ބ. ފެހެންދޫއާއި ގޮއިދޫ ކޯޒްވޭއަކުން ގުޅާލަން ބަޖެޓުގައި ހިމަނާފައި ވީނަމަވެސް، މިހާރު އެއީ ކޮންމެހެން ބޭނުންކަމެއްތޯ ސުވާލު އުފައްދައި، ސަރުކާރުން އެކަމާ ދޭތެރޭ މަޝްވަރާކުރަން ނިންމައިފި އެވެ.
ކޯޒްވޭ އާ ގުޅިގެން ސަރުކާރުން ދެވަނަ ވިސްނުމަކަށް ގޮސްފައިވާކަން ހާމަކުރެއްވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނާއެކު ރޭ ބޭއްވި "ރަށްވެހި ފަތިސް" ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.
ފެހެންދޫއާއި ގޮއިދޫއަކީ އެއް ފަޅެއްގައި އޮންނަ ދެ ރަށެވެ. ފެހެންދޫ ސްކޫލު ބަންދުކުރިފަހުން އެތައް އަހަރެއް ވެފައިވާއިރު، އެރަށު ކުދިން ސްކޫލަށް ދަނީ ޑިންގީއެއްގައި 10 ވަރަކަށް މިނެޓުގެ ދަތުރެއް ކޮށް، ގޮއިދޫއަށެވެ.
ދެހާސް ނަވާރަ ވަނަ އަހަރުގެ ޖުލައި މަހުގެ 30 ވަނަ ދުވަހު ފެހެންދޫއަށް ކުރެއްވި ދަތުރުފުޅެއްގައި ރައީސް ސޯލިހު ވަނީ، ފެހެންދޫ ކިޔަވާ ކުދިންނާއި ބެލެނިވެރިންނަށް ލުޔެއް ހޯދައިދިނުމަށް ދެ ރަށް ކޯޒްވޭއަކުން ގުޅާލަ ދެއްވާނެކަމަށް ވިދާޅުވެފަ އެވެ.
މަޖިލީހުން ފާސްކުރި 2020 ވަނަ އަހަރުގެ ބަޖެޓުގައި ފެހެންދޫ-ގޮއިދޫ ކޯޒްވޭ ހަދަން ހިމަނައި އެ މަޝްރޫއަށް 210,000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. އަދި 2021 ވަނަ އަހަރުގެ ބަޖެޓުގައި 16،200،000 ރުފިޔާ، 2022 ވަނަ އަހަރުގެ ބަޖެޓުގައި 9،915،000 ރުފިޔާ ލަފާކޮށްފައިވެ އެވެ.
ނަމަވެސް އެ މަސައްކަތް ކުރިއަށް ނުދާތީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރަށު ކައުންސިލްގެ ރައީސް މޫސާ ނަސީމް ރޭ ވަނީ ފާޅުކުރައްވައިފަ އެވެ.
އެ ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ވިދާޅުވީ ކުރިން ސަރުކާރުން ހިޔާލުކޮށްފައި އޮތީ ގޮއިދޫ-ފެހެންދޫ-ފުޅަދޫ ގުޅާލަން ކަމަށާއި އެހެން ނަމަވެސް މިހާރު ތިން ރަށުގައި ވެސް ބަނދަރު ހެދިފައި ވާތީ، ކޯޒްވޭގެ މަސައްކަތާ މެދު އަލުން ވިސްނަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"އަޅުގަނޑު ހިތަށް އަރަނީ މިކަމާ ދޭތެރޭގައި އިތުރަށް މިހާރު ވިސްނަން އެބަ ޖެހެޔޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އޭރު ވިސްނުން ހުރީ އެއް ބަނދަރުން ތިން ރަށް ގުޅާލުމަށް ނަމަވެސް ތިން ރަށުގައި ވަކިން ބަނދަރު ހަދާފައި ވަނީ ވެސް އެކަން މުހިންމުވުމުން ކަމަށެވެ. އަދި ބަނދަރު ހެދުމަށް 90 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި، ބަނދަރު ހެދުމަށް ފަހު ކޯޒްވޭ އެއް ހެދުމަކީ ބޮޑު ހަރަދަކަށް ވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ކޯޒްވޭ އާ ގުޅިގެން ގޮތެއް ނިންމާނީ ރައްޔިތުންނާ މަޝްވަރާކުރުމަށް ފަހު ކަމަށެވެ.
"އެހެންވީމަ އެއާ ދޭތެރޭ ވިސްނާފަ އަލުން އަޅުގަނޑު ދާނަން މަޝްވަރާ ކުރަން ތިބޭފުޅުންނާ. ކޮށްފަ ގޮތެއް ނިންމަން އަޅުގަނޑަށް ފެންނަނީ،" ރައީސް ވިދާޅުވި އެވެ.
ފެހެންދޫ ދަރިވަރުންނަށް ގޮއިދޫއަށް ސްކޫލަށް ދިއުމުފައި ހުރި ދަތިތައް ހައްލު ކުރުމަށް އިންޑިއާ ސަރުކާރުން ވަނީ ލޯންޗު ފެރީ އެއް ހަދިޔާކޮށްފަ އެވެ.