ދެއްވަދޫ އަނެއްކާވެސް މޮނީޓަރިން އަށް ލައިފި

ގއ. ދެއްވަދޫ -- ސެޓެލައިޓް ފޮޓޯ

ގއ. ދެއްވަދޫ އަނެއްކާވެސް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ ދެއްވަދޫ މޮނިޓަރިން އަށް ލީ އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޮވިޑް19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައް ބެލުމަށް ކަމަށެވެ.

އެގޮތުން އެނާ ކަރަންޓީނުގައި ހުރި އިރު ބައެއް މީހުންނާ ކޮންޓެކްޓުވެފައިވާ ކަމަށް މައުލޫމާތު ލިބޭ ކަމަށާއި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންތައް ބެލުމަށް އެރަށް މޮނީޓަރިން އަށް ލީ ކަމަށްވެސް އެޗްއީއޯސީ އިން ބުންޏެވެ.

ދެއްވަދުއިން ކޮވިޑް ކޭސްތަކެއްފެނި މީގެ ކުރިން ރަށް މޮނީޓަރިން އަށް ލުމަށްފަހު މޮނީޓަރިން އުވާލީ މަހެއް ފަހުންނެވެ. އެފަހަރު އެރަށުން 95 މީހަކު ބައްޔަށް ޕޮޒިޓިވްވި އެވެ.

ދެއްވަދޫގެ އިތުރުން ބާރަށުގައި އެއް ގެޔެއްގައި ތިބި ނުވަ މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމުން އެރަށްވެސް އޮތީ މޮނީޓަރިންގައެވެ. ބާރަށް މޮނީޓަރިން އަށް ލީ ޕޮޒިޓިވްވި މީހުން ތިބި ގޭގއި އުޅުނު ބަޔަކާ އެމީހުން ކޮންޓެކްޓު ވެފައިވާތީ ކޮންޓެކްޓުންގެ ޓެސްޓު ހަދައި ނަތީޖާ ލިބެންދެންނެވެ.

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 19،979 އަށް އަރައިފައެވެ. މިވަގުތު 2،567 މީހަކު ބައްޔަށް ފަރުވާ ހޯދަމުންދާއިރު 181 މީހަކު ތިބީ ހޮސްޕިޓަލުގައެވެ.

ބަލީގައި މިހާތަނަށް 62 މީހުން ރާއްޖެއިން މަރުވެފައިވެއެވެ. ރާއްޖެއިން ކޮވިޑް ޖެހިގެން ރަނގަޅުވި މީހުންގެ ޖުމްލަ އަކީ 17،343 އެވެ.

comment ކޮމެންޓް