ކުޅުދުއްފުށީ މަގުހެދުމުގެ ދެވަނަ ފިޔަވަހީގައި އާރްޑީސީ އާއެކު ސޮއިކޮށްފި

ކުޅުދުއްފުށީ ސިޓީގެ މަގުހެދުމުގެ ދެވަނަ ފިޔަވަހީގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެކު ހައުސިން މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ.

އާރުޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު މޫސާ އަލި މަނިކު އެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.

އާރްޑީސީއަށް މަސައްކަތް ހަވާލުކުރީ 510 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، 100.7 މިލިއަން ރުފިޔާއަށެވެ.

އާރްޑީސީއާ ހަވާލުކުރީ ކުޅުދުއްފުށީގެ ހަ ކިލޯމީޓަރު މަގުތަކުގައި ތާރުއަޅައި، މަގުތަކުގައި ފެންހިންދާ ނިޒާމު ގާއިމުކޮށް، މަގުބައްތި ޖެހުމަށެވެ.

ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދާތާ މިހާރު 10 އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. ނަމަވެސް އެކި ސަބަބުތަކާ ހެދި މަސައްކަތް މުޅިން ނިންމާލެވޭ ގޮތް އަދި ނުވެ އެވެ.

comment ކޮމެންޓް