ޕެސްޓުގެ ބަންދަށް އިތުުުރު 10 ދުވަސް ޖަހައިފި

ޕެސްޓު، އަދި އޭނާ އާއެކު ހައްޔަރުކުރި އެހެން މީހުން --- ފޮޓޯ: ޕޮލިސް

މަސްތުވާތަކެތީގެ މައްސަލައެއްގައި މިދިޔަ މަހުގެ 13 ވަނަ ދުވަހު ހައްޔަރު ކުރި މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓު)ގެ ބަންދަށް އިތުރު 10 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

އެ މައްސަލާގައި ޕެސްޓުގެ އިތުރުން ދެން ހިމެނޭ މީހުންގެ ބަންދުގެ މުއްދަތުވެސް ކޯޓުން ވަނީ އިތުރު ކޮށްފައެވެ.

އެގޮތުން މައްސަލާގައި ހިމެނޭ އަހުމަދު ހުޝާމް، އަދި މުހަައްމަދު ސުއައިދުގެ ބަންދަށް ވެސް 10 ދުވަސް އިތުރު ކޮށްފައިވާއިރު އެ މައްސަލާގައި ހައްޔަރު ކުރި އަހުމަދު ޝަމްއޫން އާއި އަބްދުﷲ ސާޖިއުގެ ބަންދަށް ވަނީ އިތުރު ފަސް ދުވަސް ޖަހައިފައެވެ.

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު އެ މީހުން ހައްޔަރު ކުރިއިރު 2.5 ކިލޯގެ މަސްތުވާތަކެތި އެ މީހުންގެ އަތުން ފެނުނު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އެ އޮޕަރޭޝަނަކީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށެވެ.

އެ އޮޕަރޭޝަނުގައި މާލޭގެ ހަތަރު ގެއަކާއި ސައިކަލަކާއި ނޯތު ހާބަރުގައި އޮތް ބޯޓެއް ބަލައިފާސްކޮށް ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވަނީ ހޯދާފަ އެވެ.

އެ މައްސަލާގައި ޕެސްޓު ހިމެނޭހެން ފަސް މީހުން ހައްޔަރު ކުރިއިރު އެ މީހުންގެ ވަނަވަރު އާންމުކުރީ އިއްޔެ އެވެ.

މައްސަލައިގައި ހިމެނޭ އަހްމަދު ހުސާމަކީ ވެސް ސިމްބޮލިކް ރެކޯޑްސްގެ އާޓިސްޓެކެވެ. ހުސާމް މަޝްހޫރުވެފައި ވަނީ "ޖަހުލު"ގެ ނަމުންނެވެ.


އެ މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް