ސުނިލް ޝެޓީގެ ދަރިފުޅު އަހާން ބޮލީވުޑަށް ނުކުންނަ ފިލްމުގެ ޕޯސްޓަރުތަކެއް ދައްކާލައިފި

ތަޅަޕް ގެ ޕޯސްޓަރުތަކެއް--

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސުނިލް ޝެޓީގެ ފިރިހެން ދަރިފުޅު އަހާން ޝެޓީ ބޮލީވުޑަށް ތައާރަފުކުރާ ފިލްމު "ތަޅަޕް"ގެ ޕޯސްޓަރުތަކެއް ދައްކާލައިފިއެވެ.

މިލަން ލުތްރިޔާގެ ޑައިރެކްޝަނަކަށް އުފައްދާ މި ފިލްމުގެ ޕޯސްޓަރުތައް މިއަދު ދައްކާލިއިރު އަކްޝޭ ކުމާރު އަދި އަޖޭ ފަދަ ސީނިއާ ތަރިންތަކެއް ވަނީ ޕޯސްޓަރުތައް ޝެއާވެސް ކޮށްފައެވެ. އެ ފިލްމަކީ "އާރްއެކްސް 100" ގެ ރިމޭކެކެވެ.

އަހާން ބޮލީވުޑަށް ނުކުންނަ ފިލްމު "ތަޅަޕް"ގެ އަންހެން ބަތަލާގެ ރޯލު ކުޅޭނީ "ސްޓޫޑެންޓް އޮފް ދަ އިޔާ 2" އިން ބޮލީވުޑަށް ތައާރަފްވި ބަތަލާ ތާރާ ސުތާރިއާ އެވެ. މިއީ އޭނާ ކުޅޭ ތިން ވަނަ ފިލްމުވެސްމެއެވެ.

ޕްރޮޑިއުސަރު ސާޖިދް ނަދިއަދްވާލާ ބޭރުގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބުނީ އަހާން އާއި ތާރާގެ ޖޯޑު ވަރަށް ފުރިހަމަ ވާނެ ކަމަށާއި އެދެތަރިންގެ ކެމިސްޓްރީ ވަރަށް ވަރުގަދަ ވާނެކަމަށެވެ. މި ފިލްމުން ވަރުގަދަ އެކްޝަން މަންޒަރުތައް ފެންނާނެއެވެ. މި ފިލްމަކީ ރޮމޭންޓިކް ޑްރާމާއެކެވެ.

އަހާން ޝެޓީ ބޮލީވުޑަށް ނުކުންނަން ތައްޔާރުވަމުން އަންނައިރު އޭނާގެ ދައްތަ އާތިޔާ ޝެޓީ ދަނީ ފިލްމު 2015 ވަނަ އަހަރު "ހީރޯ" އިން ބޮލީވުޑަށް ތައާރަފްވެފައެވެ.

comment ކޮމެންޓް