ޔާމީނަށް ވާދަ ނުކުރެވޭނަމަ ރައީސްކަމަށް ކުރިމަތިލާން ޑރ. ވަހީދު ޝައުގުވެރިވޭ

ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭ ހާލަތުގައި ރައީސްކަމަށް ކުރިމަތިލުމަށް ޝައުގުވެރިވާކަމުގެ އިޝާރާތެއް ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ރޭ ދިވެހިރާއްޖޭގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުން ފުރުސަތު އޮތްތޯ ޕްރެޒެންޓަރު ސުވާލު ކުރެއްވުން ޕީޕީއެމްގެ އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ޑރ. ވަހީދު ވިދާޅުވީ، އެމަނިކުފާނަށް ވާދަކުރެއްވުމުގެ ފުރުސަތު އޮތް ކަމަށް ޕާޓީއިން ގަބޫލު ކުރާ ކަމަށެވެ. މިހާރު މަސައްކަތް ކުރަމުން ދަނީ އެގޮތަށް ގަބޫލުކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީނަށް މިނިވަން ނުވެވިއްޖެ ނަމަ، ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ފަރާތެއް ނިންމާނީ ޕްރައިމަރީއެއް ބާއްވައިގެން ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ޑރ. ވަހީދު ވިދާޅުވި އެވެ.

"އެއީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ޑިޒިޝަނެއް ދެއްތޯ. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރައީސް ޔާމީނަށް ކުރިމަތި ނުލެއްވޭ ފަދަ ހާލަތެއް ދިމާވެއްޖެ ނަމަ، ޕާޓީގެ ފަރާތުން ޕްރައިމަރީއެއް ބާއްވާނެ،"

ޕްރައިމަރީއަރީއަކުން ފުރުސަތު ލިބިވަޑައިގެންނެވި ނަމަ ވާދަ ކުރައްވާނަންތޯ ޕްރެޒެންޓަރު އެއްސެވުމުން ޑރ. ވަހީދު ވިދާޅުވީ، އެކަމާ އެއްޗެއް ވިދާޅުވަން މާ އަވަަސް ކަމަށެވެ. ނަމަވެސް، ވެވުނު ގޮތަކަށް ގައުމަށް ހިދުމަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވި އެވެ.

"އަދި މާ އަވަސް އެކަމާ ބެހޭގޮތުން އެއްޗެއް ދަންނަވަން. އެހެންނަމަވެސް، އަޅުގަނޑު މިހިރީ އަޅުގަނޑަށް ވެވުނު ގޮތަކަށް ގައުމަށް ހިދުމަތް ކުރަން އަދިވެސް،" ޑރ. ވަހީދު ވިދާޅުވި އެވެ.

"ރައީސް ޔާމީނަށް ކުރިމަތި ނުލެވޭ ހާލަތެއް ނަމަ ޕާޓީން ނިންމާނީ ގައުމަށް އަދި ޕާޓީއަށް ވެސް އެންމެ ރަނގަޅަށް. އެ އެންމެ ރަނގަޅު ގޮތަކީ އަޅުގަނޑު އެ މަގާމަށް ކުރިމަތިލުން ކަމަށްވާނަމަ އެއީ އެންމެ ރަނގަޅު ގޮތް،" ޑރ. ވަހީދު ވިދާޅުވި އެވެ.

ރައީސް ކަމަށް އިންތިހާބުވިޔަސް ލިބިވަޑައިގަންނަވާނެ އިއްޒަތެއް ޝަރަފެއް ނެތް ކަމަށްވެސް ޑރ. ވަހީދު ވިދާޅުވި އެވެ. މީގެ ކުރިންވެސް ދެ އަހަރު ދުވަހު ރައީސް ކަމުގައި ހުންނެވިކަން ފާހަގަކުރެއްވި އެވެ. އުމުރުފުޅުގައި ބާކީ މާ ގިނަ ދުވަސްތަކެއް ހުރި ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅުވެ، އެމަނިކުފާނު ވިދާޅުވީ، ބޭނުންފުޅުވަނީ ގައުމަށް ހިދުމަތް ކުރެއްވުން ކަމަށެވެ.

"އޮތް މަދު ދުވަސްކޮޅުގައިވެސް އަޅުގަނޑު ގަބޫލު ކުރަނީ ހިދުމަތް ކޮށްދެވެން ފުރުސަތެއް ލިބިއްޖެ ނަމަ ކޮށްދޭން ވާނެ ކަމަށް،"

ރައީސް ޔާމީން ޖަލަށް ލުމުގެ ކުރިން އެމަނިކުފާނު ވަނީ ޕާޓީއަށް "މިނިކާ ބާޒުތަކެއް" ސަވާރުވާން އުޅޭ ކަމަށް ވިދާޅުވެ، އާންމު މެމްބަރުންނަށް އިންޒާރު ދެއްވައިފަ އެވެ. ޑރ. ވަހީދަކީ އެފަދަ މިނިކާ ބާޒެއްތޯ ސުވާލު ކުރެއްވުމުން އެމަނިކުފާނަކީ އެފަދަ ބޭފުޅެއް ނޫން ކަމަށާއި، ރައީސް ޔާމީން ފާހަގަކުރެއްވީ އިންތިހާބާ ދިމާކޮށް ޕާޓީއާ ގުޅޭ މީހުންގެ ވާހަކަ ކަމަށެވެ. އަދި އެމަނިކުފާނު އަމިއްލަ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ޕީޕީއެމްއާ ގުޅިވަޑައިގެންނެވިކަން ފާހަގަ ކުރެއްވި އެވެ.

ރޭގެ ޕްރޮގްރާމުގައި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޑރ. ވަހީދު ވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވީ ބަގާވާތަކުން ނޫންކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ. އަދި ނައިބު ރައީސްކަމުގައި ހުންންވައި އޭރުގެ އިދިކޮޅު ސިޔާސީ މީހުންނާ ބައްދަލުކުރެއްވީ ރައީސް ނަޝީދު އިސްތިއުފާ ދެއްވައިފިނަމަ ހައްދަވާނެ ގޮތަކާ ބެހޭގޮތުން ވާހަކަ ދައްކަވަން ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން، ސިޔާސީ ކެރިއަރުގައި ކުރެއްވުނު އެންމެ ހިތި ތަޖުރިބާއަކީ އެމަނިކުފާނު 2013ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވައި ނާކާމިޔާބުވެވަޑައިގަތުން ކަމަށްވެސް ވަހީދު ވިދާޅުވިއެވެ.

comment ކޮމެންޓް