ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއްގައި ދައުލަތުން ހުށަހެޅި ބުއްދީގެ ތަސައްރަފު ނުފުދޭ ކުއްޖެއްކަން ޝަރީއަތަށް ސާބިތު ކޮށްދޭފަދަ ލިޔުމެއް ބަލައިނުގަނެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި މައްސަލަ ޕީޖީ އޮފީހުން ސުޕްރީމް ކޯޓުގެ މަރުހަލާގައި ކާމިޔާބުކޮށްފި އެވެ.
އުމުރުން 18 އަހަރަށް ވުރެ މައްޗަށް ގޮސްފައިވާ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް އޭނާގެ ޅިޔަނު ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ބުއްދީގެ ތަސައްރަފު ނުފުދޭ ކުއްޖެއްކަން ޝަރީއަތަށް ސާބިތުކޮށްދޭން ދައުލަތުން ހުށަހެޅި ލިޔުމެއް ބަލައިނުގަނެ ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ފެށުމުގެ ކުރިން މައްސަލަ ކޯޓުން ބޭރުކޮށްލައިފަ އެވެ. އެ ނިންމުމަށް ހައިކޯޓުން ތާއީދު ކުރި އެވެ. ދައުލަތުން ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ މި އަހަރުގެ ޖެނުއަރީ 4ގަ އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކުން އަމަލު ކުރުމުގެ ގާނޫނުގައިވާ ގޮތުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ތެރެއިން 18 އަހަރު ފުރިފައިވިޔަސް، ބުއްދީގެ ތަސައްރަފު ނުފުދޭ ކުދިންނާއި މީހުންވެސް ގާނޫނީ ގޮތުން ކުޑަކުދިން ކަމަށް ބެލެވޭނެ އެވެ. ޖިންސީ ގޯނާ ލިބުނު ކުއްޖާއަކީ ހާއްސަ އެހީއަށް ބޭނުންވާ 18 އަހަރުން މަތީގެ ކުއްޖެއް ނަމަ އެ ކުއްޖާއަކީ ބުއްދީގެ ތަސައްރުފު ނުފުދޭ ކުއްޖެއްކަން ޝަރީއަތަށް ސާބިތު ކޮށްދޭފަދަ "ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ރަސްމީ ލިޔުމެއް ނުވަތަ ސަރުކާރު ގަބޫލުކުރާ އެހެން އިދާރާއެއްގެ ލިޔުމެއް" ދައުލަތުގެ ފަރާތުން ޝަރީއަތަށް ހުށަހަޅަން ޖެހޭ ކަމަށް ހައިކޯޓުން މީގެ ކުރިން ނިންމި ގަޒިއްޔާއެއްގައި ބުނެފައިވެ އެވެ.
އެ މައްސަލައިގައި ބުއްދީގެ ތަސައްރުފު ނެތް ކުއްޖެއްކަން ސާބިތު ކުރުމަށް ދައުލަތުގެ ފަރާތުން ހުށަހަޅާފައިވަނީ މޯލްޑިވްސް އިންސްޓިޓިއުޓް ފޯ ސައިކޮލޮޖިކަލް ސާވިސަސް، ޓްރެއިނިން އެންޑް ރިސާޗް (މިޕްސްޓަރ) ފަރާތުން ޑރ. އައިޝަތު އަލީ ނާޒް ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. ނަމަވެސް، ކްރިމިނަލް ކޯޓުންވެސް ހައިކޯޓުންވެސް ނިންމާފައި ވަނީ އެ ރިޕޯޓަކީ ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ރަސްމީ ލިޔުމެއް ނުވަތަ ސަރުކާރު ގަބޫލުކުރާ އެހެން އިދާރާއެއްގެ ލިޔުމެއްގެ ގޮތުގައި ބަލައިނުގަނެވޭނެ ކަމަށެވެ.
މިދިޔަ އާދީއްތަ ދުވަހު، ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމުގައި ވަނީ ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލު ކަމަށް ކަނޑައަޅައި، އެ މައްސަލަ އަލުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި ނަމަ އެ މައްސަލަ އެ ކޯޓުގައި ކުރިއަށްގެންދަންވާނެ ކަމަށް ނިންމައިފަ އެވެ.
އެ ހުކުމުގައި ފާހަގަކޮށްފައި ވަނީ، ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނުގެ ދަށުން ބިހޭވިއަރަލް ސައިންސް ޕްރޮފެޝަނަލުންނަކީ ކޮން ބައެއްކަން ބަޔާންކޮށްފައިވާ ކަމެވެ. ބިހޭވިއަރަލް ސައިންސް ޕްރޮފެޝަނަލުންގެ ތެރޭގައި އެފަދަ ފަރާތަކަށް މަސައްކަތްކުރެވޭނީ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގައި ރަޖިސްޓްރީކޮށް، އެ ކައުންސިލުން ދޫކުރާ ލައިސަންސެއްގެ ދަށުންކަންވެސް ފާހަގަ ކުރި އެވެ.
ޑރ. ނާޒްއަކީ ބިހޭވިއަރަލް ސައިންސް ޕްރޮފެޝަނަލުންގެ ތެރޭގައި ހިމެނޭ ކްލިނިކަލް ސައިކޮލޮޖިސްޓެއް ކަމަށް އެ މައްސަލައިގައި ފާހަގަ ކުރާ ރިޕޯޓުގައި ބަޔާންކޮށްފައިވާއިރު، އެ ރިޕޯޓު ޝަރީއަތަށް ބަލައިނުގަނެވޭނެ ކަމަށް ކަނޑައެޅޭނީ އޭނާ އަކީ ލައިސެންސް ނެތް މީހެއް ނަމަ ކަމަށް ހުކުމުގައިވެ އެވެ. ނުވަތަ އޭނާގެ ރިޕޯޓުގައިވާ ކަންކަމަކީ އޭގެ ސައްހަ ކަމާ މެދު ބަހުސް އުފައްދައި، އެއީ ސައްހަ ނޫން މައުލޫމާތު ކަމަށް ސާބިތުކޮށްދެވޭ ހާލަތުގައި ކަމަށްވެސް ވެ އެވެ.
"މިޕްސްޓަރ އިން ޑރ. އާއިޝަތު އަލީ ނާޒް ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ޖަހާފައިވާ ތައްގަނޑުގައި، އޭނާއަކީ ކްލިނިކަލް ސައިކޮލޮޖިސްޓެއް ކަމަށް ބަޔާންކޮށްފައިވެ އެވެ. އެހެންކަމުން، އެ ރިޕޯޓު ޝަރީއަތަށް ބަލައިނުގަނެވޭނެ ކަމަށް ކަނޑައެޅޭނީ، ގާނޫނުގައިވާ ގޮތުގެ މަތިން، ޑރ. އާއިޝަތު އަލީ ނާޒްއަކީ ސައިކޮލޮޖިސްޓެއްގެ ގޮތަށް މަސައްކަތް ކުރުމުގެ ހުއްދަ ނެތް ފަރާތެއްނަމަ އެވެ. ނުވަތަ ޑރ. އާއިޝަތު އަލީ ނާޒް ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ހިމެނިފައިވާ ކަންކަމަކީ އެކަންކަން ތައުނު ކުރުމުގެ ފުރުސަތު ލިބި، އެކަންކަން ސައްހަ ނޫންކަމަށް ސާބިތުކޮށްދެވޭ ހާލަތުގަ އެވެ،" ހުކުމުގައިވެ އެވެ.
އެ ފަންނުގެ މަސައްކަތްތެރިން ގާނޫނީ ގޮތުން ބަލައިގަނެ، އެ ފަރާތްތަކަށް ލައިސެންސް ދިނުމާ ބެހޭ އުސޫލުތައް ގާއިމްކުރެވިފައިވާއިރު، ޑރ. ނާޒްގެ ރިޕޯޓަކީ ސަރުކާރުގެ އިދާރާއެއް ނުވަތަ ސަރުކާރު ގަބޫލު ކުރާ ފަރާތަކުން ހުށަހަޅާފައިވާ ރިޕޯޓެއް ނޫން ކަމަށް ބަލައިނުގަންނަން ނިންމީ އެއްވެސް ގާނޫނީ ހަމައެއްގެ މައްޗަށް ބިނާވެގެން ނޫން ކަމަށް ހުކުމުގައިވެ އެވެ.
18 އަހަރުން މަތީގެ ކުއްޖެއް އެއީ ބުއްދީގެ ގޮތުން ތަސައްރަފު ނުފުދޭ ކުއްޖެއްކަން ސާބިތު ކުރުމަށް ކަމާ ބެހޭ ގާނޫނުތަކުން ހުއްދަ ކުރާ އަދި ހުއްދަ ލިބިފައިވާ ކޮންމެ ފަރާތެއްގެ ލިޔުމެއް ޝަރީއަތަށް ބަލައިގަނެވޭނެ ކަމަށް އެ ހުކުމުގައި ކަނޑައަޅާފައިވެ އެވެ.
އެ ބާވަތުގެ ކަންކަމަށް ސަރުކާރުގެ ވަކި އިދާރާއެއްގެ ލިޔުމެއް އޮންނަންވާނެ ކަމަށް ބުނެ އިތުރު އާ ތަކުލީފުތަކެއް ކޯޓުތަކަށް ތައާރުފު ނުކުރެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ.
"ގާނޫނުގައި މި ފަންނުގެ ފަރާތްތައް މަސައްކަތްކުރަންޖެހޭ ގޮތާއި މަސައްކަތް ކުރަން ދޫކުރެވޭ ލައިސަންސް ނުވަތަ ރެޖިސްޓްރޭޝަންގެ ކަންކަން އޮންނާނެ ގޮތް ބަޔާންކޮށްފައި ވާއިރު އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި 18 އަހަރުންމަތީގެ ކުއްޖެއް އެއީ ބުއްދީގެ ގޮތުން ތަސައްރުފު ނުފުދޭ ކުއްޖެއްކަން ސާބިތުކުރުމަށްޓަކައި ވަކި ތަނެއްގެ ލިޔުމެއް ހުށަހަޅަން ޖެހޭނެކަމަށް ހުދު އެ ގާނޫނުގައިވެސް ކަނޑައަޅާފައިނުވާއިރު، މި ބާވަތުގެ ކަންކަމަށް ސަރުކާރުގެ ވަކި އިދާރާއެއްގެ ލިޔުމެއް އޮންނަންވާނެ ކަމަށް ބުނެ އިތުރު އައު ތަކުލީފުތަކެއް ކޯޓުތަކަށް ތައާރުފު ނުކުރެވޭނެ އެވެ،" ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އަޒްމިރަލްދާ އެވެ.