާނަމަ އޭގެ ބޭނުމެއްވެސް ނެތްކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތުން ބުނީ އެ ދިރާސާ ގަބޫލުނުކުރަނީ ނޫން ކަމަށެވެ. ނަމަވެސް، އެއީ އޭގެ މައްޗަށް އަަމަލުކުރުން ލާޒިމު ދިރާސާއެއް ނޫން ކަމަށާއި ބަލަން ޖެހޭނީ ގާނޫނުލްއުގޫބާތު އެކުލަވާލި އިރު މަޖިލީހުގައި ކުރެވުނު ބަހުސްތަކާއި އެ ގާނޫނުގެ މާއްދާތައް ތަންފީޒުކުރަން ވިސްނާފައި އޮތް ގޮތްތަކަށް ކަމަށެވެ.

ދައުލަތަށް ކުރަން ބޭނުންވި ސުވާލުތައް ކުރުމަށްފަހު އަބްދުއްރަހީމްގެ ފަރާތުން ބުނެފައި ވަނީ ދައުވާއަށް އިންކާރު ކުރާ ކަމަށެވެ.

އެ މައްސަލައިގައި ދައުލަތުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް ނެތް ކަމަށް ދައުލަތުން ބުންޏެވެ. ނަމަވެސް، ދިފާއުން ހުށަހަޅާ ހެއްކަކާ ގުޅިގެން ފަހުން ހުށަހެޅުމެއް ހުށަޅަން ބޭނުންނަމަ އެ ފުރުސަތު ދެއްވުމަށް އެދުނެވެ.

އަބްދުއްރަހީމްގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައް އެބަ ހުރި ކަމަށާއި ލިޔުމުން ހުށަހަޅަން ފުރުސަތު އެދޭ ކަމަށެވެ. އަންނަ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ހުށަހަޅަން ގާޒީ ހަސަން ސައީދު ފުރުސަތު ދެއްވި އެވެ.

ހަޑިހުތުރު އެއްޗެއް ކިޔުމާއި ހަޑިހުތުރު ބަސް ބޭނުންކުރުމުގެ ކުށަކީ ގާނޫނުލްއުގޫބާތުގައިވާ ގޮތުން ޖުނަހުގެ ތިންވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށުގެ އަދަބުގެ އަސާސީ މިންގަނޑަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އިއުތިރާފުވެއްޖެ ނަމަ އަންނާނީ 27 ދުވަހުގެ ޖަލު ހުކުމެކެވެ.

comment ކޮމެންޓް