ހައްޖުގައި ބައިވެރިވެވޭނީ ކޮވިޑް ވެކްސިން ޖަހާފައިވާ މީހުންނަށް: ސައުދީ އަރަބިއާ

ސައުދީ އަރަބިއާގައި މިދިޔަ އަހަރު ހައްޖު ބޭއްވީ ގައިދުރުކުރުމުގެ ފިޔަވަޅުތަކާ އެކު -- ފޮޓޯ: އޭޕީ

ރިޔާޒް (މާޗް 3): މި އަހަރު ހައްޖުގައި ބައިވެރިވެވޭނީ ކޮވިޑް-19 ވެކްސިން ޖަހާފައިވާ މީހުންނަށް ކަމަށް ސައުދީ އަރަބިއާގެ ހެލްތު މިނިސްޓްރީން އިއުލާންކޮށްފައިވާ ކަމަށް އެގައުމުގެ އޮކާޒް ނޫހުން ރިޕޯޓުކޮށްފި އެވެ.

އޮކާޒް ނޫހުގައިވާ ގޮތުން ސައުދީ ހެލްތު މިނިސްޓްރީން ވަނީ ހައްޖުގައި ބައިވެރިވާ މީހުން ހުއްދަ ހޯދުމަށްޓަކައި ކޮވިޑް ވެކްސިން ޖެހި ކަމުގެ ހެކި ދައްކަން ޖެހޭނެ ކަމަށް ކަނޑައަޅާފަ އެވެ.

"ހައްޖަށް އަންނަން ބޭނުންވާ މީހުން ކޮވިޑް-19 ވެކްސިން ޖެހުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް އަދި އެއީ ހުއްދަ ހޯދުމަށް ކަނޑައަޅާފައިވާ މައިގަނޑު އެއް ޝަރުތައް ވާނެ،" އޮކާޒް ނޫހުގައިވެ އެވެ.

ސައުދީން މިއަހަރުގެ ހައްޖުގައި ބައިވެރިވާން ހުއްދަ ދޭނެ މީހުންގެ އަދަދެއް އަދި ހާމަ ނުކުރެ އެވެ.

އާންމު ގޮތެއްގައި ކޮންމެ އަހަރަކު 2.5 މިލިއަނެއްހާ މީހުން ހައްޖުގެ އަޅުކަމުގައި ބައިވެރިވާ ނަމަވެސް ކޮވިޑް ބަލިމަޑުކަމާ ގުޅިގެން މިދިޔަ އަހަރުގެ ހައްޖުގައި ބައިވެރިވާން ފުރުސަތު ދިނީ ސައުދީގައި ދިރިއުޅޭ 10،000 ވަރަކަށް މީހުންނަށެވެ. އަދި ހައްޖު ކުރީ ގައިދުރުކުރުމުގެ ފިޔަވަޅުތަކާ އެކު އެވެ.

އެގޮތުން ހައްޖުގައި ބައިވެރިވި މީހުން ކުރީބައިގައި ކޮވިޑަށް ޓެސްޓްކޮށް ކުޑަ ދުވަސްކޮޅަކަށް ކަރަންޓީނު ވެސް ކުރި އެވެ. އަދި ހައްޖުގެ އަޅުކަން އަދާކުރާ އިރު ފަސް ފޫޓު ދުރުމިނުގައި ގައިދުރުކޮށް މާސްކު އަޅަން އެންގި އެވެ.

comment ކޮމެންޓް