ފިލުމުގެ ދައުވާއަށް އިއުތިރާފުވެ، އެންމެ ލުއި އަދަބު ދޭން ލުތުފީ އެދިއްޖެ

ތިނެއް ނޮވެމްބަރު 1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާއާ ގުޅިގެން 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައި ވަނިކޮށް ގިނަ ދުވަސްތަކެއް ވަންދެން ސްރީލަންކާގައި ފިލައިގެން އުޅުނު ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ މާލެ ގެނައުން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާއާ ގުޅިގެން ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ބޭސްފަރުވާއަށް ފޮނުވުމުން ފިލި މައްސަލައިގައި އޭނާގެ މައްޗަށް ކުރި ދައުވާއަށް އޭނާ އިއުތިރާފުވެއްޖެ އެވެ.

ހޯމް މިނިސްޓްރީއިން އެއް އަހަރު ދުވަހަށް އޭނާއަށް ދޫކުރި ވަގުތީ ޓްވެވަލް ޑޮކިއުމެންޓްގެ ދަށުން އަމިއްލަ ހަރަދުގައި ބޭސްފަރުވާ ކުރުމަށް 16 ޖެނުއަރީ 2010 ވަނަ ދުވަހު އިންޑިއާއަށް ދިޔުމަށް ފަހު 1 މެއި 2019 ވަނަ ދުވަހާ ހަމައަށް ލުތުފީ އުޅުނީ ފިލައިގެންނެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް އުފުލާފައި ވަނީ މީހުން ބަންދު ކުރާ މަރުކަޒަކުން ފިލުމުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ އެ މައްސަލައިގެ އަޑުއެހުމުގައި ދައުވާއަށް ޖަވާބުދާރީވަމުން ލުތުފީ ބުނެފައި ވަނީ ރާއްޖެއިން ބޭރަށް ފުރީ ކަމާ ބެހޭ ފަރާތްތަކުގެ ހުއްދަ ލިބިގެން ކަމަށެވެ. އެހެންކަމުން، އޭނާ ހަގީގަތުގައި މީހުން ބަންދު ކުރާ މަރުކަޒަކުން ފިލީ ކަމަށް ގަބޫލު ނުކުރާ ކަމަށް ބުންޏެވެ.

ނަމަވެސް، އަވަހަށް މައްސަލަ ނިންމައި ހުކުމް ތަންފީޒުކޮށް ނިންމަން ބޭނުންވާތީ، ދައުލަތުގެ ދައުވާގައިވާ ކަންތައްތަކަށް އިއުތިރާފުވާން ބޭނުންވާ ކަމަށް އޭނާ މިއަދު ބުނެފައިވެ އެވެ. އަދި ދެވެން އޮތް އެންމެ ކުޑަ އަދަބެއް ދިނުމަށް އޭނާ އެދުނެވެ.

ލުތުފީގެ އިއުތިރާފު ބަލައިގަނެ މައްސަލަ އަވަސް ނިޔާއިން ނިންމައި ހުކުމް ކުރަން ފަސް ދުވަހުގެ ތެރޭގައި އަޑުއެހުމެއް ބާއްވާނެ ކަމަށް ގާޒީ އިއުލާނު ކުރެއްވި އެވެ. އެ އަޑުއެހުން ބާއްވާނީ ގާޒީގެ ކުރިމައްޗަށް ލުތުފީ ހާޒިރުކޮށްގެންނެވެ.

މީހުން ބަންދު ކުރާ މަރުކަޒަކުން ފިލުމަކީ ޖިނާއަތުގެ ފަސްވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށް ސާބިތުވެއްޖެ ނަމަ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ނަމަވެސް، އިބްތިދާއީ މަރުހަލާގައި ކުށަށް އިއުތިރާފުވެއްޖެ ނަމަ ލިބޭނެ އަދަބަކީ ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

ތަމަޅައިންގެ ޕްލޯޓް ޖަމާއަތުގެ ޓެރަރިސްޓުންނާ ގުޅިގެން ތިނެއް ނޮވެމްބަރުގައި ލުތުފީ އިސްވެހުރެ ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވި އެވެ. އޭގެ ތެރޭގައި އާންމުންގެ 11 މީހުންނާއި ސިފައިންގެ އަށް މީހަކު ހިމެނެ އެވެ. އަދި އެތައް ބަޔަކަށް ބޮޑެތި ޒަހަމުތައްވެ އަނިޔާވި އެވެ.

އެ މައްސަލަ އޭނާގެ މައްޗަށް ސާބިތުވެ، އެންމެ ފުރަތަމަ ހުކުމް ކުރީ އޭނާ މެރުމަށެވެ. ނަމަވެސް ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ އެ އަދަބު ލުއިކޮށްދެއްވައި 25 އަހަރުގެ ޖަލު ހުކުމަކަށް ބަދަލުކޮށްދެއްވައިފަ އެވެ. އެ ހުކުމް ތަންފީޒުކޮށް ނިމެން އަދި ތިން ވަރަކަށް އަހަރު އެބަ އޮތެވެ.

comment ކޮމެންޓް